ދަރިންގެ ކަންކަން ގޯސްވެގެން ކަންބޮޑުވާންޖެހޭނީ ރަނގަޅު ގޮތުގަ ތަރުބިއްޔަތުކޮށްފަ! އެކަން އެބަކުރެވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ދަރިންގެ ކަންކަން ގޯސްވެގެން ކަންބޮޑުވާންޖެހޭނީ ރަނގަޅު ގޮތުގަ ތަރުބިއްޔަތުކޮށްފަ! އެކަން އެބަކުރެވޭތަ؟

އަހަރެމެންގެ ދަރިން ބޮޑެތިވަނީ އަހަރެމެންގެ އަތްމަތީގައެވެ. ވާހަކަދެއްކުމާއި ކުރަންވީ ކަންކަމުން ފެށިގެން ހުރިހާ ކަމެއް ދަސްކޮށްދެނީ އަހަރެމެންނެވެ. އެކުދިންގެ ސިކުނޑިތައް ފަރާލެވެނީ އަހަރެމެން ވައްދައިދޭ ކަންކަމުންނެވެ.  

އެހެންކަމަށްވާއިރު ކުދިން ނުރަނގަޅު ކަންކަން ކުރުމުން އެކުދިން ކުށްވެރިކުރެވޭނީ ކޮން ގޮތަކުންހެއްޔެވެ؟ ނަމަވެސް މިހާރަކަށް އައިސް އަބަދުވެސް އިވެމުންދަނީ ކުދިން ނުބައިވުމުގެ ޝަކުވާތަކެވެ. އަހަރެންގެ ދަރިފުޅު ބަސް ޤަބޫލުނުކޮށް މިވެނި އެނިކަމެއް ގޯސްކޮށްކުރާ ކަމުގެ ވާހަކަތަކެވެ. ދީނުގެ ކަންކަން ނުކުރަންވެގެން އުޅޭކަމުގެ ޝަކުވާއާއި ދީނަށް ލޯޓްބެއް ނެތްކަމުގެ ވާހަކަތަކެވެ.

އަހުރެންނަކީވެސް ބައްޕައަކަށްވެ ހުރެ ބުނަމެވެ. ދަރިންގެ ކަންކަން ނުބައިމަގުން ދަނީ މައިންބަފައިންގެ ސަބަބުންނެވެ. އެކުދިންނަށް ކުޑައިރުންސުރެ އަޅައިނުލެވޭތީއެވެ. ފަރުވާކުޑަކުރެވޭތީއެވެ. ދީނުގައި ކުރަން އަންގަވާފައިވާ ކަންކަން ކުރަން އާދަކޮށް ނުދެވޭތީއެވެ. އެކަންކަން ކުރުމުގެ މުހިންމުކަން ބަޔާންކޮށްނުދެވޭތީއެވެ.

ކުދިން ބޮޑެތިވަމުން އަންނައިރު ރަނގަޅު ގޮތާއި ނުބައި ގޮތް އަދި ކުރަންވީ ކަންކަމާއި ކޮށްގެން ނުވާނެ ކަންކަން ދަސްކޮށްދީ ސިކުނޑިއަށް ވައްދައިދެވޭނަމަ އިސްލާމް ދީނުގެ މަގުގައި ތަރުބިއްޔަތުކުރެވޭނަމަ އެކުދިން ބޮޑެތިވެގެން އަންނާނީ ރަނގަޅުކުރިންގެ ގޮތުގައެވެ. ހުރިހާ ވެސް މައްސަލައަކީ އެކަންކަމަށް ސަމާލުކަންދޭންޖެހޭ އުމުރުގައި އަޅާނުލައި ދޫކޮށްލެވޭކަމެވެ.  

ކުޑަކުދިންގެ ސިކުނޑިތަކަކީ ހުސްކޮށްހުންނަ ކަންވާރެއް ފަދަ އެއްޗެކެވެ. އެއަށް އެޅޭނީ ތިބާ އަޅައިދިން އެއްޗެކެވެ. އަޅައިދިންވަރަކަށެވެ. އެއަށް ތިބާ އަޅައިދޭންޖެހޭ އެއްޗެތި އަޅައިނުދީ ފަރުވާކުޑަކޮށްލާފައި އެކަންކުރަން ކޮންމެވެސް ގޭނަކާއި ނުވަތަ ސޯޝަލް މީޑިއާ އާއި ހަވާލުކުރީމާ އަޅައިދޭނީ ތިބާ ބޭނުންވާ އެއްޗެއްސެއް ނޫނެވެ. އެއެއްޗެތި އުފެއްދި މީހާ އަޅަން ބޭނުންވާ އެއްޗެއްސެވެ.  

އެހިސާބުން ތިބާގެ ކޮންޓްރޯލް ގެއްލިގެންދާނެއެވެ. ތިބާގެބާރުކެނޑިގެންދާނެއެވެ. ބާރުކެނޑުނީމާ ދެން އެބާރު އަނބުރާ ހޯދުންވާނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. ގިނަފަހަރު އޮންނާނީ އެކަން ނުކުރެވިފައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން