ހުޅުމާލެ ފޭސް 1 އަދި 2 ގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ނުހެދިހުރި މަގުތައް ހެދުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން، މިހާތަނަށް 3 މަގެއްގައި ތާރު އަޅާ މުޅިން ނިންމާލާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އާންމުންނަށް ލުއިފަސޭހަކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
ހުޅުމާލޭގެ ޖުމްލަ 6 މަގެއް ތަރައްޤީކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން ފޭސް 1 ގައި ނުނިމި ހުރި 5 މަގެއްގެ އިތުރުން، ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރިން އޮތް މަގެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 1.1 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމަށް ވަނީ ނިންމާފައެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި މިހާތަނަށް މަސައްކަތް ނިމިފައިވަނީ އެޕޯލޯ ފްލެޓްތަކުގެ ބިއްދޮށުން އޮންނަ މަގާއި، ވަން ސެންޓްރަލް ޕާކް ރެސިޑެންސްއާ އިންވެގެން އޮންނަ މަގު އަދި ރޭތިގަލް ރެސިޑެންސްއާ އިންވެގެން އޮންނަ މަގުގައެވެ. މި ތިން މަގުގައިވެސް މިހާރު ވަނީ ތާރު އަޅާ ނިންމާލާފައެވެ.
މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ފޭސް 2 ގެ ވިނަރެސް ފްލެޓްތަކުގެ ބިއްދޮށުން، ކުރީގެ ފަރުކޮޅުފުއްޓާ ދިމާލަށް އޮންނަ މަގު ތަރައްޤީކުރުމުގެ މަސައްކަތެވެ. އެޗްޑީސީން ވިދާޅުވީ އެ މަގުގެ ސަބްބޭސްގެ މަސައްކަތްތައް ނިމި، މިހާރު ކުރިއަށްދަނީ ތާރުއެޅުމާ ގުޅޭ އެންމެ ފަހުގެ ތައްޔާރީތަކާއި މަސައްކަތްތައް ކަމަށެވެ.