ޙައިޟުގެ ޙާލަތުގަ ފިރިމީހާގެ ގައިގަ ބީހުމާ ޤުރްއާން ކިޔެވުން ސުންނަތުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
ޙައިޟުގެ ޙާލަތުގަ ފިރިމީހާގެ ގައިގަ ބީހުމާ ޤުރްއާން ކިޔެވުން ސުންނަތުން-

ޙައިޟުވެއްޖެނަމަ ފިރިމީހާއާއި ދުރުހެލިވާންޖެހޭކަމަށް ޤަބޫލުކުރާ އަނބިންނާއި އަދި އަނބިމީހާއާއި ދުރުހެލިވާންޖެހޭކަމަށް ޤަބޫލުކުރެވޭ ފިރިންނަށް މިލިޔުމުގައިވާ މަޢުލޫމާތުން ފައިދާކުރާނެއެވެ. އިން ޝާ ﷲ  

ރަސޫލް (ޞޢޥ) އަނބިއަނބިކަނބަލުން ޙައިޟުވެރިވެގެންވާ ޙާލު، އުނގުފުޅުގަ އިސްތަށިފުޅު އަޅުއްވައި ލެނގިވަޑައިގެން އިންނަވާ ޤުރްއާން ކިޔަވާ ވިދާޅުވި!  

ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ އުނގުފުޅުގައި އިސްތަށިފުޅު އަޅުއްވައިގެން އަވަހާރަފުޅުލައްޕަވާ ކަމުގައިވިއެވެ:  

އެއްފަހަރަކު ދަތުރެއްގެ މަތީގައި ޢާއިޝާ رضي الله عنها ގެ ކަރުފުޅުގައި ތުރުކުރައްވާފައި އޮތް ހާރުކޮޅެއް ހޯދަވަން ޖެހިވަޑައިގެން މުޅި ޤާފިލާ އެއްކޮށް މަޑުކުރެއްވިއެވެ. އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ޢާއިޝާ رضي الله عنها ގެ ބައްޕާފުޅު އަބޫ ބަކުރު رضي الله عنه އެކަމަނާގެ އަރިހަށް ވަޑައިގެން ނުރުހުން ފާޅުކުރައްވައި އެކަމަނާގެ އަރިކަށީގައި އެކަލޭގެފާނުގެ އަތްޕުޅުން ޖައްސަވަމުން ގެންދެވިއެވެ. އެޙާދިޘާ ކިޔައިދެއްވަމުން އެކަމަނާ ވިދާޅުވިއެވެ: 

"ފަހެ ރަސޫލާ صلى الله عليه وسلم އަށް ތިމަން ކަމަނާ ކުރައްވާ އިޙުތިރާމުގެ ފިޔަވައި ތިމަން ކަމަނާ ހިރިލުން މަނާކުރި އެހެން ކަމެއް ނުވިއެވެ. އެކަލޭގެފާނުގެ އިސްތަށިފުޅު (އެވަގުތު) އޮތީ ތިމަން ކަމަނާގެ ފަލަމަސްގަނޑު މަތީގައެވެ". مسلم 550. 

އަދި ޢާއިޝާ رضي الله عنها ވިދާޅުވިއެވެ: 

"كان النبي صلى الله عليه وسلم يتكئ في حجري وأنا حائض، ثم يقرأ القرآن". البخاري 3672. 

"ތިމަން ކަމަނާ ޙައިޟުވެރިވެގެންވާ ޙާލު، ތިމަން ކަމަނާގެ އުނގުފުޅުގައި ނަބިއްޔާ صلى الله عليه وسلم އިސްތަށިފުޅު އަޅުއްވައި ލެނގިވަޑައިގަންނަވައެވެ. ދެން އެކަލޭގެފާނު ޤުރްއާން ކިޔަވާ ވިދާޅުވެއެވެ". 

މިހަދީޘްފުޅުތަކުން ލިބިގެން ފިލާވަޅަކީ، ޔަހޫދީންގެ ވިސްނުމާ މުޅިން ޚިލާފަށް، އިސްލާމް ދީނުގައި އަންހެނުން ޙައިޟުވިޔަސް އެކަނބަލުންނާ އެކީގައި ދިރުއުޅެ ބީހި ގައިގޯޅިވެ ހެދުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫންކަމެވެ. އަދި ހަމައެއާއެކު، މައިންބަފައިން ކުރިމަތީގައި ކަމުގައިވިޔަސް ފިރިމީހާ ނިދުމައްޓަކައި އަނބިމީހާގެ އުނގުގައި ބޯއަޅައިގެން އޮތުމަކީވެސް އައިބު ކަމެއް ނޫންކަމެއެވެ. އަދި އެއީ މައިންބަފައިން ވެސް މާބޮޑު ކަމެއް ކަމުގައި ހަދައި އެކަމަން އިންކާރު ކުރަންޖެހޭ ވަރުގެ ކަމެއް ނޫންކަމެވެ. 

އަދި މީގެ އިތުރުން މިޙަދީޘުން ލިބިގެންދާ އަނެއް ފިލާވަޅަކީ، ޢާއިޝާ رضي الله عنها އެކަމަނާގެ ފިރިކަލުންނަށް ބަހައްޓަވާ އިޙުތިރާމުގެ ބޮޑުކަމެވެ. ފިރިކަލުންގެ އަވަހާރަފުޅަށް އުނދަގުލެއް ނުވަތަ މެދުކެނޑުމެއް އައިސްފާނެ އެއްވެސް ކަމެއް އެކަމަނާގެ ކިބައިން ވުމަކަށް އެދިވަޑައެއް ނުގަންނަވައެވެ. ފިރިކަލުންގެ އަވަހާރަފުޅަށް ބުރޫއަރާފަނެތީ އެކަމަނާ އިންނެވިތަނުން ހިރިލާންވެސް ބޭފުންފުޅުވެވައިއެއް ނުގެންނެވިއެވެ. 

ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ކަން އޮތީ މިހެންތޯއެވެ؟ އިހުގައި ކާބަފައިންގެ ތެރޭގައި މިފަދަ ބައެއް ރަނގަޅު އާދަތައް ހުއްޓަސް، މިއަދު މިފަދަ ކަންކަން މިވަނީ މުޅީންހެން އުވިގެން ގޮއްސައެވެ. މިއަދި ފިރިމީހާ ގޭގައި ނިދާފައި އޮންނަ ވަގުތުގައި ދަރީން އައިސް ކޮޓަރިއަށް ވަދެ، އަޑު ގަދަކޮށް، ނުވިތާކަށް އެނދު މައްޗަށް އަރައި ފުންމާ ހަދާ ފަހުން ނޫނީ އެކުދިނަށް އެއްޗެއް ނުބުނުމަކީ ޢާއްމު ކަމެކެވެ. ބަފައިންގެ ހައިބަތު ދަރީންގެ ކުރިމަތީގައި ހިފަހައްޓައިދޭ މީހުން މިވަނީ މަދުވާން ފަށާފައެވެ. މިއީކީ ހަމައެކަނި އަނބީންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ނޫނެވެ. ގާތްތިމާގެ މީހުންނާއި މަދަރުސާތަކުން ވެސް އުފުލަންޖެހޭ ޒިންމާއެކެވެ. 

ނުނިމޭ… 

- ޝައިޚް ޒަމްޒަމް ފާރިޝް

މިއަދު އޮންލައިން