މޯލްޑިވްސް ޒަކާތު ހައުސް އަދި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ ގުޅިގެން، މެލޭޝިޔާގެ އިންސިފް (INCEIF) ޔުނިވަރސިޓީގެ މަތީ ފަންތީގެ ވަފުދަކާއެކު މިއަދު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ފަރާތުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، މުއައްސަސާގެ ތަރައްޤީއަށާއި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރެވިދާނެ އާ ދާއިރާތައް ދެނެގަތުމެވެ.
އިންސިފް ޔުނިވަރސިޓީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެ ޔުނިވަރސިޓީގެ ޑެޕިއުޓީ ޕްރެޒިޑެންޓް އޮފް އޮޕަރޭޝަންސް އަލްފާޟިލް ޝަޒްމީރު މުޚްތާރާއި، ޑިރެކްޓަރ އޮފް ރެޖިސްޓްރާރސް އޮފީސް، ސްޓޫޑަންޓް އެކްސްޕީރިއަންސް އެންޑް އެލުމްނާއި ރިލޭޝަންސް އަލްފާޟިލާ ސިތީ ފަރީޒާ މުޙައްމަދު ދަޙްލާނެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ސްޓްރެޓީޖިކް އެއްބާރުލުމާއި، ފަންނީ ތަރައްޤީ އަދި މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން މޯލްޑިވްސް ޒަކާތު ހައުސްގެ އިންސާނީ ވަސީލަތްތަކާއި މުއައްސަސާގެ ހިންގުން ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ޒަކާތުގެ ނިޒާމު ބެލެހެއްޓުމާއި އިޖުތިމާޢީ ފައިދާއަށް ހިންގޭ މަޝްރޫޢުތައް ކުރިއެރުވުމަށްޓަކައި ދެ ފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ޚިޔާލު ބަދަލުކުރެވުނެވެ.
އެގޮތުން މުއައްސަސާގެ ފެންވަރު މަތިކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ޒަކާތުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ނަތީޖާ ނެރެވޭނެ ފަދަ މަސައްކަތްތަކެއް ގުޅިގެން ކުރުމަށް މި ބައްދަލުވުމުގައި ވަނީ އެއްބަސްވެވިފައެވެ.