ރީތި ތާރީޚެއް އަންނަންދެން ބަލަން ނުހުންނާށެވެ!
ރަނގަޅު ވަޤުތެއް ޖެހްނދެންވެސް ބަލަން ނުހުންނާށެވެ! ނަމާދެއް ކުރާށެވެ! އަދި އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާއަށް ދަންނަވާށެވެ.
"ޔާ ﷲ! މިއަޅާއަށް އިނބަ ﷲ ތަޢާލާގެ ޙަޟްރަތާއި ދުރުވެގެން ހުރެވިއްޖެއެވެ. ފާފަތަކެއްވެސް ކުރެވިއްޖެއެވެ. އެކަން ވިސްނި މިހުރީ އިނބަ ﷲ ގެ ޙަޟްރަތަށް އެނބުރި ޙާޟިރުވެގެންނެވެ. މިގޮތުގައި ޘާބިތުވެ ހުރުމަށް މިއަޅާއަށް ތައްފީޤް ދެއްވަވާނދޭވެ!"
މިވެނި ކަމެއް ﷲ ތަޢާލާ ނިންމަވާނީ މިވެނި ގޮތަކަށްކަމަށް ބުނަން އެނގޭނެ ހަމައެކަކުވެސް ނުހުންނަވާނެއެވެ. ނަމަވެސް ވަރަށް ކެރިހުރެ ބުނަން ކެރިދާނެއެވެ. ހިތުގައި އިޚްލާޞްތެރިކަން ބާއްވައިގެން ﷲ ތަޢާލާގެ ޙަޟްރަތުގައި މިފަދައިން ދަންނަވައި ޢަމަލުކޮށްފިނަމަ އެމީހަކަށް ރަޙްމަތް ލައްވަވައި އެމީހަކަށް ބަންދުވެފައި ހުރި ދޮރުތައް ހުޅުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
މިހެން ބުނަން މިކެރެނީ ކީއްވެގެން ހެއްޔެވެ؟ ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވާ މީހަކުނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް އެނބުރި ތައުބާވުމުން އެމީހެއްގެ ތައުބާ ޤަބޫލުފުޅު ކުރައްވަވައި އެމީހަކަށް ހެޔޮ ރަޙްމަތް ލައްވަވާނެކަމަށް ﷲ ތަޢާލާ ކީރިތި ޤުރްޢާނުގައި ވަޙިކުރައްވަވާފައި އޮތުމުންނެވެ.
- މަޢުލުމާތު: ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން