"ތަރިކަވެރިންގެ އަޑު"ގެ ނަމުގައި ދާއިރާގެ ފަންނުވެރީންނާ އެކު ވަޒީރު ހީނާ ޚިޔާލުބަދަލު ކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
"ތަރިކަވެރިންގެ އަޑު"ގެ ނަމުގައި ދާއިރާގެ ފަންނުވެރީންނާ އެކު ވަޒީރު ހީނާ ޚިޔާލުބަދަލު ކުރައްވައިފި

ދާއިރާގެ ކަންކަން ރޭވުމުގައްޔާއި ނިންމުންތައް ކަނޑައެޅުމުގައި ތަރިކަވެރިންގެ ޚިޔާލާއި މަޝްވަރާ ހިމަނައި، އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް "ތަރިކަވެރިންގެ އަޑު"ގެ ނަމުގައި ޚާއްޞަ ބައްދަލުވުމެއް ބާއްވަވައި، އެފަރާތްތަކާ އެކު ވަޒީރު ހީނާ ވަލީދު ޚިޔާލުބަދަލު ކުރައްވައިފިއެވެ.

މި ޚާއްޞަ ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިރޭ ޤައުމީ ދާރުލްއާސާރުގެ ހޯލްގައެވެ.

މިއީ ދާއިރާގެ ބޭފުޅުންގެ އިހުސާސްތައް ދެނެގަނެ، މި ފަންނުގައި ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ފެށްޓެވި މުހިންމު މަސައްކަތެކެވެ.

މި ބައްދަލުވުމުގައި ތަރިކަވެރިންނާ އެކު ވަޒީރު ހީނާ ވަނީ ގިނަ ވަގުތުތަކެއް ހޭދަކުރައްވައި، އެބޭފުޅުންގެ މަސައްކަތުގެ ދާއިރާތަކުގެ ވާހަކަތައް އަޑުއައްސަވައި، ސަރުކާރާ ގުޅިގެން ސަގާފީ މަސައްކަތްތައް އިތުރަށް ތަރައްޤީކުރެވޭނޭ ގޮތްތަކާ މެދު މަޝްވަރާކުރައްވާފައެވެ.

"އެއްބަޔަކު އަނެއްބަޔަކާ ދިމާވެ، ތަފާތު ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާއާއި، ވުޒާރާއާއި ފަންނުވެރިންނާ ގުޅިގެން ކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކުގެ ޚިޔާލު ލިބިއްޖެ" ބައްދަލުވުމަށް ފަހު ބައިވެރިންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ ބައިވެރިވުން އިތުރުކުރުމަކީ ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫޢަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށާއި، މި ބައްދަލުވުމަކީ މީގެ އުފާވެރި ފެށުމެއް ކަމަށެވެ. އަދި މި ބައްދަލުވުމުން ތަރިކަވެރިން ފާހަގަކުރެއްވި ކަންތައްތަކަށް ރިޢާޔަތްކުރައްވައި، ވަކިވަކި ފޯކަސް ގުރޫޕު މަޝްވަރާތައް ތާވަލުކުރައްވާނޭ ކަމަށެވެ. މީގެ އިތުރުން، މިއީ ސިލްސިލާ ހަރަކާތަކަށް ހަދައި، ޤަވާޢިދުން ތަރިކަވެރިންގެ އަޑު އެއްސެވުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މުނިފޫހިފިލުވުމުގެ ސަގާފީ ހަރަކާތްތަކާ އެކު ޝައުގުވެރި ގޮތަކަށެވެ. އޭގެ ތެރޭގައި އިހުގެ ދިވެހީންގެ މެދުގައި މަޝްހޫރު ތަފާތު އެކި ސައިގެ ރަހަބެލުމުގެ ފުރުޞަތާއި، ކުދިކާތަކެތީގެ އިތުރުން، ދާރުލްއާސާރުގެ ފަރާތުން ތައްޔާރުކޮށްފައިވާ ކުޑަ މައުރަޒަކާއި، އޮށްވަޅުގޮނޑި އަދި ތިންހަމަ ފަދަ ބޯޑު ކުޅިވަރުތައް ވެސް ހިމެނެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން