އަޚުލާޤީ ގޮތުން ފުރިހަމަ ދަރިވަރުންތަކެއް ބިނާކުރުމަށް ދުނިޔޭގެ ކުރިއަރާފައިވާ އުސޫލުތައް މުހިންމު: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަޚުލާޤީ ގޮތުން ފުރިހަމަ ދަރިވަރުންތަކެއް ބިނާކުރުމަށް ދުނިޔޭގެ ކުރިއަރާފައިވާ އުސޫލުތައް މުހިންމު: ވަޒީރު

އަޚުލާޤީ ގޮތުން ފުރިހަމަ ދަރިވަރުންތަކެއް ބިނާކުރުމަށްޓަކައި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ގެންގުޅޭ ކާމިޔާބު އުސޫލުތަކަށް އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށް މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "މަތީ އަރުތަވެރިންގެ އިނާމު 2025" ދިނުމުގެ ރަސްމިއްޔާތުގެ ތިންވަނަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ދަރިވަރުންގެ ތަރުބިއްޔަތާއި އަޚުލާޤަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވާފައެވެ.

މިގޮތުން ސަރުކާރުން ފައްޓަވާފައިވާ "ބިންގާ" ތަރުބަވީ ޕްރޮގްރާމުގެ ފުރަތަމަ ޓާމުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިމިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ޓާމުގެ ތެރޭގައި އެކަނިވެސް 3،900 އަށްވުރެ ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމަނިކުފާނު މަޢުލޫމާތު ދެއްވިއެވެ.

މި ހަރަކާތްތަކަކީ ދަރިވަރުންގެ ކިބައިގައި ނަމާދުކުރުމާއި، އޯގާތެރިކަމާއި، ޤައުމީ ލޯތްބާއި، ޒިންމާދާރުކަން ފަދަ މުހިންމު ސިފަތައް ހަރުލެއްވުމަށް އަމާޒުކޮށްގެން ހިންގުނު ހަރަކާތްތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ދަރިވަރުންނަކީ މުޖުތަމަޢަށް ފައިދާހުރި، އަޚުލާޤީ ގޮތުން ވަރުގަދަ ބަޔަކަށް ހެދުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.

ބާމިންހަމް ޔުނިވަރސިޓީގެ ދިރާސާއަކާ ހަވާލާދެއްވަމުން ވަޒީރު ވިދާޅުވީ، 97 އިންސައްތަ މީހުން އަޚުލާޤު ބައްޓަންކުރުމަކީ ސްކޫލުތަކުގެ މުހިންމު ދައުރެއް ކަމަށް ޤަބޫލުކުރާ ކަމަށެވެ. އެހެންކަމުން، ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންގެ އަޚުލާޤީ މިންގަނޑުތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން