ފަށްކުރުމެއް! ދެމަފިރިން، އެކުގައި ފެންވެރުމަކީ އެދެމަފިރިންގެ މެދުގައި އޮންނަ ގުޅުން އާރޯވެގެން ދާނެ ކަމެއް! ސުންނަތުން ފެންނަނަ އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 1ސ
ފަށްކުރުމެއް! ދެމަފިރިން، އެކުގައި ފެންވެރުމަކީ އެދެމަފިރިންގެ މެދުގައި އޮންނަ ގުޅުން އާރޯވެގެން ދާނެ ކަމެއް! ސުންނަތުން ފެންނަނަ އޮތް ކަމެއް!

އެކަލޭގެފާނު އަނބިއަނބި ކަނބަލުންނާ އެކީގައި ނާނޭފުޅު ފިއްލަވާ ކަމުގައި ވިއެވެ:  

އެކަން ބަޔާންކުރައްވައި ޢާއިޝާ رضي الله عنها ރިވާކުރެއްވިއެވެ: 

"كنت أغتسل أنا ورسول الله صلى الله عليه وسلم من إناء واحد بيني وبينه….". البخاري 250. 

"ތިމަން ކަމަނާއާއި އެކަލޭގެފާނުގެ ދެމެދުގައި ކަންވާރެއް ބަހައްޓައިގެން ތިމަން ކަމަނާއާއި ﷲ ގެ ރަސޫލާ صلى الله عليه وسلم ނާނޭފުޅު ފިއްލަވާކަމުގައި ވީމެވެ. އަދި "ތިމަން ކަލޭގެފާނަށް ފެންފޮދު ބަހައްޓަވާށޭ" ޙަދީޘްފުޅު ކުރައްވައި އެކަލޭގެފާނު ތިމަން ކަމަނާއާ ވާދަ ޖައްސަވައެވެ. "ތިމަން ކަމަނާއަށް ފެންފޮދު ބަހައްޓަވާށޭވެ" ބުނެ ތިމަން ކަމަނާ ވެސް އެކަލޭގެފާނާ ވާދަ ޖެއްސެވީމެވެ". 

ހަމަ އެފަދައިން އިބްނު ޢައްބާސް رضي الله عنهما ރިވާކުރައްވާފައި ވާގޮތުން، އެކަލޭގެފާނުގެ ބޮޑުދައިތާފުޅު ކަމުގައިވާ މައިމޫނާ رضي الله عنها އާ އެކުގައި ވެސް ނަބިއްޔާ صلى الله عليه وسلم އެއް ކަންވާރަކުން ނާނޭފުޅުފިއްލަވާ ކަމުގައިވިއެވެ.  

އެކަލޭގެފާނު ރިވާކުރެއްވިއެވެ:

"كَانَا يَغْتَسِلَانِ مِنْ إِنَاءٍ وَاحِدٍ.". البخاري 253 

"އެ ދެކަލުން އެއް ކަންވާރަކުން ނާނޭފުޅު ފިއްލަވާ ކަމުގައި ވިއެވެ". 

އަދި އުއްމު ސަލަމާ رضي الله عنها ވެސް އެފަދައިން ރިވާކުރެއްވިއެވެ: 

"كنت أغتسل أنا والنبي صلى الله عليه وسلم من إناء واحد من الجنابة". البخاري 322. 

"ތިމަން ކަމަނާއާއި ނަބިއްޔާ صلى الله عليه وسلم އެއް ކަންވާރަކުން ޖުނުބު ހިނެއުން ހިނައިގަންނަ ކަމުގައި ވީމެވެ".

މިއަދުގެ ދިވެހި މުޖުތަމަޢުގައި، ޚާއްޞަކޮށް މާލެ ފަދަ ދަތި ތަންތަނުގައި މިއީ ކުރުމަށް ވަރަށް ދަތި ކަމެކެވެ. ދަރިންނާއި އަދި އޭގެ އިތުރުން ގިނަ ފަހަރު ގާތް ތިމާގެ އެތައް ބައެއް އެކުގައި އެއް ފަންގިފިލާއެއްގެ ދަށުގައި މުޅި އުމުރު ހޭދަކުރަމުން ދާއިރު ދެމަފިރިން އެކުގައި ފެންވަރާލުމަށް ފުރުޞަތު ލިބިމަކީ ހަމަ ވަރަށް ވެސް ނާދިރު ކަމެކެވެ. 

އެކަން އެހެން ހުރިކަމުގައި ވީނަމަވެސް، ދެމަފިރިން، ކޮންމެވެސް ގޮތަކުން ނަމަވެސް އެކުގައި ފެންވަރާލުމަށް ފުރުޞަތެއް އިންތިޒާމު ކުރުމަކީ އެދެމަފިރިންގެ މެދުގައި އޮންނަ ގުޅުން އާރޯވެގެން ދާނެ ކަމެކެވެ. އަދި ނަބިއްޔާ صلى الله عليه وسلم ކިބައިން ވާރުދުވެގެން އައިސްފައިވާ މި ސުންނަތަށް ދިރުން ލިބިގެންދާނެ ކަމެކެވެ. އޭގެ ސަބަބުން ދެމަފިރިންނަށް ޘަވާބާއި ދަރުމަ ވެސް ލިބިގެންދާނެ ކަމެކެވެ.   

- ނުނިމޭ… 

- ޝައިޚް ޒަމްޒަމް ފާރިޝް

 

މިއަދު އޮންލައިން