ދިވެހިރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގެ ގަވާއިދު ގެޒެޓްކޮށް، އެ ހިދުމަތް ރާއްޖޭގައި ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މި ސަރުކާރުން ވަމުންދާކަމަށް ހެލްތު މިނިސްޓަރ ގީލާ އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެމްބަރު ކުޑޫ ވަނީ ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގެ ގާނޫނީ ހުރަހެއް ނެތްއިރު، ދައުލަތުން ބޮޑު ހަރަދެއްކޮށްގެން ރާއްޖެއިން ބޭރުން އެ ހިދުމަތް ހޯދަނީ ކީއްވެތޯ އާއި އެކަން ރާއްޖޭގައި ނުކުރެވިގެން އުޅެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޮރެންސިކް ލެވެލް 2ގެ މެޑިކަލް ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މިހާރު ފަށާފައިވާ ކަމަށެވެ.
މިނިސްޓަރ ގީލާ ވިދާޅުވި ގޮތުގައި، އަލަށް ގާއިމްކުރާ ޔުނިޓާއެކު މުޅި ރާއްޖެއަށް ބޭނުންވާ ފޮރެންސިކް ކްލިނިކަލް ހިދުމަތާއި މެޑިކަލް ލީގަލް ޕޯސްޓްމޯޓަމްގެ ހިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވިގެންދާނެއެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ބިންވެސް މިހާރު ކަނޑައެޅިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޕޯސްޓްމޯޓަމްގެ ހިދުމަތަކީ ރައްޔިތުންގެ އިހުސާސްތަކާ ގުޅިފައިވާ ހައްސާސް ކަމަކަށްވާތީ، މިފަދަ ހިދުމަތެއް ގާއިމްކުރުމުގައި ދުރާލާ ތައްޔާރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފޮރެންސިކް ޕެތޮލޮޖީގެ ހިދުމަތް ދިނުމަށް އެކުލަވާލަންޖެހޭ ގަވާއިދު މިހާރު އޮތީ ގެޒެޓްކުރުމުގެ މަރުހަލާގައި ކަމަށްވެސް ވިދާޅުވިއެވެ.
"މި ހިދުމަތް ފެށުމަށް ކަމާ ގުޅުންހުރި ފަރާތްތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރެވި، ގަވައިދު ވަރަށް އަވަހަށް ގެޒެޓު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން" މިނިސްޓަރ ވިދާޅުވިއެވެ.
މި ހިދުމަތް ރާއްޖޭގައި ގާއިމްވުމުން، ޝަރުއީ ގޮތުން ބަލަންޖެހޭ މަރުގެ މައްސަލަތަކާއި، މަރުގެ ސަބަބު ދެނެގަތުމަށް ކުރާ ތަހުލީލުތަކުގެ އިތުރުން ޖިންސީ އަދި ޖިސްމާނީ ގޯނާތަކާ ގުޅޭ ތަހުލީލުތައްވެސް ރާއްޖޭގައި ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.