މަރްޔަމް ސާޖިދާ
ކުޑަކުދިންގެ ހިތްތަކަކީ ސާފު، ކަންކަން އަވަހަށް ނަގައިގަންނަ ބައެކެވެ. އެބިމުގައި ހެޔޮލަފާ އޮށްތައް އިންދުމަކީ އަޅުގަނޑުމެން މައިންބަފައިންގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތެވެ. މިއަދުގެ ޑިޖިޓަލް ޒަމާނުގައި މިއަދުގެ ގިނަ ކުދިން ނަމޫނާއަކަށް ބަލަނީ ފިލްމުތަކާއި ކާރޓޫނުތަކުން އެކުދިންނަށް ފެންނަ ޚިޔާލީ "ސްޕަރ ހީރޯ"އިންނެވެ. މުސްލިމް ދަރިންނަށް އަޅުގަނޑުމެން ދައްކަންވީ ޙަޤީޤީ ބަތަލުންނަކީ ކޮބައިހެއްޔެވެ؟ އެއީ އިސްލާމްދީނުގެ ޙައްޤުގައި ޤުރުބާނީތަކެއްވެ، ދުނިޔެ ބަދަލުކޮށްދެއްވި ރަސޫލާ ﷺ ގެ މާތް އަޞްޙާބު ބޭކަލުންނެވެ.
ކުދިންނަށް ނަމޫނާ ދައްކުވައިދޭނެ އެންމެ ފުރިހަމަ ޝަޚްޞިއްޔަތުތައް އަޅުގަނޑުމެނަށް ފެންނަން ހުރީ މާތް ނަބިއްޔާ ﷺ ގެ އަޞްޙާބު ބޭކަލުންގެ ޙަޔާތްޕުޅުން ކަމާއިމެދު ޝައްކެއްނެތެވެ. އަޅުގަނޑުމެންގެ ދަރިންނަށް ކިޔައިދޭންވީ އެބޭކަލުންގެ ޙަޔާތްޕުޅުގެ ވާހަކަތަކެވެ. އެބޭކަލުން އުފުއްލެވި ތަކުލީފު ތަކާއި، ކުރެއްވި ހިތްވަރުގެ ވާހަކަތަކެވެ. މާތް ނަބިއްޔާ އާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާއިމެދު އަދި އިސްލާމްދީނާއި މެދު އެކުދިންގެ ހިތްތަކުގައި ލޯބި އުފެދިގެންދާނީ އޭރުންނެވެ.
އަޞްޙާބު ބޭކަލުންނަކީ ތެދުވެރިކަން، އަމާނާތްތެރިކަން، ހިތްވަރުގަދަކަން، އަދި ދޫދިނުމާއި އޯގާތެރިކަމުގެ ދިރިހުރި މިސާލުތަކެކެވެ.
ވިސްނާލަންވި ކަމަކީ، އަޅުގަނޑުމެންގެ ދަރިން ނަމޫނާއަކަށް ބަލާނީ އަޅުގަނޑުމެން އެކުދިންނަށް ދައްކައިދޭ ބައެކެވެ. ޚިޔާލީ ދުނިޔެއެއްގެ ބަތަލުންނަށްވުރެ، މާ ހިތްވަރުގަދަ ބަޠަލުންތަކެއް އަޅުގަނޑުމެންގެ ތާރީޚުން ފެންނަން އެބަހުއްޓެވެ. އެބޭކަލުންގެ ވާހަކަތަކުން ދަރިންގެ ހިތްތައް އަލިކޮށްދިނުމަކީ އެކުދިންގެ ދިރިއުޅުމުގެ ބިންގާ ވަރުގަދަވެގެންދާނެކަމެކެވެ.