ކައިވެނިކުރުމަށްފަހު ފޫހިފިލުވަންވެސް، އުފަލަކަށްވެސް ހިލޭ އަންހެނުންނާ ގުޅުން ބޭއްވުމަކީ ކައިވެނި ރޫޅެން މެދުވެރިވާ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ކައިވެނިކުރުމަށްފަހު ފޫހިފިލުވަންވެސް، އުފަލަކަށްވެސް ހިލޭ އަންހެނުންނާ ގުޅުން ބޭއްވުމަކީ ކައިވެނި ރޫޅެން މެދުވެރިވާ ސަބަބެއް!

ބައެއް ފިރިހެނުން ގިނަ ލޯބިވެރިން ގެންގުޅެ އެމީހުންނާއިއެކު އެކިވަރުގެ ގުޅުންތައް ހިންގަނީ އެކަމުގެ ސަބަބުން ތިމާއަށް ކުރިމަތިވެދާނެ މައްސަލަތަކަށް ވިސްނައިވެސް ނުލައެވެ. ތިމާގެ އަނބިމީހާ އާއި ތިމާއާއި ދެމެދުގައި އޮންނަންޖެހޭ ގުޅުމަށް އަސަރުކުރާނެ ވަރާއިމެދު ވިސްނައިވެސް ނުލައެވެ.  

ބައެއް ފިރިހެނުން އެފަދަ ކަންކަން ކުރަނީ އަނބިމީހާދެކެ ފޫހިވެގެން ވަރިކުރުމުގެ ނިޔަތަކުވެސް ނޫނެވެ. އިތުރު މީހެއްގެ ކިބައިން އުފާހޯދުމުގެ ބޭނުމުގައެވެ. ނަމަވެސް އެގޮތަށް ކަންތައްތައް ކުރަން ފެށުމުން ކޮންޓްރޯލް އެމީހެއްގެ އަތުން ގެއްލިގެންދަނީއެވެ.  

އިންސާނުންގެ ކިބައިގައި ކޮންމެ ކަމެއްވެސް ލައްވަވާފައިވަނީ ވަކިމިންވަރަކަށެވެ. އެކަން ޤަބޫލުކުރަންވާނެއެވެ. ކޮންމެ މީހަކީ އެމީހަކު ބޭނުންވާއިރަށް ކޮންމެ ކަމެއް ކުރުމުގެ މޫޑާއި އަދި ބާރުލިބިގެންވާ މީހެއް ނޫނެވެ. އެފަދަ މީހުން ވަރަށް މަދުވާނެއެވެ. އެ މަދު މީހުންނަށްވެސް ގިނަ މީހުންނާއިއެކު ގުޅުން ބާއްވާނަމަ އަނބިމީހާއަށް ކުރިން ދިންވަރަށް ސަމާލުކަމެއް ނުދެވޭނެއެވެ. އަޅައިލުމެއްވެސް ނުދެވޭނެ އެވެ. ބީހިއުޅެވޭ ގޮތްވެސް ތަފާތުވާނެއެވެ.  

ގިނަ މީހުންނާއިއެކު ގުޅުން ބާއްވަން ފެށުމުން އަނބިމީހާއާއިއެކު ބާއްވަންޖެހޭ ގުޅުން ކުޑަވެގެންދެއެވެ. އަނބިމީހާގެ ގައިގައި ބީހުން މަދުވަމުން ގޮސް އަނބިމީހާއަށް ކެތްކުރަން އުނދަގޫވާ ޙާލަތަށް އެކަން މެދުވެރިވެއެވެ. 

ނަތީޖާއަކަށްވަނީ ފިރިމީހާ އާއި ވަކިވާންޖެހުމެވެ. ކައިވެނި ރޫޅާލަންޖެހުމެވެ. ވީމާ ގިނަ މީހުންނާއިއެކު ގުޅުން ބޭއްވުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެކަން އިސްލާމް ދީނުގައި ޙަރާމްކުރައްވަވާފައިވަނީ އެންމެންނަށް ރަނގަޅަކަށެވެ. އުފާވެރި ޒަވާޖީ ޙަޔާތެއް ކުރިއަށް ގެންދިއުމަށްޓަކައެވެ. އެއްވެސް ޙާލެއްގައި މީސްތަކުންގެ އުފާތަކަށް ހުރަސްއަޅާކަށް ނޫނެވެ. އަދި ކިއެއްތަ؟ މީސްތަކުންނަށް އުފާވެރިކަން ހޯދައިދިނުމަށެވެ. މީސްތަކުންނަށް އެންމެ ބޮޑަށް ފައިޑާކުރާނެ ގޮތް އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ ކަމުގައިވާތީއެވެ.

މިވާހަކަތައް މިދެއްކީ ފިރިހެނުންނަށް ޚާއްޞަކޮށްގެންނެވެ. އެކަމުގެ ސަބަބު ޙަޤީޤަތް ޤަބޫލުކުރާ ފިރިހެނުންނަށް ވިސްނޭނެއެވެ. އަންހެނަކުވިޔަސް މިބަޔާންކުރި މަގުން ކަންކަން ކުރާނަމަ ހަމަ މިމައްސަލަތައް ހަމަ މިގޮތަށް ކުރިމަތިވާނެއެވެ. ހިލޭ މީހުންނާ ގުޅުން ބޭއްވުން ޙަރާމްވެގެންވަނީ ވަކި މީހަކަށް ނޫނެވެ. އެންމެންނަށެވެ. އަންހެނުންނަށާއި ފިރިހެނުންނަށެވެ. 

އަދި މިހިސާބަކުން މިވާހަކައެއް ނުނިމެއެވެ. ފިރިހެނުންނަށް ޚާއްޞަކޮށްގެން މިވާހަކަތައް ކިޔައިދިންނަމަވެސް މިއީ އަނބިންވެސް ވިސްނަންޖެހޭނެ ކަމެކެވެ. ކައިވެނިކުރުމަށްފަހު އެކުވެރިންގެ ގޮތުގައި ހިލޭ ފިރިހެނުންނާއި ގުޅުން ބާއްވާނަމަ ކަންކަން ކުރިމަތިވާނީ ހަމައެއްގޮތަކަށެވެ. ވީމާ މިއީ ދެމަފިރިންވެސް ވިސްނަންޖެހޭނެ ކަމެކެވެ. ފިރިހެނުންގެ ވާހަކަ މިދެއްކީ މިތަނުގައި ތިބީ ފިރިހެނުންކަމަށްވުމުންނެވެ. ކޮންމެހެން ފިރިހެނުން އެކަނި ސަމާލުކަންދޭންޖެހޭ މައްސަލައަކަށް ވެގެނެއް ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން