މީހާ މަރުވުމުން އެމީހަކާއި ވަކިވެގެން ނުދާނެ އެކައްޗަކީ އެމީހަކު ކީރިތި ޤްރްއާނުން ދަސްކުރި މިންވަރެކެވެ. އެމީހާގެ ހިސާބު ބެއްލެވޭއިރުވެސް އެމީހަކާއި އެކުގައި ކީރިތި ޤްރުއާންވާނެއެވެ. އެމީހާގެ މައްޗަށް ހެކިދޭނެއެވެ. އެމީހަކަށް ސުވަރުގެ ދެއްވެވުން އެދި ﷲ ތަޢާލާއަށް ދަންނަވާނެއެވެ. އެމީހަކަށްޓަކައި ކީރިތި ޤްރުއާން ޝަފާއަތްތެރިވެދިނުމަށްވުރެ ބޮޑު އުފަލެއް އެއްވެސް މީހަކަށް ނުލިބޭނެއެވެ.
އިސްކަން ދޭންވީ އެކުވެރިންނަކަށް ނޫނެވެ. ކީރިތި ޤްރުއާނަށެވެ. އެހެނީ މަރުވީންސުރެ ތިބާއަށް ސުވަރުގެ ވަދެވުމާއި ހަމައަށް ތިބާ އާއި އެންމެ ގާތް މިތުރުގެ ގޮތުގައި ޤްރުއާން ދެމިހުންނާނެތީއެވެ.
ވީމާ ހަޔާތުގެ ކޮންމެ ދުވަހަކީވެސް ކީރިތި ޤްރުއާނުން ކޮންމެވެސް މިންވަރެއް ހިތުދަސްކުރާ ދުވަހަކަށް ހަދާށެވެ! އެންމެ އާޔަތެއްގެ މާނަ ނަމަވެސް ދަސްކުރާ ދުވަހަކަށް ހަދާށެވެ!
ކީރިތި ޤްރުއާން ހިތުދަސް ކުރުމަކީ ކުރަން ނުހަނު ފަސޭހަކަމެކެވެ. އަދި މާނަ ހިތަށް ނެގުމަކީވެސް ހަމަ އެހައިމެ ފަސޭހަކަމެކެވެ. އެއީ ﷲ ތަޢާލާ ކީރިތި ޤްރުއާނުގައި ލައްވަވާފައިވާ ބަރަކާތުގެ ސަބަބުންނެވެ.
ކީރިތި ޤުރްއާން އުނގެނުމަކީ ހަމައެކަނި އެދުރުންގެ ގާތަށް ގޮސްގެން ކުރެވެން އޮތް ކަމަކަށްވެފައި އޮތް ޒަމާން ނިމިއްޖެއެވެ. މިޒަމާނުގައި ތަޖުވީދުމަގުން ކިޔަވަން ދަސްކުރުމާއި މާނަ ދަސްކުރުން މިވަނީ ނުހަނު ފަސޭހަ ކަމަކަށްވެފައެވެ. ލިބޭ ހުސްވަގުތުތަކުގައި ފޯނުން އަޑުއަހައިގެން ވެސް ދަސްކުރުމުގެ ފުރުޞަތު ފަހިވެފައި އޮތުމުންނެވެ.
ދަތުރުތައް ކުރާއިރު ދަތުރުމަތީގައި ހޭދަކުރާ ވަގުތުތަކުގައިވެސް ކީރިތި ޤްރްއާން އަޑުއެހިދާނެއެވެ. ހެޑްސެޓް ބޭނުންކުރުމުން ޖެހިގެން އިންނަ މީހާއަށްވެސް ސިއްރުން އެކަން ކުރެވޭނެއެވެ.
- ބިލާލް މެމޮން- ޤްރުއާން އެކަޑެމީ