މާލެ ސަރަޙައްދާއި އަތޮޅުތެރެއަށް ކެންސަރަށް ސްކްރީން ކުރުމުގެ ޚިދުމަތް ފުޅާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
މާލެ ސަރަޙައްދާއި އަތޮޅުތެރެއަށް ކެންސަރަށް ސްކްރީން ކުރުމުގެ ޚިދުމަތް ފުޅާކޮށްފި

މާލެ ސަރަޙައްދާއި އަތޮޅުތެރޭގައި ކެންސަރަށް ސްކްރީން ކުރުން ނުވަތަ ބަލި ދެނެގަތުމަށް ކުރަމުންދާ މަސައްކަތްތައް ސަރުކާރުން އިތުރަށް ފުޅާކޮށްފައިވާ ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ކެންސަރު ބަލި ކުރީކޮޅު ދެނެގަތުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

ވަޒީރު ޤީލާ ވިދާޅުވީ، މާލެއާއި އަތޮޅުތަކުގައި އުރަމަތީގެ ކެންސަރު ދެނެގަތުމަށް ހަދާ މެމޯގްރާމްގެ ޚިދުމަތް ޤާއިމުކުރުމާއެކު، މިހާތަނަށް 750 މީހުން ރާއްޖޭގައި ތިބެގެން މިބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި މިހާރުވެސް އިތުރު 3 އަތޮޅެއްގައި މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި މި ޚިދުމަތް ޤާއިމްކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ އިތުރުން، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުގެ ޓެސްޓް ހެދުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ސްކްރީނިންއާއި ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ފުޅާކުރުމުގެ ސަބަބުން މިހާރު ކުރިޔާލާ ބަލި ދެނެގަނެވި، ބަލީގެ ކުރީކޮޅު ފަރުވާ ދިނުމުގެ ފުރުޞަތު ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކެންސަރު ބައްޔަށް ދެވޭ ފަރުވާގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކީމޯ ތެރަޕީގެ ޚިދުމަތްވެސް މިހާރު ރާއްޖޭގައި ތިބެގެން ލިބޭނެ ކަމަށެވެ. "އެމަސައްކަތް މިހާރުވެސް ދަނީ ކުރަމުން. ކެންސަރު ބައްޔަށް ދެވޭ ކީމޯ ތެރަޕީގެ ޚިދުމަތްވެސް ރާއްޖޭގައި ތިބެގެން ލިބޭނެ. 2025 ވަނަ އަހަރު ކީމޯތެރަޕީވެސް ރާއްޖެއިން ބޭރުން ނެގީ 39 މީހުން. 655 މީހުން ޚިދުމަތް ހޯދަމުން ދިޔައީ ރާއްޖެއިން،" ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.

މި ޚިދުމަތްތައް ފުޅާކުރުމަކީ ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރެއިން ކެންސަރު ބަލި ކޮންޓްރޯލްކުރުމަށާއި، ބަލި މީހުންނަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މިއަދު އޮންލައިން