"ރޭ ވަރަށް އެހެންކަހަލަ ކަމެއް ދިމާވެއްޖެ!
މީހަކު ބެލްޖެހީމާ ދޮރުހުޅުވިއިރު ހުރީ އަންހެނެއް! ބުނީ އޭނާ އިނީ އަހަރެންގެ ފިރިމީހާއަށް ބަލިވެކަމަށް! އަހަރެން އަހައިލީ ބަލިވެ އިނީ މުޢްޖިޒާތަކުންތޯ ނޫނީ ދެމީހުން ޖިމާޢުވެގެންތޯ؟ އޭނާ ބުނީ ޖިމާޢުވެގެންކަމަށް! އަހުރެން ބުނިން ތިއައޭ މައްސަލައަކީ! ތިއަ އޮތީ ގޯސްހެދިފައޭ! އެންމެ ބޮޑު ފާފައެއް ކުރެވިފައޭ! ދެންވެސް އަވަހަށް ތައުބާވާށޭ!"
"ގެއަށް ވަންނަން އުޅެން ފެށީމާ ބުނިން މިގެއަށް ވަންނާނެ ކަމެއް ނެތޭ! ތިއަ ކަމެއް ކުރީ މިގެއަކު ނޫނެއް ނޫންހޭ! ތިއަކަމެއް ކުރިތަނަކަށް އަވަހަށް އެނބުރިދާށޭ! އަހުރެމެން ދެމަފިރިންގެ ދޭތެރެ ޖައްސުވަން އުޅޭނެކަމެއް ނެތޭ! އެކަމެއް ނުވާނެއޭ!"
"ދެން އޭނާ ކިޔައިދިނީ އޭނާއަށް ފިރިމީހާ ކުރާ ޚަރަދުތަކުގެ ވާހަކަ. ތަނެއް ހިފާފައި ބައިންދާފަ އިންނަ ވާހަކައާ ޚަރަދުކުރަން ފައިށާދޭ ވާހަކަ. އަހަރެން ބުނިން ތިއަކަމުގަ އެއްވެސް މައްސަލައެއް ނެތޭ. ފިރިމީހާ އެ ޚަރަދުކުރަނީ އޭނާގެ ފައިސާއޭ. ހަރާމް ގޮތުގަ ޚަރަދުކުރީމަ އެކަމުގެ ޢަޛާބު ދެއްވަވާނީ ފިރިމީހާއަށޭ!"
"ދެން އޭނާ ސުވާލުކުރީ ފިރިމީހާ އެގޮތަށް އުޅޭތީ ދެރަނުވޭތޯ؟ އަހަރެން ބުނިން ކުރިން ވަރަށް ދެރވިއޭ! އެކަމަކު އަބަދު އެހެން އުޅޭތީ މިހާރު ދެރައެއް ނުވަމޭ! މިހާރުވެސް ތިއަ ގޮތަށް 2،3 އަންހެނުން ވިހައިފިއޭ! އެކުދިން ބަލާކަށް އަހަރެންނަކަށް ނުޖައްސައޭ! އެހެންވެ އެއްވެސް ބުރައެއް ނޫނޭ!"
"އެނބުރި ދިއައީ ފިރިމީހާއަކީ ވަރަށް ބޮޑު މަކަރުވެރިއެއްކަމަށްބުނެ ފިރިމީހާއަށް އެއްޗެތިގޮވަމުން! ދާންފެށީމަ ގޮވާގެނެސްފަ ބުނިން އަމިއްލަ ނަފްސަށް ބަލާށޭ. ފިރިމީހާއަށް އެޗްއައިވީ ޖެހިފަހުރިކަމަށް ޝައްކުވާތީ އަހަރެން މިހުންނަނީ ގުޅުން ނުހިންގައި ދުރުހެލިވެގެންނޭ!"
ވާހަކަ މިހިސާބަށް ގެންދާއިރަށް އެކުވެރިޔާ ސުވާލުކުރީ ފިރިމީހާ އާއިމެދު އެހާބޮޑެތި ދޮގުތަކެއް ހެދީ ކީއްވެގެންތޯއެވެ؟ ޖަވާބުގައި ބުނީމެވެ. އޭނާއައީ ދެމަފިރިންގެ މެދުގައި ފިތުނަ އުފައްދުވާށެވެ. އެހެންވެ އެދެމީހުންގެ މެދުގައި ފިތުނައެއް އުފައްދައިލަން ބޭނުންވީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ބޭވަފާތެރިވާ ފިރިން ގިނަ ނަމަވެސް ބަލިވެ ނުއިންނަނީސްވެސް ބަލިވެއިން ކަމަށް ހެދިގެން ވާހަކަދައްކާ އަންހެނުންވެސް މަދެއް ނޫނެވެ. އެމީހުންގެ ކުރިމަތީގައި ބަލިކަށިނުވާށެވެ! ދެމަފިރިންގެ މައްސަލަ ޙައްލުކުރާނީ ދެމަފިރިން އެކަނި ތިބެއެވެ. މިބާވަތުގެ އަނަހެނުންގެ ކުރިމައްޗަކު ނޫނެވެ.
މިހެން ބުނަންޖެހެނީ ކުށް ކުރެވުނަސް އެކަން ޤަބޫލުކޮށް މާފަށް އެދުމުން އެކަން މައްސަލައަކަށް ނުހަދައި އެކުގައި އުޅެން ބޭނުންވާ އަންހެނުންވެސް އަދި ފިރިހެނުންވެސް ތިބެއެވެ. ވީމާ އިތުރު މީހެއްގެ ކުރިމަތީގައި ޒުވާބުކޮށް އަގުވައްޓައިލުމުން ލިބޭނެ ހުތުރު މާބޮޑުވާނެތީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް