އެކުގައި އުޅެވެން ނެތިއްޖެ ޙާލަތުގައި ދެމަފިރިން ވަކިވިނަމަވެސް ދަރިންނަށްޓަކައި ވާންޖެހޭ އެންމެ ބޮޑު ޤުރްބާނީއަކީ ދަރިންނަށްޓަކައި ދެމަފިރިންގެ ގުޅުން ބޭއްވުމެވެ. އެކަކު އަނެކަކަށް ޢަދާވާތްތެރި ނުވުމެވެ. އެކަންކަން ނުކުރެވޭނަމަ ދަރިންނަށް ލިބޭނެ ނިކަމެތިކަން ވަރަށް ބޮޑުވާނެއެވެ.
ދަރިންނާއިމެދު ބައެއް މައިންބަފައިންނަށް ކުރެވޭ ވަރަށް ބޮޑު ނުބައިކަމެއް އޮވެއެވެ. އެއީ ބައްޕަ ނުވަތަ މަންމަގެ ނުބައިވާހަކަ ދަރިންގެގާތުގައި ދެއްކުމެވެ. އަދި ކައިވެނި ރޫޅިއްޖެނަމަ ކޮންމެވެސް އެކެއްގެ ގާތަށް ދަރިން ދިއުން މަނާކޮށް ހިފަހައްޓަން މަސައްކަތްކުރުމެވެ.
މިކަންކަމަކީ އެކަންކަމުގެ ސަބަބުން ދަރިފުޅުގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ނުބައި އަސަރުކުރާ ކަންކަމެވެ. އަނެކާގެ ގާތަށް ދިއުން މަނާކުރަން ނުވަތަ ހުއްޓުވަންވާނީ ހަމައެކަނި އެންމެ ސަބަބަކަށް ޓަކައެވެ. އެއީ އޭނާގެ ކިބައިގައި ހުންނަ ނުބައި އަޚްލާޤެއްގެ ސަބަބުން ދަރިންނަށް އެކަމުގެ ނުބައި އަސަރުކޮށްފާނެ ކަމުގެ ބިރު އޮތްނަމައެވެ. އެއިރުން އެއީ މުޅިން ތަފާތު ޙާލަތެކެވެ.
ކައިވެނި ރޫޅުމަކީ އެއްވެސް ޙާލެއްގައި އެކަމުގެ އަސަރު ދަރިންނަށް ކުރާނެ ކަމަކަށް ހަދައިގެން ނުވާނެއެވެ. އެއީ ދެމަފިރިންގެ މައްސަލައެކެވެ. އެމައްސަލަތައް ބާއްވަންވާނީ ދެމަފިރިންގެ މެދުގައެވެ. ދަރިން ތިބިނަމަ ޢުމުރަށްވެސް ދެމީހުން ތިބެންވާނީ އެކުވެރިންގެ ގޮތުގައެވެ. ހަތުރުންގެ ގޮތަކު ނޫނެވެ!
އަދި އެކަމުގައިވެސް އޮތް އެންމެ ރަނގަޅު ގޮތަކީ
ކައިވެނި ރޫޅޭ ހިސާބުން ދެމީހުންގެ މެދުގައި ޖެހުނު މައްސަލަތައް ހަނދާން ނައްތައިލުމެވެ. ދެމީހުން އަލުން ގުޅެން ބޭނުން ނުވާނަމަ ވަކިން އައު ދިރިއުޅުމެއް ފެށުމެވެ.
ހަމައެއާއިއެކު ބުނެލާނަމެވެ! ކައިވެނި ރޫޅުމަށްފަހު އެކުވެރިންގެ ގޮތުގައި 2 މީހުންނަށް ތިބެން ފަސޭހަވާނީ ދަރިންނަށް ކުރަންޖެހޭ ޚަރަދު ބައްޕަކުރާނަމައެވެ! އެއީ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތަކެވެ.
--މުފްތީ މެންކުގެ ދަރުސަކުން