ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފައިވާ 217 މަޝްރޫޢެއްގެ މަސައްކަތް މިއަހަރާއި އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް އެ ކުންފުނިން ބޮޑު އަމާޒެއް ކަނޑައަޅައިފިއެވެ. މިކަން ހާމަކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސައިންނެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ، މިހާތަނަށް މަސައްކަތް ނުފެށި ހުރި ސައިޓުތަކުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. މިގޮތުން ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި އެކަނިވެސް 6 ސައިޓެއްގެ މަސައްކަތް އަލުން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުންފުނީގެ މާލީ ހާލަތަށް އަލިއަޅުއްވާލައްވަމުން އެމްޑީ ވިދާޅުވީ، ކުންފުންޏަށް ކޭޝްފްލޯގެ ދަތިތަކެއް ހުރި ނަމަވެސް، ހުރިހާ މަޝްރޫޢުތަކަކަށް ބޭނުންވާ ފައިސާ ކަނޑައަޅައި، ބާރު ސްޕީޑުގައި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރޭވުންތައް ބައްޓަންކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، މީގެ ކުރިން ތަކެތި ހޯދުމުގައި ހުރި ނިޒާމީ މައްސަލަތަކުގެ ސަބަބުން ސައިޓުތަކަށް ގެންދާ ތަކެތި ހަލާކުވުން ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އަފީފް ފާހަގަކުރެއްވިއެވެ. މިފަދަ މައްސަލަތައް ހައްލުކޮށް، މަޝްރޫޢުތައް އަވަހަށް ނިންމުމަށްޓަކައި މަސައްކަތްތައް ތަރުތީބުކޮށް ހިންގުމުގެ ނިޒާމަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފެނަކައިން މިހާރު އަމާޒު ހިފާފައިވަނީ ހިންގުމުގެ ނިޒާމަށް ގެނެވުނު ބަދަލުތަކާއެކު، ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފަށައި، އަންނަ އަހަރުގެ ނިޔަލަށް ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލުމަށެވެ. މިއީ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިންމު ބައެއްކަމަށް އެ ކުންފުނިން ދެކެއެވެ.