ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލިބޭ އެންމެ ބޮޑު ކާމިޔާބީއަކީ އެ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާޓީ ބާރުވެރިކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން "އެމްއެމް" ޓީވީން ގެނެސްދިން ލައިވް ކަވަރޭޖެއްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، މިއަދު ބޭއްވޭ އެތެރޭގެ އިންތިޚާބަކީ ޕާޓީގެ ކުރިމަގަށް ވަރަށް މުހިއްމު ނިންމުންތަކެއް ނިންމިގެންދާނެ އިންތިޚާބެއް ކަމަށެވެ. އަދި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުޢިއްޒު ދެއްވާ ފުރުސަތުތަކަކީ ޕާޓީއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންގެ ޕާޓީއަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަކީ، ކުރިއެރުމަކީ ޕާޓީގެ ރައީސް ޕާޓީއަށް ދެއްވާ އަހައްމިއްޔަތުކަން. އޭގެ މާނައަކީ ޕާޓީ ބާރުވެރިކުރުމަށްޓަކައި ދެއްވާ ފުރުސަތު" ޝާހިދު ވިދާޅުވިއެވެ.
މެންބަރު ޝާހިދު އިތުރަށް ވިދާޅުވީ، ކޮންގްރެސް ޕާޓީގެ ފަހަތުގައި އޮތީ ވަރުގަދަ އަދި ޖޯޝުން ފުރިގެންވާ ޓީމެއް ކަމަށެވެ. އަދި މި ޕާޓީގެ ފިކުރަކީ ރާއްޖޭގައި މަލްޓި-ޕާޓީ ސިސްޓަމް ފެށުނީއްސުރެ އޮތް ފިކުރެއް ކަމަށާއި، ޕާޓީގެ ލީޑަރޝިޕާއެކު ތަޖުރިބާކާރު ބޭފުޅުން ސާބިތުކަމާއެކު ތިއްބެވިކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝާހިދު ވަނީ އިދިކޮޅު އެމްޑީޕީގެ ހިންގުމުގެ އުސޫލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމްޑީޕީން ޑިމޮކްރަސީގެ ނަމުގައި ހުދުމުހުތާރު އުސޫލުތަކެއް ގެންގުޅޭ ކަމަށާއި، އެ ޕާޓީން މަސައްކަތް ކުރަނީ ގައުމުގައި ފިތުނަ ފަސާދަ އުފައްދައި ގައުމު ސުންނާފަތި ކުރުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި އެގޮތަށް ގައުމު ހަލަބޮލި ނުކޮށް، ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރުމަށް ޝާހިދު ގޮވާލެއްވިއެވެ.
މީގެއިތުރުން، ތަރައްޤީގެ މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން ޝާހިދު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް އަމީނީ މަގުގެ މަސައްކަތްވެސް ނިންމާނުލެވުނު ކަމަށެވެ. ނަމަވެސް މި ސަރުކާރުން ބޮޑުތަކުރުފާނު މަގު ފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދާތީ، އެކަމަށް އިދިކޮޅުން ފާޑުކިޔަނީ ސިޔާސީ ބޭނުމެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.