މައްކާގައި ހިނގާދިޔަ ނަބީކަމުގެ މަރުހަލާތައް:
އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނަށް ﷲ ތަޢާލާގެ ފާރާތްޕުޅުން ނަބީކަން ޙަވާލުކުރެއްވުމާއެކު އެއްވެސް ފަސްޖެހިވަޑައިގަތުމެއްނެތި އެކަމާ ކުރިމަތިލެއްވިއެވެ. މިގޮތުން އެންމެ ފުރަތަމަ މައްކާގައި 3 އަހަރުވަންދެން ސިއްރިއްޔާތުގައި އެކަލޭގެފާނުގެ ދަޢުވަތު ދެއްވެވިއެވެ.
އެކަލޭގެފާނު ގިނިކަންޏާ ޙާލުކޮޅު މި މާތްވެގެންވާ އިސްލާމްދީނަށް ގޮވައިލެއްވުމުގެ ބުރަމަސައްކަތް ފެއްޓެވިއެވެ. ސިއްރިއްޔާތުގައި ދީނަށްގޮވާލެއްވުމުގެ ކަންތައްތައް ކުރިޔަށް ގެންދަވަނިކޮށް ﷲ ތަޢާލާގެ މި ވަޙީބަސްފުޅު އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވިއެވެ. އެކަލާނގެ ވަހީކުރެއްވިއެވެ.
(فَاصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ الْمُشْرِكِينَ ﴿٩٤﴾ ) سورة الحجر
މާނައީ: " ފަހެ، ކަލޭގެފާނަށް އަމުރުކުރައްވާގޮތަށް، ފާޅުގައި ދީނަށް ގޮވައިލައްވާށެވެ! އަދި ޝަރީކުކުރާ މީހުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! "
ﷲ ތާޢާލާ މި އާޔަތް ބާވައިލެއްވުމާއެކު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ފާޅުގައި ދީނަށް ގޮވާލައްވަން ފެއްޓެވިއެވެ. އަދި އެހާހިސާބުން އެކަލޭގެފާނުގެ ޤައުމުގެ މީހުން ފާޅުގައި އެކަލޭގެފާނާ ޢަދާވާތްތެރިވާން ފެށިއެވެ. އަދި މުސްލިމުންނަށް 2 ހިޖުރައެއް ކުރެއްވުމަށް ﷲ ތަޢާލާ އިޒުނަ ދެއްވައިފުމަށް ދާންދެން މި ޢަދާވާތްތެރިކަމާއި ބޮޑެތި ވޭންހުރި އަނިޔާތަކާއި އުދަގޫތައް އެކަލޭގެފާނާއި އެކަލޭގެފާނަށް ތަބާވީމީހުންނަށް މައްކާގެ މުޝްރިކުން ކުރިމަތި ކުރުވަމުން ގެންދިޔައެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބީކަމުގެ ދަޢުވަތުގެ މަރުޙަލާތައް:
ފުރަތަމަ މަރުޙަލާ: ނަބީކަން ޙަވާލުކުރެއްވެމުން.
ދެވަނަ މަރުޙަލާ: ގާތް ތިމާގެ މީހުންނަށް އިންޒާރުދެއްވައި ދީނަށް ގޮވާލެއްވުން.
ތިންވަނަ މަރުޙަލާ: ޤައުމުގެ މީހުންނަށް އިންޒާރުދެއްވައި ދީނަށް ގޮވާލެއްވުން.
ހަތަރުވަނަ މަރުޙަލާ: ކުރީގައި އެބަޔެއްގެ ގާތަށް އިންޒާރުދޭނޭ ބޭކަލަކު ވަޑައިގެންފައިނުވާ ޢަރަބީންގެ އެންމެނަށް އިންޒާރުދެއްވައި ދީނަށްގޮވާލެއްވުން.
ފަސްވަނަ މަރުޙަލާ: ޒަމާނުގެ އެންމެ ފަހުގެ ވަގުތާއި ޖެހެންދެން އިންސީންނާއި ޖިންނީންގެ ތެރެއިން އެކަލޭގެފާނުގެ ދަޢުވަތި ފޯރި ކޮންމެ މީހަކަށް އިންޒާރުދެއްވައި ދީނަށް ގޮވާލެއްވުން.
- އަދި ނުނިމޭ
އައްޝައިޚް އަޙްމަދު މިޙްސަން މުޙައްމަދު