އަޅުގަނޑުގެ ބައިވެރިޔާއަކީ ވަރަށް ދޮގުހަދާ މީހެކެވެ. ދައްކާ ވާހަކަ ރީތިވެފައި ފަށުވިކަމުން އެއީ ތެދުކަމަށް ހީވާހާ މޮޅަށް ދޮގުހަދައެވެ. އަޅުގަނޑުގެ ސުވާލަކީ ދޮގުހަދުމުން އެކަން ދެނެގަނެވޭނެ އެއްވެސް ގޮތެއް އޮވޭތޯއެވެ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.
ކަމެއްގެ ޙަޤީޤަތް އޮޅުންފިލުވަން މީހަކާ ސުވާލުކުރުމަށްފަހު އެއްވެސް އެހެން ތަނަކަށް ނުބަލައި ކަޅިޖަހާނުލައި އޭނާގެ ލޮލަށް ބަލަން ހުންނާށެވެ! އަދި އޭނާގެ ގާތުގައި ތިބާގެ ލޮލަށް ބެލުމަށްވެސް ބުނާށެވެ.
އެއިރުން ދޮގުހަދަން ވަރަށް ބޮޑަށް އާދަވެފައި ހުރި މީހަކު ނޫންނަމަ ތެދުބުނާނެއެވެ. އިތުރަށްވެސް ކިޔައިދޭނެއެވެ. އަދި ދޮހުހަދަން އާދަވެރިފައި ތިބޭ މީހުންނަށްވެސް ދޮގުހަދަން އެހައިފަސޭހައެއް ނުވާނެއެވެ. ދޮގުހަދަން އުޅޭނަމަ އަޅައަޅައި ގަންނާނެއެވެ.
މީގެ އިތުރަށް ތިބާގެ ކިބައިގައި އެޢިލްމް ނުވަތަ ތަޖުރިބާ ހުރިނަމަ ދޮގުހަދާއިރު ލޮލަށް އަންނަ ބަދަލުތަކުން އޭނާ އެހަދަނީ ދޮގެއްކަން ދެނެގަނެވޭނެއެވެ.
މިބާވަތުގެ ޢިލްމްތައް ނެތް ޒަމާނުގައިވެސް ދަރިން ދޮގުހަދާކަމަށް ޝައްކުވެއްޖެނަމަ މަންމަގެ ނުވަތަ ބައްޕަގެ މޫނަށް ބަލައިގެން ހުރެ ޖަވާބުދިނުމަށް މައިންބަފައިން ބުނެއުޅުނެވެ. އަދި ބޮޑެތި މީހުންނާއި ދިމާއަށްވެސް އެގޮތަށް ބުނެއުޅެއެވެ. ސަބަބެއްކަމަށް ބެލެވެނީ އަނެކާގެ މޫނަށް ބަލައިގެންހުރެ ދޮގުހަދަން އުނދަގޫތަކެއް ކުރިމަތިވާތީއެވެ.
ސައިންސްވެރިން މިހާރުވެސް ދިރާސާކުރަމުން ގެންދާ ކަންތައްތަކުގެ ތެރޭގައި ދޮގުހަދާއިރު ލޮލުގެ ކަޅި ދުޅަވުމާއި ވަކި އަތަކަށް އެނބުރުން ފަދަ ކަންކަން ހިމެނެއެވެ. މިކަންކަން އެގޮތަށް ޘާބިތުކުރެވިއްޖެނަމަ އެއީ ދޮގުހަދާ ވަޤުތުވެސް އޭނާއަށް ﷲ ތަޢާލާ ކޯފާ ލައްވަވާ ކަމުގެ ހެއްކެއް ކަމަށް ޤަބޫލުކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.
- މިއަދުނޫސް