މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަކީ ސިޔާސީގޮތުންނާއި ހިންގުމުގެ ދާއިރާއިން ފެއިލްވެފައިވާ ބައެއް ކަމަށާއި، ރާއްޖޭގެ އިޤްތިޞސާދާ ގުޅޭގޮތުން ވާހަކަދެއްކުމުގެ އެއްވެސް ހއްޤެއް އެ ޕާޓީއަށް އޮތް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން "އެމްއެމް ޓީވީ" އިން ކުރިއަށްގެންދިޔަ ޚާއްސަ ކަވަރޭޖެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަޙީމް މިހެން ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދީ ހާލަތާއި ޑޮލަރުގެ މައްސަލައާ ގުޅުވައިގެން "ޑޮލަރެއް ނެތް" މި ނަމުގައި އެމްޑީޕީން ބާއްވަން ނިންމާފައިވާ ޕެނަލް ޑިސްކަޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ފެނިގެންދިޔައީ ޤައުމަށް އާމްދަނީއެއް ހޯދޭނެ އިތުރު ދޮރުތައް ހުޅުވުމުގެ ބަދަލުގައި، ކުރީގެ ސަރުކާރުތަކުން ބިނާކޮށްފައި ހުރި ދައުލަތުގެ މުދަލާއި ވަސީލަތްތައް ވިއްކާލައި، ދައުލަތުގެ އެސެޓުތައް ރަހުނުކުރި މަންޒަރު ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މައި އެއާޕޯޓާއި، ދިރާގާއި ފެން ކުންފުނީގެ ހިއްސާ ވިއްކާލިކަން އޭނާ ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ މައި އެއާޕޯޓް ވިއްކާލީ. އޭރުގެ ޓުއަރިޒަމް މިނިސްޓަރު ވިދާޅުވެފަ އޮންނާނެ އެކަން ކުރެއްވީ ރައީސް ނަޝީދު 70 މިލިއަން ޑޮލަރު ހޯއްދަވަން ވެގެންނޭ. މިހާރުވެސް ބައްލަވާ. ދިރާގު މޭޖާ ޝެއާ ވިއްކާލީ. ފެން ކުންފުނީގެ ޝެއާ ވިއްކާލީ. މިއީ މި މީހުން ކުރި ކަންތަކަކީ. ދެން ރާއްޖޭގަ ކުރިކަމަކީ ޒަމާނުއްސުރެއް ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންގެ ވެރިކަމުގެ ތެރެއިން އުފައްދާފައި ހުރި އެސެޓެއް މޯގޭޖްކުރީ ދަރަނި ނަގަންވެގެން" އަބްދުއްރަޙީމް ވިދާޅުވިއެވެ.
އަދި އޭރު 12.42 ރުފިޔާގައި ހުރި ޑޮލަރުގެ ރޭޓު 16 ރުފިޔާއަށް މައްޗަށް ދިޔުމަކީ އެމްޑީޕީގެ ނާގާބިލުކަން ހާމަވާ ކަމެއް ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ އެމްޑީޕީއަށް ވެރިކަން ލިބިގެން ކަންކަން ވެގެންދިޔަ ގޮތް އަދިވެސް ރައްޔިތުން ހަނދާން ހުންނާނެ. 12.42 ރޭޓްގައި އޮތް ޑޮލަރު ރޭޓް ބޭންޑެއް އެޅުވުމުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރެއްގެ އަގު 16ރ. އަށް އަރައިގެން ދިޔަ. ތަކެތީގެ އަގުތަކާއި އަސާސީ ހިދުމަތްތަކުގެ އަގުތަކުގެ އަގުތައް މައްޗަށް ގޮސް މުޒާހަރާ ކުރުމަށް މަގުމައްޗަށް ނިކުންނަން ޖެހުނު. އެމްޑީޕީގެ ގޮވާލުމަށް ރައްޔިތުން މިހާރު އިޖާބަނުދެނީ މާޒީގައި ކަންކަން ވެ ދިޔަ ގޮތުން." އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެއިތުރުން، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން މާލިއްޔަތު ޤާނޫނާ ޚިލާފަށް 8 ބިލިއަން ރުފިޔާ ޗާޕުކުރުމަކީ އިޤްތިސާދަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ ގިނަ މަޝްރޫއުތަކެއް އެކި ފަރާތްތަކާ ހަވާލުކުރި ނަމަވެސް، އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ބަޖެޓު ހުސްކޮށްލީ ކަމަށެވެ.
ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިދިޔަ ކުރު މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް ހަރުދަނާކޮށް، ބޭރުގެ އެއްވެސް ފަރާތަކުން އިތުރު ފައިސާއެއް ނުހޯދައި، ދައުލަތަށް ލިބުނު އާމްދަނީން އެއް ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ދަރަނި އަދާކޮށްފައިވާ ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.
އަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ ވަކި ބޭފުޅަކު ވެރިކަމުގައި ހުރެގެން ވާކަމެއް ނޫން ކަމަށާއި، އެއީ ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަ ބަދަލުތަކެއް ކަމަށެވެ. އަދި މިއަދު އެމްޑީޕީން މުޒާހަރާއަށް ގޮވާލުމުން ރައްޔިތުން އެކަމަށް އިޖާބަ ނުދެނީ، އެ ޕާޓީގެ މާޒީގައި ކަންކަން ކުރި ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭތީ ކަމަށްވެސް މވަނީ ވިދާޅުވެފައެވެ.