ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލީޑަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެ ޕާޓީގެ އެތެރޭގައި އުފައްދަވާފައިވަނީ އާންމު މެންބަރުންގެ ބާރުވެރިކަން އިތުރުކުރުމުގެ ރީތި ސަގާފަތެއް ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އައު ޖީލަކަށް ފުރުސަތު ނުލިބޭ ކަމަށް ދެކެވޭ ވާހަކަތަކަށް ނިމުމެއް ގެންނަވައި، ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަކީ ބޮޑު ބަދަލެއްގެ ފެށުން ކަމަށެވެ. މިއީ ވެރިކަމުގެ ބާރުތައް އައު ޖީލަކަށް ފުރޮޅިގެން ދިޔަ ތާރީޚީ ފެށުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ ރައްޔިތުންގެ ގާތަށް ވަޑައިގެން އެމީހުންގެ އަޑުއެއްސެވުމަށް ކަމަށް ސަޢީދު ފާހަގަކުރެއްވިއެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް ކުރެއްވި ދަތުރުފުޅުތަކަކީ ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯއްދަވައިގެން ސިޔާސަތުތައް އެކުލަވައިލުމަށް ކުރެއްވި މުހިންމު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ މާލެއަށް ވަޑައިގެން ކެބިނެޓާއި ޕާޓީގެ އޮނިގަނޑުގެ ތެރެއިންވެސް ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތަކާއި ޕްރެސިން އިޝޫތައް ހައްލުކުރެއްވުމަށް ރައީސް އިސްކަންދެއްވީ. އެއަށްފަހު ބައްދަލުކުރި އިންތިހާބުތަކުގައި ޕީއެންސީން ގެންދަނީ ވަރަށް ބޮޑެތި ކާމިޔާބުތަކެއް ހޯދަމުން،" ސައީދު ވިދާޅުވިއެވެ.
މިއަދު ކުރިއަށްދިޔަ ޕީއެންސީގެ އެތެރޭގެ އިންތިޚާބަށް އަލިއަޅުވާލައްވަމުން ސަޢީދު ވިދާޅުވީ، މިއަދު ފެންނަނީ އެހެން އެއްވެސް ޕާޓީއަކުން ނުފެންނަ ފަދަ ހަރުދަނާ އިންތިޒާމުތަކެއް ކަމަށެވެ. މި އިންތިޚާބުގެ އެންމެ ހާއްސަ ކަމަކީ، ވަކި ލީޑަރުންތަކެއް އިންތިޚާބުކުރަން އަންގާފައިވާ 'ލިސްޓެއް' ނެތުމާއި، މެންބަރުން ބޭނުންވާ މީހަކު ހޮވުމުގެ ފުރިހަމަ މިނިވަންކަން އޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޕާޓީގެ އިދާރީ އަދި ފަންނީ ހުރިހާ މަސައްކަތްތަކެއް، ތަމްރީނުތަކުން ފެށިގެން ލޮޖިސްޓިކްސްއާ ހަމައަށް ކުރިއަށްގެންދަނީ ޕާޓީގެ ޒުވާން މެންބަރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ޒުވާނުންނާއި އާންމު މެންބަރުން 'ފުލީ އެމްޕަވާޑް' ނުވަތަ ފުރިހަމައަށް ބާރުވެރިވެފައިވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ޕާޓީގެ މިއިންތިހާބަށް ތައްޔާރުވަމުން އައިއިރުގައިވެސް ތަމްރީނުކުރުމުން ފެށިގެން އިންތިހާބު ހިނގާނެ ގޮތާއި ލޮޖިސްޓިކްސް ހިމެނޭހެން މުޅި ސިސްޓަމް ޕާޓީގެ ޒުވާން ބޭފުޅުން ކުރަނީ. މާނައަކީ ފުލީ އެމްޕަވާޑްއޭ. އަނެއްކާ އައްމު މެންބަރުންނަށް ޖާގަ އެބަައޮތޭ. ބަސްބުނުމާއި ބަސްއެހުމުގެ ކަލްޗާ އެބައޮތޭ،" ސައީދު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، އެހެން ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކުގައި ފެންނަ ނޭދެވޭ ކަންކަން ޕީއެންސީގެ ތެރެއިން ނުފެންނަނީ، ރައީސް މުޢިއްޒު އެ ޕާޓީގެ ތެރޭގައި އަށަގަންނަވާފައިވާ ބަސްބުނުމާއި ބަސްއެހުމުގެ ދެފުށް ފެންނަ ސަގާފަތުގެ ސަބަބުން ކަމަށެވެ.