އެންމެ ގިނަ މީހުން ސުވަރުގެ ވައްދަވާނެ ދެސިފައަށް ސަމާލުކަންދީފިނަމަ ނަރަކައަށް ވަންނަންޖެހޭނެ ޢަމަލުތަކުން ސަލާމަތްވެވޭނެ! އިން ޝާ ﷲ

ކިޔުމަށް ހޭދަވާނީ 4މ 2ސ
އެންމެ ގިނަ މީހުން ސުވަރުގެ ވައްދަވާނެ ދެސިފައަށް ސަމާލުކަންދީފިނަމަ ނަރަކައަށް ވަންނަންޖެހޭނެ ޢަމަލުތަކުން ސަލާމަތްވެވޭނެ! އިން ޝާ ﷲ

ޢާއިޝަތު ރަފާޙް ޢަލީ  

ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

عَنْ أَبِي هُرَيْرَةَ قَالَ سُئِلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الْجَنَّةَ فَقَالَ تَقْوَى اللَّهِ وَحُسْنُ الْخُلُقِ وَسُئِلَ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ النَّارَ فَقَالَ الْفَمُ وَالْفَرْجُ

އަބީ ހުރައިރާގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެންމެ ގިނައިން މީހުން ސުވަރުގެ ވައްދަވަނީ ކޮން ޢަމަލަކާ ގުޅިގެންކަން ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް އާއި ސުވާލު ކުރެވުނެވެ. އެހިނދު ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. ތަޤްވާވެރިކަމާއި، ރިވެތި އަޚްލާޤުގެ ސަބަބުންނެވެ. އަދި އެންމެ ގިނައިން މީހުން ނަރަކައަށް ވައްދަވަނީ ކޮން ޢަމަލެއްގެ ސަބަބުންކަން ސުވާލު ކުރެއްވުމުން، އެއީ މީހުންގެ އަންގައިގެ (ދުލުގެ) ސަބަބުންނާއި ފަރްޖުގެ ސަބަބުންކަން ޙަދީޘު ކުރެއްވިއެވެ. 

މި ޙަދީޘްފުޅުގެ ޝަރަޙައަށް ބަލާލުމުން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި މީސްތަކުން އެންމެ ގިނައިން ސުވަރުގެ ވަންނަ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ތަޤްވާވެރިކަމާއި، ރިވެތި އަޚްލާޤެވެ. ތަޤްވާވެރިކަމަކީ ﷲ ތަޢާލާ ޙަރާމް ކުރެއްވި އެންމެހާ ތަކެތީން ދުރުހެލިވެގެން ހުރުމެވެ. އަދި ރިވެތި އަޚްލާޤަކީ އަބަދުވެސް ރިވެތި ބަހުން މުޢާމަލާތްކޮށް ރިވެތި އަޚްލާގުގެ މަތީގައި ޢަމަލުތައް ބެހެއްޓުމާއި، ތިމާ އާއި ދޭތެރޭ ގޯސްކޮށް ކަންތައް ކުރި މީހާއާއި ދޭތެރޭ ވެސް އިޙްސާންތެރި ކަމާއެކީގައި ކަންތައްް ކުރުމެވެ. 

ﷲ ތަޢާލާ އާލް ޢިމްރާން ސޫރަތުގެ 102 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ ‎﴿١٠٢﴾‏

މާނައީ:  "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް تقوى ވެރިވުން حق ވެގެންވާ ގޮތުގައި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި، مسلم ން ކަމުގައިވާ حال ގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ! (102)" 

އަދި މީސްތަކުން އެންމެ ގިނައިން ނަރަކައަށް ވައްދަވާ ސަބަބުތަކުގެ ތެރޭގައި މި ޙަދީޘުފުޅުގައި ބަޔާން ކުރައްވާފައިވަނީ އަނގަ އާއި ފަރްޖުގެ ވާހަކައެވެ. ސަބަބަކީ އެންމެ ގިނައިން ﷲ ތަޢާލައަށް، އިންސާނުން އުރެދޭ އަދި ފާފަ ކުރެވޭ، ދެ ގުނަވަނަކީ އެދެ ގުނަވަން ކަމުގައި ވާތީއެވެ. 

މި ޙަދީޘުން ލިބޭ ފައިދާތައް: 

·      ﷲ ތަޢާލާއަށް ތަޤްވާވެރިވުމާއި، ރިވެތި އަޚްލާޤު އިންސާނުން ގަގއިގައި ހަރުލެއްވުމުގެ މުހިއްމުކަން

·      ދުލާ މެދު ރައްކާތެރިވުން، އެއީ ޤިޔާމަތް ދުވަހުން ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބެއް ކަމުގައިވެދާނެކަން

·      ޒިނޭކުރުމުން ދުރުހެލިވުމާއި، ދުނިޔެއާއި އާކިރަތުގައި އެކަމުގެ ޖަޒާ ލިބިގެންދާނެކަން

މިއަދު އޮންލައިން