ދިރިއުޅުމުގެ ކަންކަން ކުރިނުއަރާތީއާއި ގޭގައި ހަމަޖެހުން ނުއޮންނާތީ ގިނަ ބައަކު ކަންބޮޑުވެއެވެ. ގޭގައި މައްސަލަތައް ގިނަކަމުން ގެއިން ބޭރުގައި ގިނަ ވަޤުތު ހޭދަކުރާ މީހުންވެސް އުޅެއެވެ. އެމީހުންނަށް ބުނެލަން އޮތީ ގޭގައި މަޑުކޮށްލައި ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ. އެކަމުގައި ހުރި ފައިދާގެ ބޮޑުކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ
(1) ﷲ ތަޢާލާ މަތިން ޛިކުރުކުރުމަކީ ހިތްތަކުގެ ދިރުމެކެވެ. ލޯތަކަށްވާ ފިނިކަމެކެވެ. ނަފުސުތައް ޠާހިރުކޮށްދޭ ކަމެކެވެ. ހިތްތަކުގެ ބަލިތަކަށްވާ ޝިފާއެކެވެ. ފުރާނަތަކަށް ދިރުންގެނެސްދީ، އެ ފުރާތަނަކަށް އުފާވެރިކަން ގެނެސްދޭނެ އެންމެ މަތިވެރި ސަބަބެވެ. ހިތްތަކަށް ޛިކުރުކުރުމަށް ބޭނުންވެގެންވަނީ މަހަށް ފެން ބޭނުންވެގެންވާ ފަދައިންނެއެވެ. ފެނާ އެކަހެރިކޮށްލައިފިނަމަ މަހުގެ ޙާލަކީ ކޮބައިތޯ؟
(2) ﷲ މަތިން ޛިކުރުކުރުމާނުލައެއް މުއުމިނެއްގެ ދިރިއުޅުން ބާއްޖަވެރިއެއް ނުވާނެއެވެ. ޛިކުރުކުރުމާމެދު ޣާފިލުވެފައިވާ ހިތަކީ މަރުވެފައިވާ ހިތެކެވެ. އަދި އެ ގެއެއްގައި ﷲއަށް ޛިކުރުނުކުރެވޭ ގެއަކީ ޚަރާބުވެފައިވާ ގެއެކެވެ.
ހިތްތަކަށް ދިރުމާއި، ގެތަކަށް އާރޯކަން ލިބޭނީ ﷲއަށް ޛިކުރުކުރުމުންނެވެ. އަދި ހިތްތައް މަރުވުމާއި، ގެތައް ޚަރާބުވުން ގުޅިފައިވަނީ ﷲ މަތިން ޛިކުރުކުރުމުން ޣާފިލުވުމާއެވެ. ޙަދީޘްގައިވާ ފަދައިންނެވެ.
(مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لاَ يَذْكُرُ رَبَّهُ، مَثَلُ الحَيِّ وَالـمَيِّتِ))(
މާނައީ: "އެމީހާގެ ވެރިރަސްކަލާނގެ މަތިން ހަނދުމަކުރާމީހަކާއި އެކަލާނގެ މަތިން ހަނދުމަނުކުރާމީހެއްގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ."
އަދި އެހެން ރިވާޔަތެއްގައިވެއެވެ.
(مَثَلُ الْبَيْتِ الَّذِي يُذْكَرُ اللهُ فِيهِ، وَالْبَيْتِ الَّذِي لَا يُذْكَرُ اللهُ فِيهِ، مَثَلُ الْحَيِّ وَالْمَيِّتِ))([2])
މާނައީ: "އެ ގެއެއްގައި ﷲ މަތިން ހަނދުމަކުރެވޭ ގެއަކާއި، އެ ގެއެއްގައި ﷲ މަތިން ހަނދުމަނުކުރެވޭ ގެއެއްގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ."
- ޝައިޚް މުޙައްމަދު ސިނާންގެ ދަރުސަކުން
- މިއަދުނޫސް