ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދައެއް ކަމަށްވާ އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ސިފަ އަލުން އަށަގެންނެވުމަށްޓަކައި ޤައުމީ ފެންވަރުގެ ބޮޑު ކެމްޕެއިނެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިފަދަ ކެމްޕެއިނެއް ފެެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ދިވެހިންގެ އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަން ހިފެހެއްޓުމަށް އެމަނިކުފާނު ދެއްވާ ހާއްސަ އިސްކަމުގެ ތެރެއިންނެވެ.
މި ކެމްޕެއިނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރު އައުމާ ހަމައަށް ދިވެހިންގެ އައިޑެންޓިޓީ އޮތީ ގެއްލުމުގެ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަންދީގެން ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި، ރާއްޖޭގެ ތާރީޚު ދިރާސާކޮށް ސަޤާފީ ކަންކަން އާލާކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ރާއްޖެއަށް ސިޔާސީ އޮއެވަރު އައި ހިސާބުން ފެށިގެން، ދިވެހިންގެ ތެރޭގައި އޮތް އިޙްތިރާމް އަދާކުރުމުގެ މިންގަނޑުތައް ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. ޚާއްޞަކޮށް ބޮޑެތި މީހުންނަށާއި އަވައްޓެރިންނަށް ކުރާ އިޙްތިރާމް ކުޑަވެ، އަޚުލާޤީ މިންގަނޑުތައް މުޖުތަމަޢުން ފަނޑުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ކުރިން ވިއްޔާ އަވައްޓެރިންނަށްވެސް އިޙްތިރާމް ކުރާނެ. އަމުދުުން ބޮޑެތި މީހުންނަށް އިޚުތިރާމް ކުރާނެ. އެއްބަޔަކު އަނެއްބަޔަކު މެދު އަޚުލާޤީ މިންގަނޑު ހިފަހައްޓާނެ. ނަމަވެސް ސިޔާސީ އޮއެވަރު ވަރުގަދަވަމުން އައިސް މޫލަމުން ދިޔަ ވަރަކަށް އަޅުގަނޑުމެންގެ ތެރޭގައި އިޙްތިރާމް އަދާކުރުން މިއޮތީ ނެތިގެން ގޮއްސަ. ނަމަވެސް އަޅުގަނޑުމެންގެ އައިޑެންޓިޓީގައި ވަަރަށް ބޮޑު ސިފައެއް އެއީ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ކެމްޕެއިނަކީ މުޅި މުޖުތަމަޢު ބައިވެރިވާ، ހުރިހާ މުއައްސަސާތަކާއި ޖަމްޢިއްޔާތަކެއްގެ އެއްބާރުލުމާއެކު ކުރިއަށްގެންދާނެ ބޮޑު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމުގައި އިސްރަށްވެހިންގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް އެ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.
މިހާރު މި ކެމްޕެއިން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ކުރަންޖެހޭ މަޝްވަރާތައް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ. މި ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ ދިވެހި މުޖުތަމަޢަކީ އަޚުލާޤީ ގޮތުން ނަމޫނާ، އެކަކު އަނެކަކަށް އިޙްތިރާމްކުރާ ބަޔަކަށް އަލުން ބަދަލުކުރުމެވެ.