ހެލްތު މިނިސްޓްރީއާއި ޔޫއެންއެފްޕީއޭ ގުޅިގެން 'ސްމާޓް ކެއަރ' ސިޔާސަތުތަކެއް އެކުލަވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ހެލްތު މިނިސްޓްރީއާއި ޔޫއެންއެފްޕީއޭ ގުޅިގެން 'ސްމާޓް ކެއަރ' ސިޔާސަތުތަކެއް އެކުލަވާލަނީ

ރާއްޖޭގެ އާބާދީގެ ދެމެހެއްޓެނިކަން ކަށަވަރުކުރުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތާއި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) ގުޅިގެން 'ސްމާޓް ކެއަރ' ސިޔާސަތުތަކެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ އާބާދީއަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ އާބާދީގެ މެދު އުމުރު މިހާރު ވަނީ 16 އަހަރުން 33 އަހަރަށް މަތިވެފައެވެ. މި ބަދަލާއެކު، އަންދާޒާ ކުރެވޭ ގޮތުގައި 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ އުމުރުން ދުވަސްވީ މީހުން ގިނަ އާބާދީއަކަށް ވެގެންދާނެއެވެ. މިއީ ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމެއްކަމަށް ބެލެވެއެވެ.

ރާއްޖޭގައި ދަރިމައިވުމުގެ ނިސްބަތް ދަށްވަމުންދާކަން ފާހަގަކުރަމުން ހެލްތު މިނިސްޓްރީން ބުނީ، މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިގްތިސާދީ ނުތަނަވަސްކަމާއި، ވަޒީފާގެ މާހައުލާއި އަމިއްލަ ދިރިއުޅުން އެއްހަމައެއްގައި ބެލެންސްކުރުމަށް ހުރި ހުރަސްތައް ހިމެނޭ ކަމަށެވެ. މިކަންކަމަށް ހައްލު ހޯދުމަކީ އާބާދީގެ ދެމެހެއްޓެނިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މީގެ އިތުރުން، ރާއްޖޭގެ ޒުވާނުންގެ ތެރެއިން 19 އިންސައްތަ ކުދިންނަކީ ކިޔަވަމުން ނުދާ، ވަޒީފާއެއް ނެތް އަދި އެއްވެސް ކަހަލަ ތަމްރީނެއް ހޯދަމުން ނުދާ ކުދިންކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ ގައުމުގެ އުފެއްދުންތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވަމުންދާތީ، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަކީ ދައުލަތަށް އަތްފޯރާ ފަދަ އަދި ދެމެހެއްޓެނިވި ނިޒާމަކަށް ހެދުމަށްޓަކައި ހާއްސަ ސިޔާސަތުތަކެއް ބޭނުންވާކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ. އަލަށް އެކުލަވާލެވޭ 'ސްމާޓް ކެއަރ' ސިޔާސަތުތަކުގެ ސަބަބުން މި ހުރިހާ ދާއިރާއަކުން ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން