އުޒްބެކިސްތާނުގައި އަލަށް ފެށި އިސްލާމީ ސިވިލައިޒޭޝަންއާ ބެހޭ ބައިނަލްއަޤްވާމީ ފޯރަމަކީ މި ޒަމާނުގައި ދުނިޔެއަށް ދިމާވެފައިވާ އެކި މައްސަލަތަކާ މެދު ވާހަކަދެއްކުމަށް ލިބުނު އަގުހުރި ފުރުސަތެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފާހަގަކުރައްވައިފިއެވެ. ވަޒީރު މި މޭރުމުން ވާހަކަދެއްކެވީ އެ ޤައުމުގެ މީޑިއާއަކަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، އިސްލާމީ އުންމަތަށް އުޒްބެކިސްތާނުން ދައްކައިދެނީ ރީތި ނަމޫނާއެކެވެ. އެ ޤައުމުގެ މުއްސަނދި ތާރީޚީ ތަރިކަ ރައްކާތެރިކުރުމަށާއި އިސްލާމީ ތާރީޚު އާލާކުރުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތްތައް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ފޯރަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޢިލްމުވެރިންނާއި ފިކުރުވެރިން އެއްތަންވެ، މިއަދުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމަށް ހުޅުވުނު މުހިންމު ދޮރެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަކީ އަބަދުވެސް ދީނީ ހަރުކަށި ފިކުރާއި، ތަކްފީރުކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް ސާބިތުކަމާއެކު ދެމިއޮތް ޤައުމެއްކަމަށާއި އަދި އުޒްބެކިސްތާނުގެ އަޚުންނާއި އުޚުތުންނަށް، އިސްލާމްދީނުގެ މެދުމިންގަނޑުގެ މަގުގައި ސާބިތުވެ ތިއްބެވުމަށް ބާރުއަޅުއްވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއީ ކެތްތެރިކަމާއި، ހަމަހަމަކަމާއި، އަދި ދީނުގައި ހައްދުފަހަނަޅައިދިއުމުން ދުރުހެލިވުމަށް ގޮވާލާ މަގުކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އަޅުގަނޑުމެންނަކީ ހެޔޮކަމާއި، ސުލްޙައާއި، އޯގާތެރިކަމަށް ގޮވާލާ އުންމަތެއްކަމަށާއި އިސްލާމްދީނަކީ ސުލްޙައިގެ ދީންކަމަށާއި އެހެންކަމުން، މުސްލިމުންގެ ހައިސިއްޔަތުން، ހަރުކަށި ފިކުރާއި، ދީނީ ގޮތުން ހައްދުފަހަނަޅައިދިއުމާއި، ޓެރަރިޒަމާ ދެކޮޅަށް އަޅުގަނޑުމެން އެކަތިގަނޑަކަށް ވާންޖެހޭކަމަށެވެ. އަދި ޓެރަރިޒަމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އުޒްބެކިސްތާނަކީ ޢިލްމާއި ޙިކުމަތުގެ ގޮތުން ފާހަގަކޮށްލެވޭ ތާރީޚެއް އޮތް ތަނެއްކަން ފާހަގަކުރައްވަމުން، ރާއްޖެއާއި އުޒްބެކިސްތާނަކީވެސް އިސްލާމީ އުންމަތުގެ ބައެއްގެ އިތުރުން އޯއައިސީގެ މެންބަރު ދެ ޤައުމުކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ.
މީގެއިތުރުން، އުޒްބެކިސްތާނުގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާކަން ފާހަގަކުރައްވައި، ރާއްޖެއަކީ ފަތުރުވެރިކަމަށް މަޝްހޫރު ޤައުމަކަށްވާއިރު، ބޭރުގެ މެހެމާނުންނަށް މަރުޙަބާ ކިއުމަކީ ދިވެހިންނަށް ލިބޭ ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ.
އުޒްބެކިސްތާނުގެ ޤުދުރަތީ ރީތިކަމާއި ތާރީޚީ މުއްސަނދިކަމަށް ތަޢުރީފު ކުރައްވަމުން، އެ ޤައުމުގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަންވެސް ވަޒީރު ޑރ. ޝަހީމް ދެއްވިއެވެ.