ދިވެހި ލިޔުންތެރިންނަކީ ލިޔުންތެރިކަމުގެ އަމާނާތް ފުރިހަމައަށް އަދާކުރި ބައެއްކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާ މަންސަތަކުގައި ޝާއިއިކުރެއްވި ލިޔުއްވުމެއްގައެވެ.
މި މުނާސަބަތުގައި ވަޒީރު ވަނީ ދިވެހިރާއްޖޭގެ ހުރިހާ ލިޔުންތެރިންނަށް ދުވަހުގެ ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރައްވާފައެވެ. ވަޒީރުގެ މެސެޖުގައި ދިވެހި ލިޔުންތެރިން ގައުމީ ފެންވަރުގައި ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
ވަޒީރު ހީނާ ވިދާޅުވީ ދިވެހި ލިޔުންތެރިންނަކީ "އިސްލާހު" ގެ އިލްމީ މަޒުމޫނުތަކުން ގައުމު ހޭލުންތެރިކުރުވި ބައެއް ކަމަށެވެ. އަދި "ވާހަކަ ކޮމިޓީ" ގެ އުފެއްދުންތެރިކަމުން ދިވެހިންގެ ކިޔުންތެރިކަމަށް ހިތްވަރުދެއްވައި، ތަހުޒީބީ ފިކުރާއި ގައުމިއްޔަތުގެ ރޫހު ދިވެހިންގެ ހިތްތަކުގައި އަށަގެންނެވުމުގައި ލިޔުންތެރިން މުހިންމު ދައުރެއް އަދާކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހި ލިޔުންތެރިކަމަށް އިތުރު އާރޯކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހިންގެ މެދުގައި ކިޔުންތެރިކަމުގެ އާދަ އިތުރަށް ކުރިއެރުވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވަމުން ވަޒީރު ވަނީ ލިޔުންތެރިންގެ މަސައްކަތްތަކަށް ސަނާ ވިދާޅުވެފައެވެ.