އަންހެނަކަށްވީތީ މަދުން އަޅުކަންކުރަން ޖެހޭނެ ކަމުގެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫނެވެ. އަވަހަށް އެވިސްނުން ދޫކޮށްލާށެވެ!
ނަމާދު ވަގުތުވުމުން ލަސްކުރަންޖެހޭނެ ކަމަށް ޤަބޫލުނުކުރާށެވެ! ޛިކުރުކުރުން މަދުކޮށް، މަދުން ޤުރްއާން ކިޔަވައިގެން ފުދޭނެ ކަމަށްވެސް ހީނުކުރާށެވެ!
އަޅުކަންކުރުމުގައި އޮތީ ދެމަފިރިންވެސް ވީހައި ގިނައިން އަޅުކަން ކުރަން މަސައްކަތްކުރުމެވެ. އަންހެނުންނާއި ފިރިހެނުން (އަނބިންނާއި ފިރިން) ވާދަކުރާށެވެ! އެކަމަކު ދެމަފިރިންވެސް އެކަކު އަނެކަކަށް ވާގިވެރިވެ އެހީތެރިވާންވެސްވާނެއެވެ.
ވިސްނާށެވެ! "އަންހެނަކަށް ނަމަވެސް ފިރިހެނަކަށް ނަމަވެސް ޤިޔާމަތް ދުވަހު ޖަޒާ ލިބެން އޮތީ އެމީހަކު ދުނިޔޭގައި ކުރިއަމަލަކަށެވެ. ހެޔޮ ކަންކަމަށް ހެޔޮ ޖަޒާއެވެ. އަދި ނުބައި ކަންކަމަށް އެކަމުގެ ޖަޒާއެވެ." ވީމާ ވަކި ޖިންސަކަށް ވުމަކުން އެއްވެސް ތަފާތެއް ނެތެވެ. މަތިވެރިކަމެއްވެސް އަދި ނިކަމެތި ކަމެއްވެސް ނުމެނެތްމެއެވެ.
ދެމަފިރިން ނަމަ އަޅުކަން ކުރަން ދެމީހުން އެކަކު އަނެކަކަށް އެހީތެރިވެދޭށެވެ! އެއީވެސްކުރެވޭ އަޅުކަމެކެވެ. ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ.
"ތިއަބައިމީހުންގެ ތެރެއިން އެއްބައެއްގެ މައްޗަށް އަނެއްބައަކު މާތްކުރައްވައި، މޮޅުކުރެއްވި ކަންތަކަށް ތިއަބައިމީހުން ނޭދޭށެވެ! ފިރިހެނުންނަށްވެސް، އެއުރެން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، އަންހެނުންނަށްވެސް، އެކަނބަލުން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، ﷲ ގެ ފަޟްލްވަންތަކަމުގެ ތެރެއިން، (ދެއްވުމަށް) ތިއަބައިމީހުން އެދޭށެވެ! ހަމަކަށަވަރުން، ﷲ އީ، ކޮންމެކަމެއްމެެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައިވެއެވެ." (ނިސާ: 32)
މިއާޔަތުންވެސް އެނގިގެންދަނީ އަންހެނަކަށްވުމުން ނުވަތަ ފިރިހެނަކަށްވުމުން ﷲ ތަޢާލާގެ ޙަޟްރަތުން ލިބޭނެ މަތިވެރިކަމެއް ނެތްކަމެވެ. އެމީހަކު ކުރި އަމަލަކަށް ޙައްޤު ޖަޒާ ދެއްވަވާނެ ކަމެވެ. ޖިންސީ ތަފާތުކުރުމެއް އިސްލާމް ދީނުގައި ނެތްކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން