ބޮޑެތި ބަލިތަކަށް އެކަށީގެންވާ ފަރުވާގެ ޚިދުމަތް ރާއްޖޭގައި ގާއިމުކުރެވުމާއެކު، ބޭރަށް ފޮނުވާ މީހުންގެ އަދަދު މަދުކުރެވުނު ނަމަވެސް، އެ ބަދަލު ޚަރަދުން ފާހަގަނުވަނީ ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް އަދިވެސް ރާއްޖެއިން ބޭރަށް ބޮޑު ހޭދައެއް ކުރަންޖެހުމުގެ ސަބަބުން ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން ސިއްޙީ ޚިދުމަތަށް ކުރާ ހޭދައަކީ ހަމައެކަނި ފައިސާއިން އަގުމަގު ކުރާ އެއްޗަކަށްވުރެ ބޮޑަށް، ދުޅަހެޔޮ އާބާދީއަކަށް ކުރާ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. މެންބަރު ސުވާލު ކުރެއްވީ ރާއްޖެއިން ބޭރަށް ބޮޑު ހޭދައެއް ކުރުމާއި އެކަމަށް ޙައްލު ހޯދުމަށް ސަރުކާރުން ގެންގުޅުއްވާ ދުރު ރާސްތާ ޕްލޭނާ ގުޅޭގޮތުންނެވެ.
ވަޒީރު ގީލާ ފާހަގަކުރެއްވި ގޮތުގައި، ބޮޑެތި ބަލިތަކުގެ ފަރުވާ ރާއްޖެއިން ލިބޭނެ ގޮތް ހެދުމަށް މިދިޔަ އަހަރުތަކުގައި ގިނަ ޚިދުމަތްތަކެއް ވަނީ ފުޅާކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އާސަންދައިގެ ދަށުން ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަ މީހުންގެ އަދަދު ވަނީ މަދުކުރެވިފައެވެ. އެގޮތުން 2023 އިން 2025 ގެ ނިޔަލަށް ބަލާއިރު، ޖުމްލަ 338 މީހުންގެ މަދުވުމެއް އައިސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ނަމަވެސް، މި ބަދަލު މާލީ ގޮތުން ބޮޑުތަނުން ފާހަގަނުވަނީ ކެންސަރު ބަލީގެ ފަރުވާއަށް ބޭރަށް ފޮނުވާ މީހުންގެ އަދަދު އިތުރުވަމުންދާތީއެވެ. ވަޒީރު ވިދާޅުވީ، "2023-2025 އަށް، 483 މީހުން ކެންސަރަށް ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވި. ކެންސަރު ނޫން ބަލިތަކަށް 821 މީހުން މި މުއްދަތުގައި ވަނީ މަދުކުރެވިފައި. މިއީ ރާއްޖޭގައި އެ ފަރުވާތައް ލިބެން ފެށުމުން ފެންނަ ބަދަލު."
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެއިން ބޭރަށް މިހާރު މީހުން ފޮނުވަނީ ރާއްޖޭގައި ދެވެން ނެތް ފަރުވާތަކަށާއި، ބޮޑެތި ސްޕެޝަލިސްޓް ފަރުވާތަކުގެ އިތުރުން ކެންސަރު އަދި ނާރުގެ އޮޕަރޭޝަންތަކަށް ކަމަށެވެ. އަދި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ބޭރަށް ފޮނުވި މީހުންގެ ތެރެއިން އެންމެ ގިނައީ ކެންސަރު ބަލީގެ ފަރުވާއަށް ފޮނުވި މީހުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރެއިން މިފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ދެވޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.