ލިބޭ މިންވަރާ ޚަރަދުކުރާ ގޮތް އަނބިމީހާއަށްވެސް އަންގަމުން ޚަރަދުކުރުމުގަ ތެދުވެރިވާ މީހުންނަށް ދެއްވަވާ މިންވަރު އިތުރުކޮށްދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 50ސ
ލިބޭ މިންވަރާ ޚަރަދުކުރާ ގޮތް އަނބިމީހާއަށްވެސް އަންގަމުން ޚަރަދުކުރުމުގަ ތެދުވެރިވާ މީހުންނަށް ދެއްވަވާ މިންވަރު އިތުރުކޮށްދެއްވަވާނެ! އިން ޝާ ﷲ

މިހާރަކަށް އައިސް އަބަދުހެން އުޅެންޖެހިފައި މިވަނީ ކޮންމެވެސް ކަންތައްތަކެއް ކުރިމަތިވެގެން ތަކެތީގެ އަގުއުފުލޭތީއެވެ. މިވަޤުތަކީވެސް އެކަން ވަރަށް ބޮޑުވެފައިވާ ވަޤުތެކެވެ. މުޅި ދުނިޔެ މިއޮތީ ކަންބޮޑުވުމުގައެވެ. ކޮންމެ ދުވަހަކީވެސް ތަކެތީގެ އަގުއުފުލެމުންދާ ދުވަހަކަށްވެފައި ލިބޭ އާމްދަނީ އިތުރުނުވާތީއެވެ.  

މިޙާލަތުގައި އެންމެ މުހިންމު ކަމަކީ ލިބޭ އާމްދަނީގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. ﷲ ތަޢާލާ ބަރަކާތް ލައްވަވާނެމަގުން ޚަރަދުތައް ކުރުމެވެ. އިޤްޠިޞޯދުކުރުމެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމަކަށް ޚަރަދުނުކުރުމެވެ.  

އެހެންކަމުން މިގެނެސްދެނީ ވިސްނައި ޢަމަލުކުރުމުން ފައިދާކުރާނެ ލިޔުމެކެވެ. އިންޝާ ﷲ  

ގިނަ މީހުންނަކީ ފުދި އިތުރުވެގެން އުޅޭ ބައެއް ނޫނެވެ. ގިނައީ ލިބޭ އާމްދަނީން ދެކޮޅު ނުޖެއްސޭ މީހުންނާއި ކިރިޔަކިރިޔާ ދެކޮޅު ޖައްސައިގެން އުޅެވޭ މީހުންނެވެ. އެހެންކަމުން އެންމެންވެސް ތިބެނީ ލިބޭ އާމްދަނީ އިތުރުވުން އެދިގެންނެވެ.  

ލިބޭ މިންވަރު އިތުރުވުމަށް އެދޭނަމަ ފުރަތަމަ ކަމެއްގެ ގޮތުންވެސް ލިބޭ އާމްދަނީ ނުވަތަ މުސާރައިން ކުރަންޖެހޭ ޚަރަދުތައް ކުރުމުގައި ތެދުވެރިވާންޖެހޭނެއެވެ. ފުރަތަމަ ކަމަކަށް ޚަރަދުކުރަންޖެހޭނީ ކުރުން ވާޖިބް ޚަރަދުތަކެވެ. އެއީ ޢާއިލާއަށް ކުރަންޖެހޭ ޚަރަދުތަކެވެ.  

ފަހަކަށް އައިސް ބައެއް ޢާއިލާތަކުން ޚަރަދުކުރަނީ ލިޔެގެންނެވެ. އެކަމުގެ ބޭނުމަކީ އެއްވެސް ވަރަކަށް އިޝްރާފް ޚަރަދެއް ނުކުރުމެވެ. އަދި ޚަރަދުބޮޑުވާ ކަންކަން ދެނެގަނެ ޚަރަދުތައް ކުޑަކުރަން މަސައްކަތްކުރަން ފަސޭހަވުމެވެ.  

ބައެއް މީހުން ދެކޭ ގޮތުގައި ކުރާ ޚަރަދުތައް ލިޔުމަކީ ނުވަތަ ނޯޓުކުރުމަކީ ދަހިމީހުން ކުރާކަމެކެވެ. ނަމަވެސް އެކަން އަހުރެން ޤަބޫލެއް ނުކުރަމެވެ. ސަބަބަކީ ލިޔެގެން ޚަރަދުކުރާނަމަ ދެމަފިރިން އެކަކު އަނެކަކަށް ކުރަންޖެހޭ ޝަކުވާތައް ބޮޑުތަނުން މަދުވެގެންދާނެތީއެވެ. ތަފާތު ތުހުމަތުތައް ކުރާކަށްވެސް ނުޖެހޭނެއެވެ. ޚަރަދުކުރެވޭ ގޮތް ދެމީހުންނަށްވެސް ފެންނަން އޮންނާނެތީއެވެ.  

ލިބޭ އާމްދަނީއަށް ތެދުވެރިވާނަމަ އާމްދަނީ ބަރަކާތް ލައްވަވާނެތެވެ. ފުދުންތެރި ދިރިއުޅުމަކަށް މަގުފަހިވެގެންދާނެތެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

"އަޅުގަނޑުގެ ފިރިމީހާ ވަޒީފާއަދާކުރެއެވެ. އަޅުގަނޑު ގޭގައި އިނދެގެން މަސައްކަތްކޮށްގެން އާމްދަނީ ހޯދަމެވެ. އެކަމަކު އަބަދު ފިރިމީހާ ކުރާ ޝަކުވާއަކީ އަޅުގަނޑުގެ ޚަރަދުތައް ބޮޑުކަމުގެ ޝަކުވާއެވެ!  

އަޅުގަނޑަށް މަހަކު ކުރެވޭ ޚަރަދުތައް ލިޔެފައި ހިސާބުދައްކައިފީމެވެ. ފިރިމީހާއަކަށް އޭނާގެ މުސާރަ ހޭދަކުރާ ގޮތުގެ ހިސާބެއް ނުދެއްކެއެވެ. އަނގަބަހުން މޮޅު ވާހަކަތައް ދެއްކުން ނޫން ކަމެއް ނުކުރެވެއެވެ.  

މިބާވަތުގެ ކަންކަމުގައި މިއަދުނޫހުގައި ވަރަށް ގިނައިން ލިޔެފައި ހުންނާތީ ސުވާލުކޮށްލަން ބޭނުންވަނީ މިބާވަތުގެ ކަމެއްގައި އެއްވެސް ދިރާސާއެއް ކުރެވިފަ އެބައޮތްތޯއެވެ؟"  

ކިޔުންތެރިޔާ ފާހަގަކުރައްވާފައި އެވަނީ މުހިންމު މައްސަލައެކެވެ. އެކި ޢާއިލާތަކުގައި އެކަން އޮންނަނީ އެކި ގޮތަށެވެ. އިސްރާފްކުރަނީ އަނބިމީހާކަމަށް ނުވަތަ ފިރިމީހާކަމަށް ކަނޑައެޅިގެން ބުނަން އެނގޭނީ އެ ޢާއިލާއެއްގެ ޚަރަދުތައް ކުރާ ގޮތް އެނގިގެންނެވެ.  

ތިރީގައި އެވާ ލިޔުމުން ބައެއް މައުލޫމާތު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

ކޮންމެ ދެމަފިރިއަކީވެސް ހަމަ މަސައްކަތްކުރާ ދެމަފިރިންނެވެ. އެއީ ދުނިޔެ ފެށުނީންސުރެ އެކަން އޮތް ގޮތެވެ. މިއަދު އެކަނި އޮތް ގޮތެއް ނޫނެވެ. އަދި ހަމައެކަނި ރާއްޖޭގައި ވެސް މިކަން އޮތް ގޮތެއް ނޫނެވެ. މުޅި ދުނިޔޭގައިވެސް މިކަން އޮތް ގޮތެވެ.

މިގޮތުން ބަލައިފިނަމަ ދިވެހި ކަނބަލުންނަކީ ނަމޫނާ ބައެކެވެ. އެއީ ދިރިއުޅުމުގެ އެންމެ މުހިންމުބައި ކަމަށްވާ ގޭތެރޭގެ މަސައްކަތާއި ދަރިން ބެލުމުގެ މަސައްކަތް ކުރުމުގެ އިތުރުން ގޭގައި ތިބެގެން އާމްދަނީ ހޯދަންވެސް މަސައްކަތްކޮށް އާމްދަނީ ހޯދައި ލިބޭ އާމްދަނީ ޢާއިލާއަށް ޚަރަދުކުރާތީއެވެ.

ރާއްޖޭގައި މިކަމަށް ފުރިހަމަ ދިރާސާއެއް ކުރެވިފައި ނުވި ނަމަވެސް ލިބޭ މައުލޫމާތަށް ބަލާއިރު ގޭގައި ތިބެގެން އާމްދަނީ ހޯދާ އަންހެނުން އެމީހުންގެ ޢާއިލާއަށް ކުރާ ޚަރަދުވެސް ގިނައެވެ. ފިރިހެނުން ފަދައިން އޮފީސްތަކުގައި ވަޒީފާ އަދާކުރާ ގިނަ އަންހެނުން މިހާރު ފެންނަނީ ހަމަ ފިރިހެނުން ފަދައިން ކޮފީމޭޒުތަކުގައި ތިބެ އިސްރާފްކުރާތަނެވެ. ގޭގައި ތިބެގެން އާމްދަނީ ހޯދާ އަންހެނުންގެ ކިބައިން މިފަދަ އަމަލުތައް ފެންނަނީ ވަރަށް މަދުންނެވެ.  

އޮފީހަށް ދިއުމަކީ މިހާރު ވަރަށް ޚަރަދު ބޮޑުކަމެކެވެ. އެންމެ އަގު ބޮޑު ހެދުން ވަރަށް ގިނައިން ހޯދަން ޖެހޭ ކަމެކެވެ. އެންމެ އަގު ބޮޑު ސެންޓާއި އިތުރު ކޮސްމެޓިކްސްވެސް ހޯދަން ޖެހޭ ކަމެކެވެ. ވެމްކޯގެ މުވައްޒިފުންނާއި ޔުނިފޯމް ލިބޭ ވަޒީފާ އަދާކުރާ އަންހެނުންނަށް ހެދުމަށް ކުރަން ޖެހޭ ޚަރަދު މަދުވި ނަމަވެސް ޔުނިފޯމް ލިބެނީ މަދު ބައަކަށެވެ. 

ގޭގައި ތިބެ މަސައްކަތްކުރާ އަންހެނުންގެ މިފަދަ ޚަރަދުތައް ވެސް ޢާންމު ގޮތެއްގައި ވަރަށް ކުޑައެވެ. އޮފީހުގައި އުޅޭ އެހެން ކުދިން ތިބޭ ފަދައިން ހުރުމަށާއި ހަމަ އެ ފެންވަރުގެ ސެންޓް ހޯދަން ކުރަން ޖެހޭ ޚަރަދުތައް ކުރަން ނުޖެހޭތީއެވެ. މިބާވަތުގެ ޚަރަދުތައް ކުރަން ނުޖެހުމަކީ ޢާއިލާއަށް ޚަރަދު ކުރާނެ ފައިސާ އިތުރު ކުރެވޭނެ ކަމެކެވެ.  

އަންހެނުންގެ މިބާވަތުގެ ވާހަކަތައް ދެކެވޭއިރު ފިރިހެނުންގެ ހާލަތު ސަހަލެއް ނޫނެވެ. ފިހާރައަކުން ފެނުނު ގަމީސް ފޮތިފޭލިތަކަކަށް ބަލައިލިއިރު މީޓަރެއް 720 ރުފިޔާ އަށް އަގުޖަހާފައި އިން ފޭލި އޮތީ ހުސްވާން ދާދި ކައިރިވެފައެވެ. އެފޭލިން ފޮތި ގަތީ ވަރަށް މުއްސަނދިންތޯ އަހައިލުމުން ސޭޓު ބުނީ މުއްސަނދިން ހެދުން ގަންނަނީ ރާއްޖެއިން ބޭރުން ކަމަށާއި އެ ފިހާރައިން ވިޔަފާރިކުރަނީ ހަމަ އާދައިގެ މީހުން ކަމަށެވެ.  

އަންހެނުން ކޮސްމެޓިކަށް ޚަރަދުކުރާ ވާހަކަ ދެއްކޭކަށް ވެސް ނެތެވެ. މަސް ދުވަހު އަންހެނުންގެ ކޮސްމެޓިކަށް ކުރާ ޚަރަދު ފިރިހެނުން 3 ދުވަހުގެ ކޮފީއަށް ޚަރަދުކުރެއެވެ. ހިލޭ ފިރިހެނުންނަށް އަންހެނުން ކުރާ ޚަރަދަށްވުރެ ފިރިހެނުން ހިލޭ އަންހެނުންނަށް ކުރާ ޚަރަދު 90 އިންސައްތަ އިތުރުވާނެކަމަށް ބެލެވެއެވެ.  

ދިރިއުޅުމުގެ ކަންކަން މިފަދަ ގޮތަކަށް ހުރި ނަމަވެސް އެންމެންވެސް ދައްކަނީ ދިރިއުޅުމަށް ކުރަން ޖެހޭ އަސާސީ ޚަރަދުތައް ނުކުރެވޭ ވާހަކައެވެ. ކަރަންޓް ބިލާއި ފެން ބިލް ނުދެއްކޭ ވާހަކައެވެ. ދަރިންގެ ތައްލީމަށް ޚަރަދުކުރާނެ ފައިސާ ނުހުންނަ ވާހަކައެވެ. ވީއިރު ޙައްލަކީ ކޮބައިހެއްޔެވެ؟ މައްސަލައަށް ހޭލުންތެރިކުރުވަން ކުރާ މަސައްކަތް އިތުރުކުރަން ޖެހޭ ހެއްޔެވެ؟ މިބާވަތުގެ ވާހަކަތައް ނުދައްކައި ތިބުމުން މައްސަލަތައް ޙައްލުކުރެވޭނެ ހެއްޔެވެ؟

 

- މިއަދުނޫސް

 

މިއަދު އޮންލައިން