ޗައިނާގެ ޔުނާން ޕްރޮވިންސުން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު މިއަދު ހަދިޔާކޮށްފިއެވެ. މި އެހީއަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ޒުވާނުން ބާރުވެރިކުރުވުމަށް ޗައިނާއިން ދެމުންގެންދާ އެއްބާރުލުމުގެ ދަށުން ފޯރުކޮށްދިން އެހީއެކެވެ.
މާލޭ ޔޫތު ހަބުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ތަކެތި ސަރުކާރާ ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިންހުއާ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން، ކުޅިވަރާ ބެހޭ ވުޒާރާގެ އިސްވެރިންނާއި ޗައިނާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. ޔުނާން ޕްރޮވިންސުން ހަދިޔާކުރި މި ތަކެތީގެ ތެރޭގައި ހިމެނެނީ ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރުތައް ކަމަށްވާ ފުޓްބޯޅަ، ބާސްކެޓްބޯޅަ އަދި ބެޑްމިންޓަން ކުޅުމަށް ބޭނުންވާ ސާމާނުތަކެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާ ސަފީރު ވިދާޅުވީ، "މިއީ ފާއިތުވި އެއް އަހަރު ތެރޭގައި ޔުނާން ޕްރޮވިންސުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ދެވަނަ ފަހަރު" ކަމަށެވެ. އަދި މި އެހީއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ރަމްޒެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.
މި ސާމާނުތައް ރާއްޖޭގެ ސްކޫލްތަކާއި އާންމު ކުޅިވަރު މައިދާންތަކުގައި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.