ހަކުރުބަލީގެ ނުރައްކަލުން ސަލާމަތްވުމަށާއި، ބަލި ހުރިތޯ އަވަހަށް ދެނެގަތުމަށް ބާރުއެޅުމުގެ ގޮތުން އައިޖީއެމްއެޗް ނޭޝަނަލް ޑައިބެޓީސް ސެންޓަރުން ޚާއްސަ ސްކްރީނިންގ ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފިއެވެ. މި ހަރަކާތަކީ ރާއްޖޭގައި ހަކުރުބަލި އިތުރުވަމުންދާ މިންވަރު މަދުކުރުމަށާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ހަރަކާތް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ 10 ޖުލައި 2026 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލޭ ސޯޝަލް ސެންޓަރުގައެވެ. މި ޕްރޮގްރާމްގެ ދަށުން އާންމުންނަށް ބޭނުންވާ ސިއްހީ މުހިންމު ޓެސްޓުތަކާއި މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ސްކްރީނިންގ ކޭމްޕުގައި ގިނަ ޚިދުމަތްތަކެއް ހިލޭ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އިސްކޮޅާއި، ބަރުދަން އަދި ބީއެމްއައި ބަލައި ދެނެގަތުމާއި، ލޭގެ ޕްރެސަރު ބެލުމުގެ އިތުރުން ލޭގައި ހަކުރު ހުރި މިންވަރު ޓެސްޓުކުރުން ހިމެނެއެވެ.
މީގެ އިތުރުން، ދުޅަހެޔޮ ކާނާއާ ބެހޭގޮތުން މައުލޫމާތު ދިނުމާއި، ހަކުރުބައްޔާ ގުޅޭގޮތުން ޑޮކްޓަރުންގެ ލަފަޔާއި އިރުސާދު ހޯދުމުގެ ފުރުސަތުވެސް އާންމުންނަށް ލިބިގެންދާނެއެވެ. މިއީ ބަލިން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އައިޖީއެމްއެޗްއިން ފާހަގަކުރެއެވެ.
އައިޖީއެމްއެޗްއިން ވިދާޅުވި ގޮތުގައި، މި ހަރަކާތަށް ޒިޔާރަތްކުރާ ކުޑަކުދިންނަށް ޚާއްޞަކޮށްގެން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކެއްވެސް ކުރިއަށްދާނެއެވެ. މި ޕްރޮގްރާމަކީ އާއިލާގެ ހުރިހާ މެންބަރުންނަށް ބައިވެރިވެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.