ރާއްޖޭގައި ހިމަބިހި ކޮންޓްރޯލް ނުކުރެވޭ ހާލަތަކަށް ނުދާ ކަމަށާއި، ބަލި އިތުރަށް ފެތުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާ ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ. ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކުގެ ތެރޭގައި ހިމެނޭ ބައްޔެކެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޤީލާ ވިދާޅުވީ، މިއަހަރުގެ މޭ މަހުން ފެށިގެން ރާއްޖެއިން ހިމަބިހީގެ ކޭސްތައް ފެންނަމުންދާ ކަމަށެވެ. އަދި މި ބަލީގެ ގިނަ ކޭސްތައް ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި ބައްޔަކީ ހަލުވިކަމާއެކު ގައިން ގަޔަށް އަރާ ބައްޔެއް ނަމަވެސް، މިވަގުތު ރާއްޖޭގައި ކަންބޮޑުވާން ޖެހޭ ހާލަތެއް ނެތް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ބަލީގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ހިމަބިއްސަކީ ވަރަށް ކުރު މުއްދަތެއްގައި އެކަކު ގައިން އަނެކަކު ގަޔަށް އަރާ ބައްޔަކަށްވާތީ އެ ބަލި ފަސޭހަވާން ނަގާ މުއްދަތުވެސް ވަރަށް ކުރުވާނެ. އެހެންކަމުން މި ބައްޔަކީ އަޅުގަނޑުމެންނަށް އާދަޔާ ޚިލާފު ނުވަތަ ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދާ ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން،" ކަމަށެވެ. އެހެންނަމަވެސް ކޮންމެ ބައްޔަކީވެސް އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޤީލާ އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އާބާދީގެ 99 އިންސައްތަ މީހުން ވަނީ ހިމަބިއްސަށް ވެކްސިން ޖަހާފައެވެ. އެހެންކަމުން ބަލި ފެތުރުމުގެ ފުރުސަތު ނިސްބަތުން ކުޑަ ކަމަށާއި، ވެކްސިން ޖަހާފައިވާ އާބާދީއެއް އޮތުމުން ބަލީގެ ހާލަތު ގޯސްނުވެ ފަރުވާ ދިނުމުގައި ލުއިފަސޭހަތަކެއް ހުރި ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެއިތުރުން، ބަލީގެ ހާލަތުގެ އިތުރު ތަފްސީލުތައް ރައްޔިތުންގެ މަޖިލީހާ ވަކިން ހިއްސާ ކުރައްވާނެ ކަމަށްވެސް ވަޒީރު ޤީލާ ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ އަމާޒަކީ ބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމެވެ.