މައިންބަފައިން މުސްކުޅިވުމުން ގިނަފަހަރު ބަލަންޖެހެނީ ގުއިދަރިންނަށްކަން އެނގޭއިރުވެސް އެނުބައި އާދަ ދޫކޮށްނުލެވޭކަން އެއީ ކިހާބޮޑެރަކަމެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
މައިންބަފައިން މުސްކުޅިވުމުން ގިނަފަހަރު ބަލަންޖެހެނީ ގުއިދަރިންނަށްކަން އެނގޭއިރުވެސް އެނުބައި އާދަ ދޫކޮށްނުލެވޭކަން އެއީ ކިހާބޮޑެރަކަމެއްތަ؟

އެއީ ތަނަވަސް މީހެކެވެ. ތިބީ 5 ފިރިހެން ދަރިންނެވެ. ދޮށީ ފިރިހެންދަރިފުޅަކީ ކިޔެވުމަށް އެހައި މޮޅު ކުއްޖެއް ނޫނެވެ. ފާސަވްނީވެސް ކިރިޔަކިރިޔާއެވެ. އެހެންވެ އެދަރިފުޅު ހެދީ ގުއިދަރިއަށެވެ. މާބޮޑު ސަމާލުކަމެއް ނުދޭތަނުގައި ލޯބިން ބަގެއްވެސް ނުބުނެއެވެ. ކައިވެނިކުރުމުންވެސް ވަރަށް އާދައިގެ ފެންވަރުގެ ގެއެއްދީފައި ގެއިން ބޭރުކޮށްލީއެވެ. އެކަމަކު ދެންތިބި ހަތަރުދަރިންނަށް ރަނގަޅުފެންވަރުގެ ގެދޮރުދިނުމުގެ އިތުރަށް ވިޔަފާރިކުރާނެ ފައިސާވެސް ދިނެވެ. ވިޔަފާރިކުރަން މަގުފަހިވެސް ކޮށްދިނެވެ.  

އަހަރުތަކެއް ފާއިތުވެ މުސްކުޅިވުމުން ބޭނުންވީ އޭނާދެކެ ދަރިން ލޯބިވާވަރު ބަލައި ދަރިންނާއިމެދު ކަންކަން ކުރުމަށެވެ. އޭނާދެކެ ޙަޤީޤީ ލޯބިވާ ދަރިން ދެނެގަތުމަށެވެ. އެހެންވެ ދަރިންނަށް އަނބިން ގޮވައިގެން ކެއުމަކަށް ގެއަށް އައުމަށް ދަޢުވަތުދިނެވެ.

ކައިނިމިގެން ބުނީ ދަރިން މިގެނައީ ވަރަށް ބޮޑު ބޭނުމެއް ޖެހިގެން ކަމަށެވެ. ވިޔަފާރީގައި ހެދުނު ގޯސްތަކަކުން ވިޔަފާރި ބަނގުރޫޓުވެ ދަރަނިވެރިވެއްޖެނަކަމަށެވެ. ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި ބޭންކުން ވިޔަފާރިއާއި ގެދޮރުވެސް އޭނާގެ އަތުން ނަގާނެ ކަމަށެވެ. އެކައުންޓުތައް ފްރީޒްކޮށްފައި ހުރުމުން އަތުގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ. އެހެންވެ ބޭނުންވަނީ އަހުރެން ބަލައިދިނުމަށެވެ. ބަދަލުގައި ކޮށްދެވޭނެ އެއްވެސް ކަމެއްވެސް ނެތް ކަމަށެވެ.

ވާހަކަ އެހސާބަށް ގެންދާއިރަށް އޭނާގެ ކިބައިން ލޯތްބާއި ތަނަވަސްކަން ލިބުނު 4 ދަރިން ބުނީ ކަންކަން ހުރި ގޮތުން ބައްޕަ ބަލައިދެވެން ނެތަ ކަމަށެވެ. އަދި ބައްޕަ ޙާލުގައި ޖެހުމުން ބަލަންޖެހޭނީ އެންމެ ދޮށީ ދަރިފުޅަށް ކަމަށެވެ. އެހެން ބުނެފައި މަޑުވެސް ނުކޮށް ގެއިން ނުކުމެގެން ދިއައީއެވެ. ދޮށީ ދަރިފުޅު ބުނީ އޭނާ ދިރިއުޅެނީ ވަރަށް ދަތިޙާލުގައި ކަމަށެވެ. ނަމަވެސް އޭނާ އުޅޭ ޙާލެއްގައި ބައްޕަ ބަލައިޑޭން ހުރީ ތައްޔާރަށް ކަމަށެވެ. އޭނާގެ އަނބިމީހާވެސް ބުނީ ހަމައެގޮތަށެވެ. 

4 ދަރިން ދިއުމުން ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! ދަރިފުޅާއިމެދު ބައްޕައަށް ކަންކަން ކުރެވުނު ގޮތަށްޓަކައި މާފަށް އެދެމެވެ. އެވާހަކަ ދެއްކުމުގެ ބޭނުމެއްވެސް ނެތެވެ. އެކަންކަން އެގޮތަށް ނުކުރެވޭ ކަމަކަށް ދެން ނުހެދޭނެއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ ދަރިފުޅަށް މިއަދު މިދެނީ މާ ރަނގަޅު ބަދަލެކެވެ. ބައްޕަ ބަނގުރީޓެއް ނުވެއެވެ. ދަރަނިވެރިއެއްވެސް ނުވެއެވެ. ކުންފުނިވެސް އެހިނގަނީ ބަރާބަރަށެވެ. ފައިދާވެސް ވެއެވެ. ލޯނެއްވެސް ނުއޮންނާނެއެވެ. ބައްޕަ 5 ކުދިން ގެނެސް މިކުރީ އިމްތިޙާނެކެވެ. ފާސްވީ ދަރިފުޅު އެކަންޏެވެ. ހުރިހާ ކުދިން ފާސްވިނަމަ ހަމަހަމައަށް ބަހައިލީމުހެވެ. ދެން އެކަމެއް ނުކުރާނެއެވެ.

އަވަހަށް މިގެއަށް ބަދަލުވާށެވެ! މާދަމާއިން ފަށައިގެން ބައްޕައާއިއެކު އޮފީހަށް ނުކުންނަން ފަށާށެވެ. މަސައްކަތް ދަސްކުރާށެވެ. މިއަދުން ފެށިގެން ބައްޕަގެ އަތުގައި ހުރި ތަނަވަސްކަމަކީ ދަރިފުޅުގެ ޙައްޤެކެވެ. މިއީ އެ 4 ދަރިންނަށް ކުރެވޭ ބޭއިންޞާފަކަށްވެސް ނުވާނެއެވެ. އެމީހުންނަށް ހުންނާނީ ތަނަވަސްކަން ހޯދައިދީފައެވެ. ދަރިފުޅަސް އިތުރަށް މިދެނީ ހެޔޮހޮތުން ބައްޕަ ބަލައިދޭން ޙަވާލުވީތީއެވެ."  

މިޙާދިސާއިން އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ ރަންދަރިންނާއި ގުއިދަރިންގެ މައްސަލައެވެ. ރަންދަރިކުރުމުން ކަންކަން މެދުވެރިވާ ގޮތެވެ. އަޅުގަނޑަކީވެސް ގުއިދަރިއަކީމެވެ. މިޙާދިށާގައި ފަދައިން މައިންބަފައިންގެ ފަރާތުން އެއްވެސް އެއްޗެއްވެސް ނުލިބޭ ގުއިދަރިއެކެވެ. އެކަމަކު ދެމީހުން ބަލަނީ އަޅުގަނޑެވެ. ދަތިޙާލުގައި އުޅެމުންނެވެ.  

އެމީހުންނާއި ޝަކުވާކުރާކަށް ނެތީމެވެ. ކުރަން ބޭނުންވާ ކަމަކީ ރަންދަރިކުރުމާ ގުއިދަރިކުރިކުރުމުން ގިނަ ފަހަރު ކުރިމަތިވަނީ މިފަދަ ގޮތެއް ކަމަށް ބުނެލުމެވެ.

 

- ސަމީރު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން