ދެމަފިރިއަކު އެކުގައި އުޅެމުން އަންނައިރު
ކޮންމެވެސް ބާވަތެއްގެ މައްސަލަތަކެއް އަބަދުވެސް ކުރިމަތިވާނެއެވެ. އެކަންކަމަކީ ދެމީހުންގެ ކިބައިންވެސް ކުރިމަތިވަމުން އަންނާނެކަންކަމެވެ. އެކަންކަން އެކުވެރިންނަށް ނުވަތަ ޢާއިލާގެ މީހުންނަށް އެނގުމުން އެމީހުންގެ ޚިޔާލުތައްވެސް ފައުޅުކުރެއެވެ. އަދި ގިނަ ފަހަރު މިފަދަ ޚިޔާލުތައް ފައުޅުކުރަނީ ވިސްނަންޖެހޭ ވަރަށް ވިސްނައިވެސް ނުލައެވެ. ނުވަތަ ތިމާއަށް ފައިދާހުރި ގޮތަށެވެ.
އެންމެ ދެރަކޮށް ކުރެވޭ އެއްކަމަކީ ދެމަފިރިންގެ މެދުގައި ހުރި މައްސަލަތައް ނުވަތަ ޖެހިގެން އުޅޭ މައްސަލަ ޙައްލުކުރަން ހެޔޮލަފާ ނަޞޭޙަތެއް ދިނުމުގެ ބަދަލުގައި މައްސަލަ އިތުރަށް ހޫނުވާފަދަ ވާހަކަތައް ދެއްކޭކަމެވެ. ބައިވެރިޔާ އާއިމެދު ޝައްކު އުފެދޭނެ ގޮތަށް ނުވަތަ ޝައްކު އިތުރުވާނެ ގޮތަށް ވާހަކަތައް ދެއްކޭކަމެވެ.
މިއީ ވަރަށް ގޯސްކޮށް ކުރެވޭ ކަމެކެވެ. ތިބާ ގާތުގައި ވާހަކަދެއްކީ ނުވަތަ ތިބާއަށް ކިޔައިދިނީ ތިބާގެ އެންމެ ގާތް އެކުވެރިޔާނަމަވެސް ޚީޔާލު ފައުޅުކުރަންވާނީ ނުވަތަ ނަޞޭޙަތްދޭންވާނީ އޭނާ ހިތްހަމަޖެހޭނެ ގޮތަކަށް ނޫނެވެ. މައްސަލައިގެ ޙައްލާއިދިމާއަށް ދަތުރުކުރެވޭނެ ގޮތަށެވެ. ދެމަފިރިންގެ ގުޅުން އިތުރަށް ގޯސްވިޔަނުދީ މައްސަލަ ޙައްލުކުރެވޭނެ ގޮތަށެވެ.
ކޮންމެ މީހަކު ނަމަވެސް ތިބާގެ ގާތުގައި މިނޫންގޮތަކަށް ވާހަކަދައްކައިފިނަމަ ނުވަތަ ނަޞޭޙަތްދީފިނަމަ ބައިވެރިޔާއަށް ޝައްކުކުރުމުގެ ކުރިން ނުވަތަ ބައިވެރިޔާއަށް ފާރަލާން ފެށުމުގެ ކުރިން ނަޞޭޙަތްދިން މީހާއަށް ޝައްކުކުރާށެވެ! އަދި އޭނާގެ ޢަމަލުތަކަށް ފާރަވެރިވާންވެސް ފަށާށެވެ.
އިސްލާމް ދީނަށް ބެލިނަމަވެސް ދޮގުހެދުމަކީ ޙަރާމް ކަމެކެވެ. ނަމަވެސް ދެމަފިރިއަކު ޞުލްޙަވެރިކުރުވުމަށްޓަކައި ދޮގެއް ހަދަންޖެހޭ ޙާލަތުގައި ދޮގުހެދުމަކުން ފާފަވެރިއެއް ނުވާނެއެވެ. އެކަމުންވެސް އެނގިގެންދަނީ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމާއި އެހީތެރިވެދިނުމުގެ މުހިންމުކަން ބޮޑުކަމެވެ.
ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ތިބާގެ އެކުވެރިޔާއަކީ އަނބިމީހާއެވެ. އޭނާ ތިބާގާތުގައި މިބުނަނީ ފިރިމީހާ ހިލޭ އަންހެނަކާއިއެކު ގުޅުންބާއްވާ ކަމަށް ޝައްކުކުރެވިއްޖެ ކަމަށެވެ. އެޙާލަތުގައި "އާނ! އަހުރެންވެސް މިހުންނަނީ ތިއަކަށް ކަންބޮޑުވެގެން" ކަމަށް ބުނެ ކޮންމެވެސް ދުވަހަކު އަންހެނަކު ގޮވައިގެން ސައިކަލުގައި ދަނިކޮށް ފެނުނު ވާހަކަ ނުބުނާށެވެ! އެފަދަ ކަމެއް ފެނިފައިވާނަމަ ގޮވައިގެން އެދިއައީ ކާކުކަން ބަލައި ކަށަވަރުކުރާށެވެ. ކަށަވަރުކޮށްފައި ނޫނީ އެފަދަ ވާހަކައެއް ނުދައްކާށެވެ!
މިހެން މިބުނަނީ ދާދިފަހުން ދިމާވި މިބާވަތުގެ މައްސަލައަކާއި ގުޅިގެން އެކުވެރިޔާ ދެއްކި ވާހަކަތަކަށް ބުރަވެ ގަދަކަމުން ވަރިވިފަހުން އެނގުނު ގޮތުގައި ފިރިމީހާ ގޮވައިގެން ދިއައީ އޭނާގެ ބޮޑުދައިތަގެ ދަރިފުޅެވެ. ގެންގޮސްދިނީ ހޮސްޕިޓަލަށެވެ. ބޮޑުދައިތަ ހޮސްޕިޓަލުގައި ބާއްވާފައި އޮތުމުން ބޮޑުދައިތަގެ ގާތަށެވެ. އެކަމާއިވީ ދެރައިން ގޮތްހުސްވެފައި ހުއްޓައި ދެން އެނގުނީ އެވާހަކަ ދެއްކި އެކުވެރިޔާ، ކުރީގެ ފިރިމީހާ އާއި ގުޅެން މަސައްކަތްކުރާކަމެވެ.
މިބާވަތުގެ ކަންކަން ހިނގަނީ މަދަކުން ނޫނެވެ. އެންމެ ޣާތް އެކުވެރިންގެ ފަރާތުންވެސް އަމިއްލަ ޢާއިލާގެ ބައެއް މީހުންގެ ފަރާތުންވެސް މިބާވަތުގެ ކަންކަން ކުރިމަތިވެއެވެ. ވީމާ ކޮންމެ މީހަކު ދެއްކި ނަމަވެސް މިބާވަތުގެ ވާހަކަތައް އެހާފަސޭހައިން ބަލައިނުގަންނާށެވެ. ޤަބޫލުނުކުރާށެވެ. ބައިވެރިޔާއާއިމެދު ތުހުމަތެއް ކުރެވިއްޖެނަމަ ފުރަތަމަ ކަމަކަށް ކަމުގެ ޙަޤީޤަތް ދެނެގަންނަން މަސައްކަތްކުރާށެވެ!
މިފަދަ މައްސަލަތަކަށް އޮތް އެންމެ ރަނގަޅު ޙައްލަކީ ދެމަފިރިންގެ ގުޅުން ބަދަހިކުރުމެވެ. މީހުން ދައްކާ ވާހަކަތަކަށްވުރެ ބައިވެރިޔާއަށް އިތުބާރުކުރެވޭނެ ގޮތަށް ދިރިއުޅުމެވެ. އެއިރުން ޙަސަދަވެރިންނަށް ދެމަފިރިންގެ ދެމެދަށް ވަނުމުގެ ފުރުޞަތު ވަރަށް ބޮޑުތަން ކުޑަވާނެއެވެ. ނުވެސް ލިބޭނެއެވެ. އިން ޝާ ﷲ
- މިއަދުނޫސް