ފަށްކުރުމެއް! ރަސޫލު ޞޢޥ ކުރެއްވެވި ޢުމްރާތަކާއި ޙައްޖު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ފަށްކުރުމެއް! ރަސޫލު ޞޢޥ ކުރެއްވެވި ޢުމްރާތަކާއި ޙައްޖު-

މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވުމަށްފަހު ރަސޫލުﷲ صلى الله عليه و سلم ކުރައްވާފައިވަނީ ހަތަރު ޢުމްރާއެވެ. އަދި އެކަލޭގެފާނު ކުރައްވާފައި ވަނީ އެންމެ ޙައްޖެކެވެ. އެއީ ޙައްޖަތުލް ވަދާޢުއެވެ. އެ ޙައްޖަކަށްފަހު އެކަލޭގެފާނު މުސްލިމުންނަށް އަލްވަދާޢުކިޔުއްވި ޙައްޖެވެ. އެކަލޭގެފާނު ޙައްޖަތުލް ވަދާޢު ވެވަޑައިގަތީ ހިޖުރައިން 10 ވަނައަހަރުގައެވެ. 

ރަސޫލުﷲ صلى الله عليه و سلم ކުރެއްވި ހަނގުރާމަފުޅުތައް:

އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ ބައިވެރިވެވަޑައިގެންފައިވަނީ 25 ހަނގުރާމަފުޅުގައެވެ. ޢިލްމުވެރިން ވިދާޅުވެފައިވާގޮތުގައި މި ހަނގުރާމަތަކުގެ ތެރެއިން އެކަލޭގެފާނު އަމިއްލަފުޅަށް މުޝްރިކުން ޤަތުލުކުރައްވާފައިވަނީ 9 ހަނގުރާމައެއްގައެވެ. ހަނގުރާމަތަކުގެ އިތުރުން އެކިއެކި ސަރާޔާ “މިލިޓަރީ އެކްސްޕެޑިޝަން” ތަކުގައި ބައިވެރިވެވަޑައިގެންނެވީ ފަންސާހަކަށް ފަހަރުގައެވެ. 

ރަސޫލުﷲ صلى الله عليه و سلم ސަވާރުވެވަޑައިގެންނެވި ސަވާރީތައް: 

އެކަލޭގެފާނު ދަތުރުކުރެއްވުމަށްޓަކައި ޖަމަލުކޮޅު ބެނުންކުރެއްވިއެވެ. އަދި އަސްތައްވެސް ގެންގުޅުއްވިއެވެ. އެކަލޭގެފާނު އެންމެފުރަތަމަ ގެންގުޅުއްވި އަސްކޮޅަށް ކިޔަނީ އައްސަކްބު އެވެ. އަދި ސަބްޙަތު އޭ ކިޔުނު އަސްކޮޅެއްވެސް އެކަލޭގެފާނުގެ އަތްޕުޅުގައި އޮތެވެ. އަދި އެކަލޭގެފާނު، އަލްމުރްތަޖަޒް އަދި ލިޒާޒު އަދި އައްޡަރިބް އަދި އައްލުޙައިފު އޭ ކިޔުނު އަސްތަކެއްވެސް ގެންގުޅުއްވިއެވެ. އަދި އައްދުލްދުލް އޭ ކިޔުނު ބަޢުލެއްވެސް އެކަލޭގެފާނުގެ އަތްޕުޅުގައި އޮތެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި ދޮންކުލައިގެ ޅަ އަހެއްވެސް އޮތްކަމުގައި ވެއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުގައި އަންހެން ޖަމަލުތަކެއްވެސް ހުއްޓެވެ. އޭގެތެރޭގައި އަލްޢަޟްބާއު ހިމެނެއެވެ. މި ޖަމަލަށް އެހެން ނަންތަކެއްވެސް ކިޔެއެވެ. އެއީ އަލްޤަޞްވާއު، އަލްޖަދުޢާއު އެވެ. އަދި އެކަލޭގެފާނަށް އެއިން ކިރުލިބޭ ޖަމަލެއްވެއެވެ. އެ ޖަމަލަށްކިޔަނީ ބުރުދާ އެވެ.

ރަސޫލުﷲ  صلى الله عليه و سلم ގެ ހަތިޔާރުކޮޅުތައް: 

އެކަލޭގެފާނުގެ އަތްޕުޅުގައި ތިން ލޮންސި އާއި ތިން ދުނި އޮތެވެ. އަދި އެކަލޭގެފާނުގެ ކަނޑިކޮޅަށް ކިޔަނީ ޒުލް ފިޤާރުއެވެ.

 

- އައްޝައިޚް އަޙްމަދު މިޙްސަން މުޙައްމަދު

 

މިއަދު އޮންލައިން