ކޮކަނަޓް ހިސްޕިޑް ބީޓްލް ނުވަތަ ހިސްޕައިން ބީޓްލްއަކީ، ހިމަކޮށް އިންނަ ކުޑަވަރެއްގެ މަޑިއެކެވެ. މި މަޑިއަކީ، އެކި ވައްތަރުގެ ރުއްރުކަށް، ޚާއްޞަކޮށް ދިވެހިރުކަށް ގެއްލުންދޭ މަޑިއެކެވެ. މި މަޑި ފުރަތަމަ ފެނުނުކަމަށް ބެލެވިފައިވަނީ، އިންޑޮނޭސިއާ އަދި މެލޭސިއާއިންނެވެ. މި މަޑި މިހާރު ވަނީ، އޭސިއާ ޕެސިފިކް އަދި ސައުތު އީސްޓް އޭސިއާގެ ގައުމުތަކަށް ފެތުރިފައެވެ. ރާއްޖެއިން މި މަޑި ފުރަތަމަ ފެނިފައިވަނީ، 1999-1998 މި 2 އަހަރުތެރޭގައި، އަރިއަތޮޅުންނެވެ.
ހިސްޕިޑް ބީޓްލް ދެނެގަތުން:
ހިސްޕިޑް ބީޓްލްއަކީ، ދިގުމިނުގައި 10-8 މިލިމީޓަރ އަދި ފުޅާމިނުގައި 2 މިލިމީޓަރ ހުންނަ ކަޅުމުށިކުލައިގެ ހިމަދިގު، ކުޑަ މަޑިއެކެވެ. މަޑީގެ މޭމައްޗާހިސާބުން ފެށިގެން ބޮލުގައި ހުންނަނީ އޮރެންޖްމުށި ކުލައެކެވެ. މަޑީގައި 3 މިލިމީޓަރހާ ދިގު 2 ނަރުވާ ހުރެއެވެ. މި މަޑި ބިސްއަޅަނީ ބޮނޑިބޮނޑިއަށެވެ. ބިސް ހުންނަނީ، ފަތާކޮށް މުށިކުލާގައެވެ. ބިހުގެ ދިގުމިނަކީ، 1.5 މިލިމީޓަރ އަދި ފުޅާމިނަކީ، 1 މިލިމީޓަރެވެ. ބިސްއަޅަނީ، ރުކުގެ ބޮންތީގެ ނުފޮޅޭ ފަންވަތްތަކުގެތެރެއަށެވެ. މި މަޑިއާއި މަޑީގެ ފަނި ދުވާލު އުޅެނީ، ރުކުގެ ބޮންތިފަނުގެތެރޭގައެވެ. މަޑިއާއި އޭގެ ފަނިތައް ކައިހަދަނީ، ބޮންތީގެ ޅަފަންވަތްތަކުގެ ޓިޝޫއެވެ. އަދި ޓިޝޫ މިގޮތަށް ހަލާކުވުމުގެ ސަބަބުން ފަންވަތްތައް ކަޅުވެ ހިކެމުންދާނެއެވެ. ކަޅުވަމުންދާ ޅަފަންވަތްތައް ހުޅުވާލުމުން މަޑިއާއި މަޑީގެ އެކިސައިޒްގެ ފަނި(ލާވާ)ތައް ވަރަށް ފަސޭހައިން ފެންނާނެއެވެ.
މި މަޑީގެ ގެއްލުން ބޮޑަށް ލިބިފައިވާ ރުއްތަކުގެ މަތީގެ ފަންތައް ހުންނާނީ ހިކިފައެވެ. ދުރުން ބަލާއިރު ހީވާނީ، އަލިފާނުގެ ސަބަބުން ފަންތައް ހިކިފައިހުރިހެންނެވެ.
ޙަޔާތުގެ ބުރު:
އަހަރަކު މިމަޑީގެ 4-3 ދަރިފަސްކޮޅު އުފެދެއެވެ. މަޑީގެ އުމުރަކީ، 7-3 މަހެވެ. މި މުއްދަތުގެ ތެރޭގައި މަދުވެގެން 100 ވަރަކަށް ބިސް އަދި ގިނަވެގެން 200 ވަރަކަށް ބިސް އަޅައެވެ.
ތިރީގައި މިވަނީ، 28-26 ޑިގްރީ ސެލްސިއަސް އާއި ގާތްކުރާ ފިނިހޫނުމިނުގައި، އަދި ގާތްގަނޑަކަށް %80-70 ހިއުމިޑިޓީގައި ހިސްޕިޑްބީޓްލް އޭގެ ޙަޔާތުގެ ތަފާތު މަރުހަލާތަކުގައި، ގާތްގަނޑަކަށް ހޭދަވާ މުއްދަތެވެ.
މި މަރުހަލާތަކުގައި ގާތްގަނޑަކަށް 35 ދުވަސް ހޭދަވެއެވެ.
މަޑި ފެތުރޭގޮތް:
މި މަޑިތައް ނުކުމެ ޙަރަކާތްތެރިވަނީ، ރޭގަނޑުއެވެ. މިއީ މާދުރަށް އުދުހޭ މަޑިއެއް ނޫނެވެ. ނަމަވެސް މަޑިއުޅޭ ސަރަޙައްދަކުން ދުރުހިސާބުތަކަށާއި، އެއްރަށުން އަނެއްރަށަށް ވަރަށް ފަސޭހައިން ފެތުރި ގިނަވުމުގެ ފުރުޞަތު އޮވެއެވެ. ތިރީގައި މިވަނީ، މިގޮތުން މަޑި ފެތުރުމުގެ ފުތުޞަތު އޮތްކަމަށް ބެލެވިފައިވާ ގޮތްގޮތެވެ.
ރުއްތަކަށްލިބޭ ގެއްލުން:
ކޮކަނަޓް ހިސްޕިޑް ބީޓްލްސް ގެ ސަބަބުން ހުރިހާ ސައިޒެއްގެ ރުއްތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުން ލިބެއެވެ. މީގެތެރޭގައި، ރުކުގެ ފަންތައް ހިކުމާއި، ބޮންތި ނިކުންނަ މުއްދަތު ލަސްވުމާއި، މަތިވަރު ދަށްވުމާއި، ބޮޑަށް ގެއްލުންލިބޭ ރުއްތައް މަރުވުން އަދި ރުކަށް އެހެނިހެން ބަލިޖެހުމުގެ ފުތުޞަތު އިތުރުވުން ހިމެނެއެވެ.
މަޑި ކޮންޓްރޯލްކުރުން:
ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށް ބޭނުންކޮށްއުޅެނީ، މައިގަނޑު 3 ގޮތެކެވެ. އެއީ، މަޑި ފެތުރުން ހުއްޓުވުމާއި، ބަޔޮލޮޖިކަލް އަދި ކެމިކަލް ކޮންޓްރޯލް މެތަޑްތަކެވެ.
މަޑި ފެތުރުން ހުއްޓުވުން:
މަޑި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ ބޭނުންކުރަނީ، ކަރަންޓީން ގެ އުޞޫތަކެވެ. އެއީ އެރަށެއްގައި މަޑިއުޅޭ ސަރަހައްދަކުން އެކިބާވަތުގެ ރުކާއި، ރުކުގެ ބައިތައް މަޑި ނުއުޅޭ ސަރަހައްދަކަށް ނުވަތަ ރަށަކަށް ނުގެންދިއުމާއި، މިކަމަށް މީހުން ހޭލުންތެރި ކުރުވުން އަދި ލަސްނުކޮށް ރުއްތަކަށް ފަރުވާދިނުމެވެ.
ބަޔޮލޮޖިކަލް ކޮންޓްރޯލް:
ބަޔޮލޮޖިކަލް ކޮންޓްރޯލްއަކީ ގަހަށް ގެއްލުންދޭ ބަލިބައްޔާއި، ފަނިފަކުސާތަކާއި ސޫފި ތަކުގެ ނެޗްރަލް އެނިމީސް (ޕްރިޑޭޓަރސް،ޕެރެސިޓޮއިޑްސް އަދި ޕެތޮޖަންސް) ބޭނުންކޮށްގެން ގަހަށް ގެއްލުންދޭ ބާވަތްތައް ގިނަވެ އާލާވުން ހުއްޓުވާއިގެން ކޮންޓްރޯލްކުރުމެވެ. މީގެތެރެއިން ރާއްޖޭގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ޕެތޮޖަންއެކެވެ. އެއީ Metarhizium anisopliae "މެޓަރީޒިއަމް އެނިސޯޕްލިއޭ" ކިޔާ ފަންގަސްއެކެވެ. މިއީ ވަރަށް ކާމިޔާބު މެތަޑެކެވެ. ކޮންމެ ރުކެއްގެ ބޮންތިތެރެއަށް ނުވަތަ ކުރިގަނޑުގެ ތެރެއަށް 5 ގްރާމް މެޓަރީޒިއަމް ކުޑަކޮށް ވިއްސާލުމަށްފަހު (ވާރޭ ނުވެހޭ ދުވަސްތަކެއްނަމަ) އޭގެމައްޗަށް ކުޑަ ފެންކޮޅެއް ވިއްސާލުމުން އެރުކަށް އެހުރީ ފުރަތަމަ ބުރަށް ފަރުވާދެވިފައެވެ. މުޅިން ކޮންޓްރޯލް ނުވާނަމަ 3 މަސްވުމުން މިފަރުވާ 2 ވަނަފަހަރަށް ދެވިދާނެއެވެ.
ބަޔޯ ކޮންޓްރޯލްގައި ހިމެނޭ ޕެރެސިޓޮއިޑްސްގެ ވައްތަރެއްކަމަށްވާ terastichus brontispa "ޓެޓްރަސްތިޗަސް ބރޮނޓިސްޕާ" ވަނީ، ރާއްޖޭގެ 5 ރަށެއްގައި ބޭނުންކޮށްފައެވެ. ނަމަވެސް މިވައްތަރު އަދި ވަނީ، ތަޖްރިބާކުރުމުގެ މަރުހަލާގައެވެ. މިއީ ރުކަށްނާރާ ރުއްތަކަށް ދޫކޮށްލެވޭ ކުނަމެހިވަރުގެ ކުދިކުދި އުދުހޭ ސޫފިތަކެކެވެ. މިކުދި ސޫފިތައް ރުކު ބޮންތީގައި އުޅޭ މަޑީގެ ފަނި(ލާވާ)ތަކަށް ވަދެފަނިތައް މަރާލައެވެ. އަދި ފަނިތަކުގެތެރޭގައި ތިބެ ބިސްއަޅާ ގިނަވެއެވެ.
ކެމިކަލް ކޮންޓްރޯލް:
ކެމިކަލް ކޮންޓްރޯލަކަށް ދިއުން ރަނގަޅީ، އެހެން ގޮތްގޮތުން ކޮންޓްރޯލް ނުވީމައެވެ. މި މަޑި ކޮންޓްރޯލްކުރުމަށް ބޭނުންކުރި ކެމިކަލްތަކުގެ ތެރެއިން މިހާތަނަށް އެންމެ ކާމިޔާބު އެއް ކެމިކަލްއަކީ "ޑައިފޮސް " އެވެ. މި މަޑިއަށް ބޭނުންކުރުމަށް މި ޕެސްޓިސައިޑް ބަންދުކޮށްފައިވަނީ، ސައިފަތް ޕެކެޓްވަރުގެ ޕެކެޓްތަކެއްގައެވެ. އަދި ރުކުގެ ބޮންތީގެ ފަންވަތެއްގައި ޕަކެޓް އައްސާލެވޭ ގޮތަށެވެ. މި ބޭސް ބޭނުންކުރަނީ، ކޮންމެ ރުކެއްގެ ބޮންތި ނުވަތަ ބޮންތިފަނުގެ ވިހާވެސް އެތެރޭގައި މީގެ ޕެކެޓެއް އައްސާލައިގެންނެވެ. މި ޕެކެޓްތަކަކީ، އެތެރެއަށް ފެން ވަންނަ ގޮތަށް ތައްޔާރުކޮށްފައިވާ ޕެކެޓް ތަކެކެވެ. ވިއްސާރަ ނޫންނަމަ ޕަކެޓް އައްސާލުމަށްފަހު ފެންކޮޅެއް އަޅައި ޕެކެޓް ކުޑަކޮށް ތެންމާލަންވާނެއެވެ.
ރުކަށް ނާރާ ރުކުގެ ގަސްގަނޑަށް ކެމިކަލް އިންޖެކްޓްކޮށްގެން ވެސް މި މަޑި ވަރަށް ފަސޭހައިން ކޮންޓްރޯލް ކުރެވެއެވެ. ނަމަވެސް މިފަދަ ބައެއް ގޮތްގޮތަށް ޢަމަލުކުރުމުގެ ތެރޭގައި ގެއްލުމެއް ވެސް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން އެންމެ ރަނގަޅުގޮތަކީ، މިކަމުގެ އެންމެ ފުރިހަމަ މައުލޫމާތު ހޯދުމަށްފަހު ޔަގީންކަމާއެކު ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ކެމިކަލް ބޭހުގެ ފަރުވާ ދިނުމެވެ.
ރުއްތަކަށް ފަރުވާދޭން ފެށުމަށްފަހު ފަރުވާދޭންޖެހޭ ހުރިހާރުއްތަކަށް ފަރުވާދީ ނިމެންދެން މެދުކަނޑާނުލާ މި މަސައްކަތް ކުރިއަށް ގެންދަންވާނެއެވެ.
ސަމާލުވުން:
ކެމިކަލް ބޭސް (ޑައިފޮސް) ރުކުގެ ބޮންތިއަށް ލުމަށްފަހު، ރުކުގައިހުރި އެއްވެސް އެއްޗެއް ކެއުމަށް ބޭނުންކުރެވޭނީ، 1 މަސް ފަހުންނެވެ.