ޚުޠުބާ: ކީރިތި ޤުރްއާން ތިލާވަތުކުރުމަކީ އިންސާނާގެ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ މާތް އަޅުކަމެއްގެ އިތުރަށް ބަލިތަކަށް އޮތް ޝިފާއެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 8މ 46ސ
ޚުޠުބާ: ކީރިތި ޤުރްއާން ތިލާވަތުކުރުމަކީ އިންސާނާގެ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ މާތް އަޅުކަމެއްގެ އިތުރަށް ބަލިތަކަށް އޮތް ޝިފާއެއް!

މުސްލިމް އަޚުންނޭވެ! އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތަކީ ކީރިތި ޤުރްއާނެވެ. އެއީ ކޮންމެ ހެއުކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލެވެ. ހުރިހައި ކާމިޔާބީއެއްގެ ސިއްރެވެ.

އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، އެ ފޮތް ކިޔެވުމުގައި ދެމިހުންނަ މީހަކީ، ގެއްލުމެއްނުވާނޭ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "ހަމަށަވަރުން، اللَّهގެ ފޮތް ކިޔަވައި، އަދި ނަމާދު قائم ކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތީން ސިއްރާއި ފާޅުގައި ހޭދަކޮށް އުޅޭ މީހުންނީ، ގެއްލުންނުވާނޭ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ."

ކީރިތި ޤުރްއާން ތިލާވަތުކުރުމަކީ އިންސާނާގެ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ މާތް އަޅުކަމެކެވެ. ބަލިތަކަށް އޮތް ޝިފާއެކެވެ. މި މާތް ފޮތް ކިޔަވައި، އެއަށް ޢަމަލުކުރާ މީހާއަށް ޤިޔާމަތް ދުވަހު އެ ފޮތް ޝަފާޢަތްތެރިވާނެއެވެ. އެ ފޮތުން ކިޔަވާ ކޮންމެ އަކުރަކަށްމެ ދިހަ ހެއުކަމުގެ ޘަވާބު މާތް ﷲ ދެއްވާނެއެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالْـحَسَنَةُ بِعَشْرِ أَمْثَالِـهَا، لَا أَقُوْلُ ﮋ ﭑ ﮊ حَرْفٌ، وَلَـٰكِنْ أَلِفٌ حَرْفٌ، وَلَامٌ حَرْفٌ، وَمِيْمٌ حَرْفٌ)[1]

މާނައީ: " މާތް ﷲގެ ފޮތުން އެންމެ އަކުރެއް ކިޔަވައިފި މީހަކަށް، އެ ކަމުގެ ސަބަބުން ހެޔޮ ކަމެއް ވެއެވެ. އަދި ކޮންމެ ހެޔޮ ކަމެއް ދިހަ ގުނައަށް އިތުރުވެގެންވެއެވެ. (ا لـم)އަކީ އެއް އަކުރޭ ތިމަންކަލޭގެފާނު ވިދާޅެއްނުވަމެވެ. އެކަމަކު އަލިފަކީ އަކުރެކެވެ. ލާމަކީ އަކުރެކެވެ. އަދި މީމަކީ ވެސް އަކުރެކެވެ."

މުސްލިމް އަޚުންނޭވެ! ކީރިތި ޤުރްއާން ތިލާވަތުކޮށް، އެ ފޮތުގައި ހިމެނޭ އާޔަތްތަކުގެ މާނަތަކާ މެދު ތަދައްބުރުކޮށް ވިސްނައި ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރުވެވަޑައިގެން، އެބައިމީހުންނަށް ޓަކައި ހެއު ދުޢާކުރައްވައި، ޝައިޠާނާގެ ނުބައިކަމުންނާއި ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވާނެއެވެ. އަދި މާތް ﷲގެ ތަނަވަސްވެގެންވާ ރަޙުމަތާއި ފާފަފުއްސެވުމުގެ ހިޔާވަހިކަން އެކަލާނގެ އެބައިމީހުންނަށް މިންވަރުކުރައްވާނެއެވެ. ކީރިތި ޤުރްއާނުގެ އަހުލުވެރީންގެ މާތްކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (وَمَا اجْتَمَعَ قَوْمٌ فِيْ بَيْتٍ مِنْ بُيُوْتِ اللَّهِ، يَتْلُونَ كِتَابَ اللَّهِ، وَيَتَدَارَسُوْنَهُ بَيْنَهُمْ، إِلَّا نَزَلَتْ عَلَيْهِمُ السَّكِيْنَةُ، وَغَشِيَتْهُمُ الرَّحْمَةُ وَحَفَّتْهُمُ الْمَلَائِكَةُ، وَذَكَرَهُمُ اللَّهُ فِيْمَنْ عِنْدَهُ)[2] މާނައީ: "މާތް ﷲގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅެއްގައި (އެބަހީ: މިސްކިތެއްގައި)، ބަޔަކު މީހުން އެއްވެ، މާތް ﷲގެ ފޮތް ކިޔަވައި، އަދި އެ ބައިމީހުންގެ މެދުގައި އެ ފޮތް އުނގެނި ދަސްކުރާ ނަމަ، އެ ބައިމީހުންގެ މައްޗަށް ހިތްހަމަޖެހުމާއި މަޑުމޮޅިކަން ފައިބާނެތެވެ. އަދި އެކަލާނގެ ރަޙުމަތް އެބައިމީހުން ފޮރުވައިލާނެތެވެ. އަދި މަލާއިކަތްބޭކަލުން އެ ބޭކަލުންގެ ފިޔަފުޅުތަކުން އެ ބައިމީހުން ވަށައިލައްވާނެތެވެ. އަދި اللهُ سُبْحَانَهُ وَتَعَالَى، އެބައިމީހުންގެ މަތިވެރިކަމުގެ ވާހަކަ (އެބަހީ: ކީރިތި ޤުރްއާން ކިޔަވައި އެ އުނގެނި އުނގަންނައިދޭ މީހުންގެ ވާހަކަ) އެކަލާނގެ ޙަޟުރަތުގައި ކުއްތަންކުރެއްވިގެންވާ މަލާއިކަތުންނަށް ބަޔާންކުރައްވާނެތެވެ." 

މުސްލިމް އަޚުންނޭވެ! ކީރިތި ޤުރްއާން ތިލާވަތުކުރުމަކީ އިންސާނާގެ ހަށިގަނޑަށާއި، ރޫޙަށާއި، ހިތަށް ނުހަނު ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނުވައިދޭ ކަމެކެވެ. މާތް ﷲގެ މަތީން ހަނދުމަކޮށް، ޒިކުރުކުރުމުގެ މަތިވެރި މަޤުޞަދުގައި ކިޔެވޭ މި މުޤައްދަސް ފޮތަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަޞްލެވެ. މި ކަމާ ގުޅޭ ގޮތުން اَلْإِمَامُ اِبْنُ الْقَيِّم - رحمه الله- ބަޔާންކުރައްވައިފައި ވެއެވެ. "އިންސާނާގެ ހަށިގަނޑަށް ލިބޭ ބާރަކީ އޭނާގެ ހިތުގެ ވަރުގަދަކަމާ ގުޅިފައިވާ ކަމެކެވެ. އެ ގޮތުން ހިތުގެ ބާރުގަދަވީ ވަރަކަށް، އޭނާގެ ހަށިގަނޑުގެ ބާރާއި ދިރުން ވެސް އިތުރުވެއެވެ."[3] މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---މާނައީ: "ތިމަންރަސްކަލާނގެ ޤުރްއާނުން މުއުމިނުންނަށް ރަޙުމަތާއި، ޝިފާއެއްކަމުގައިވާ ތަކެތި ބާވައިލައްވަމެވެ." ކީރިތި ޤުރްއާން ތިލާވަތުކުރުމުގައި ދެމިހުރުމަކީ، މާތް ﷲގެ ޙަޟުރަތަށް ކުއްތަންވުމަށް އޮތް އެންމެ މަތިވެރި އަދި އެންމެ ހެޔޮވެގެންވާ އެއް މަގެވެ. އެއީ މުސްލިމެއްގެ ހިތްވަރާއި ހީވާގިކަން އާލާކޮށްދީ، އިންސާނާގެ ތަޞައްވުރަށް ވުރެ ބޮޑެތި ކަންކަން ޙާޞިލުކުރުމުގެ ބާރާއި ޤާބިލުކަން ލިއްބައިދޭ އަޅުކަމެކެވެ. اَلْإِمَامُ اِبْنُ الْقَيِّم - رَحِمَهُ الله- ބަޔާންކުރައްވައިފައިވާ ފަދައިން، "ޛިކުރުކުރުމުން އިންސާނާއަށް ލިބިދޭ ބާރުވެރިކަމުގެ ސަބަބުން، ކުރީން ކުރަން އުނދަގޫވާނެކަމަށް ހީވި ކަންކަން ވެސް ފަސޭހަކަމާ އެކު ފުރިހަމަކުރުމުގެ ތައުފީޤުލިބެއެވެ."[4] އެއްވެސް ޝައްކެއްނެތް ގޮތުގައި، ކީރިތި ޤުރްއާނަކީ ޛިކުރުތަކުގެ އަޞްލު ކަމުގައިވާ އެންމެ މަތިވެރި އަދި އެންމެ މާތް ޛިކުރެވެ.

މުސްލިމް އަޚުންނޭވެ! ކީރިތި ޤުރްއާނަކީ ބަރަކާތުން ފުރިގެންވާ މުޤައްދަސް ފޮތެކެވެ. އިޚުލާޞްތެރިކަމާ އެކު އެ ފޮތް ތިލާވަތުކުރާ ކޮންމެ މީހަކަށްމެ، އެ ފޮތުގެ ބަރަކާތާއި މަތިވެރިކަން ލިބޭނެއެވެ. އެއީ ކިޔެވުމުގައި ފަރިތަ، ކުޅަދާނަ މީހެއް ކަމުގައި ވިޔަސް، ނުވަތަ އުނދަގުލާއި ދަތިކަމާ އެކު ކިޔަވާން މަސައްކަތްކުރާ މީހެއް ކަމުގައި ވިޔަސް މެއެވެ. މި ކަމަށް އިޝާރާތްކުރައްވައި ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (اَلْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَالَّذِيْ يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيْهِ، وَهُوَ عَلَيْهِ شَاقٌّ، لَهُ أَجْرَانِ)[5] މާނައީ: "ހުނަރުވެރިކަމާ އެކު ޤުރްއާން ކިޔަވާ މީހާ ވާހުށީ اللهُ سُبْحَانَهُ وَتَعَالَى، އެކަލާނގެ ޚަލްޤުތަކުންގެ ގާތަށް ވަޙީއާއިގެން ފޮނުއްވާ މަތިވެރިވެގެންވާ މަލާއިކަތުންނާ އެކުގައެވެ. އަދި އުނދަގޫކަމާ އެކު އަޅައަޅައިގަނެގެން ޤުރްއާން ކިޔަވާ މީހާއަށް، ދެ ދަރުމަ ހުށްޓެވެ." މި ޙަދީޘްފުޅުގެ ޝަރަޙައިގައި اَلْإِمَامُ النَّوَوِي -رَحِمَهُ الله- ވިދާޅުވެފައިވެއެވެ. "ޤުރްއާނުގެ މާހިރަކީ، އޭނާގެ ހިތުދަސްކުރުމުގެ ފެންވަރު ރަނގަޅުކަމުންނާއި މޮޅުކަމުން، ކިޔަވާ އިރު އަޅައިގަތުމެއް ނެތި ފަސޭހަކަމާ އެކު ކިޔަވާ މީހާއެވެ."[6] 

އެއަށް ފަހު ދަންނާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ފޮތާ މެދު ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! ފަހެ، ހުރިހައި ހެއުކަމެއް ވަނީ އެ ފޮތުގައި ހިފެހެއްޓުމާއި، އެ ފޮތް މަތިވެރިކުރުމުގައެވެ. އަދި ހުރިހައި ނުބައިކަމެއް ވަނީ އެ ފޮތް ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައެވެ.

މިއަދު އޮންލައިން