އަންނަ އަހަރު ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ 129 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ޤާއިމުކޮށް ނިންމަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
އަންނަ އަހަރު ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ 129 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ޤާއިމުކޮށް ނިންމަނީ

އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ 129 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ޤާއިމުކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި މަޝްރޫޢުތަކަކީ ރަށްރަށުގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

މި މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލްގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މުރުތަޟާ ވިދާޅުވީ، ކުނި މެނޭޖްކުރާ މަރުކަޒުތައް ބިނާކުރުމުގައި ތަފާތު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން "ފައިނޭންސްގެ ދަތިތަކާއި، މަރުކަޒުތަކުގެ ލޮކޭޝަން ބަދަލުކުރަން ޖެހުންފަދަ މަަސައްކަތްތައް" މީގެ ތެރޭގައި ހިމެނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މުރުތަޟާ އިތުރަށް ވިދާޅުވީ، މަރުކަޒުތައް ބިނާކުރާ ތަން ބަދަލުކުރަން ޖެހުމުގެ ސަބަބުން އިތުރު ޚަރަދުތަކެއް ހިނގާ ކަމަށާއި، މިފަދަ އެކި މައްސަލަތަކާ ގުޅިގެން ބައެއް ރަށްރަށުގެ މަސައްކަތްތައް މިހާތަނަށް ލަސްވެފައިވާ ކަމަށެވެ. ނަމަވެސް، މިހާރު އަމާޒު ހިފާފައިވަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިންމުމަށެވެ.

މި މަޝްރޫޢުގެ ދަށުން މަސައްކަތް ހަވާލުކޮށްފައިވާ 129 ރަށުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ހިމެނެއެވެ. މީގެ ތެރޭގައި އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި ވެމްކޯއާ ހަވާލުކޮށްފައިވާ 110 ރަށެއްގެ މަސައްކަތާއި، އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވާ 19 ރަށެއްގެ މަސައްކަތް ހިމެނޭކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މި މަރުކަޒުތައް ޤާއިމުކޮށް ނިމުމުން، ރަށްރަށުގައި އުފެދޭ ކުނި ތަރުތީބުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން