މީގެ އިތުރުން އެކަލޭގެފާނު ރޯދައަށް ހުންނަވައިގެންވެސް އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނަށް ބޮސް ދެއްވާކަމުގައި ވިއެވެ.
ޢާއިޝާ رضي الله عنها ގެ އެހެން ރިވާޔަތެއްގައި ވެއެވެ:
"كان النبي صلى الله عليه وسلم يقبّل ويباشر، وهو صائم، وكان أملككم لإربه". البخاري: 1927.
"ނަބިއްޔާ صلى الله عليه وسلم ރޯދައަށް ހުންނަވައިގެން (އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނަށް) ބޮސް ދެއްވައި ލޯބި ކުރައްވައި ހައްދަވައެވެ. އަދި އެކަލޭގެފާނަކީ ތިޔަބައިމީހުން ކުރެ ޝަހުވަތްތެރިކަމުގެ މައްޗަށް އެންމެ ބާރު ގަދަ ފަރާތް ކަމުގައި ވެވަޑައިގެންނެވިއެވެ".
މީފަދަ ޙަދީޘްތަކުން އަޅުގަނޑުމެންނަށް ހާމަވެގެން ދަނީ އެކަލޭގެފާނު އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނާ ދެމެދުގައިވާ ގުޅުމުގެ ބަދަހިކަމެވެ. އެކަނބަލުންނަށް އެކަލޭގެފާނުގެ ފަރާތްޕުޅުން ލޯތްބާއި އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެއްވުމަށް ބެހެއްޓެވި އަހައްމިއްޔުކަމެވެ. އެކަންކަމަށް ފަރުވާތެރިވެލެއްވި މިންވަރެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢުއަށް ނަޒަރު ހިންގާލަމާތޯއެވެ. ކުރިން ދެންނެވި ފަދައިން، އެމީހުންގެ އަނބިންނާއި ދަރީން އަމިއްލަ ލޮލަށް ހަމައެކަނި ފެންނަ ވަގުތަކީ ދަންވަރު ގެއަށް ނިދަން އަންނަ ވަގުތު ކަމުގައިވާ މީހުން މަދެއް ނޫނެވެ. ހަފުތާ ބަންދުގެ ހުކުރު ދުވަހު ފިޔަވައި އެނޫން އެއްވެސް ދުވަހަކު އަނބިދަރިންނާ އެކު އެއް މޭޒުމަތިން ކާލަން ވަގުތު ހުސްކޮށް ނުލެވޭ މީހުން މަދެއް ނޫނެވެ. އަދި މީގެ އިތުރުން ، އަނބިދަރިން ކައިރީގައި ، ނުވަތަ އެހާމެ ފަސޭހައިން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ، އަނބިދަރިން ކައިރިއަށް އާދެވޭނޭހެން ، ގައުމުގައި ހުރެގެން އަދާކުރެވެން ހުރި އެތަކެއް ވަޒީފާ ހުއްޓައި، ފިކުރެއް ނެތި ބޭރު ގައުމުތަކަށް ބޯޓު ދަތުރު ކުރަން ގޮސް އުޅެނީ ކިތައް ކިތައް މީހުން ތޯއެވެ؟
އެމީހުން ހީކުރާ ގޮތުގައި އަނބިދަރިންނަށް މަހުން މަހުން ގަވައިދުން ފައިސާ ފޮނުވުނީމައި ހުރިހާ ކަމެއް ހަމަޖެހުނީއެވެ. ފިރިމީހީގެ އަޅާލުމާއި ކުލުނަށް އެދިއެދި އަނބިދަރިން އެތައް ޒަމާނެއް ވަންދެން އެކަމުން މަޙުރޫމު ކުރުވުމަކީ ކޮންފަދަ އަނިޔާއެއްކަން އެބައިމީހުންނަށް ހަމަ ނޭނގެނީބާވައެވެ؟ ނުވަތަ ހަމަ އެގޮތް ވަރިހަމަ ކޮށްލަނީ ބާވައެވެ؟ އެފަދައިން ކަންކުރާ މީހުންނަށް އާޚިރުގައި ފެންނަ ނަތީޖާ ވަރަށްވެސް ހިތިކަން އަޅުގަނޑުމެންގެ ލޯކުރިމަތިން ފެންނަނީ މަދެއްކޮށެއް ނޫނެވެ. އެފަދަ މީހުން އެހުރިހާ ދުވަހެއް ވަންދެން އުޅޭނެހާ ތަނަކު އުޅެފައި އަނބުރާ ވަޒަނަށް އަންނަ އިރު އަނބިމީހާ ރަށް މެދަށް ވިހާފައި އިންނަނީ ކިތައް ކިތައް ފަހަރު ހެއްޔެވެ؟ إنا لله وإنا إليه راجعون.
ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ، އެހިސާބަށް ކަންތައް ދިއުމުގައި ފިރިމީހާގެ އިހުމާލު އެކަމުގައި އިންތިހާއަށް އޮތްކަމެވެ. އެއްވެސް ޙާލެއްގައި އަނބިމީހާއަށް އެކަނި އެކަމުގެ ހުތުރު ނަން ލިބިގެން ނުދާނެކަމެވެ. والله المستعان!
- ޝައިޚް ޒަމްޒަމް ފާރިޝް