ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 13

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 13

މެންދުރު ނަމާދަށް ބަންގި ގޮވައިލުމުން ރުސްތުމް ބުންޏެވެ. [ޢުމަރު އަހަރެންގެ މޭގަނޑު ފޫއަޅުވައިލައިފިއެވެ.] އޭނާ ޢުމަރުގެފާނުގެ ނަންފުޅު ބުނީ ޢުމަރުގެފާނަކީ އިސްލާމީ އުންމަތުގެ ލީޑަރު ކަމުގައިވާތީއެވެ. މުއައްޒިނަކީ އެކަލޭގެފާނު ތަމްސީލުކޮށްދޭ ފަރާތެވެ. 

ހަނގުރާމައިގެ ފުރަތަމަ ދުވަސް

ހަނގުރާމައިގެ ފުރަތަމަ ދުވަސް މަޝްހޫރުވެފައިވަނީ [ޔައުމު އަރުމާޘް] (يَوْم أَرْمَاث) ގެ ނަމުންނެވެ. އިސްލާމީ ލަޝްކަރުގެ އެންމެ އިސް ކޮމާންޑަރުގެ ރޭވުންތެރިކަމުގެ މަތީން، އެކަލޭގެފާނު ބާރު އަޑުފުޅުން ﷲ އަކްބަރު އޭ ގޮވައިލެއްވިއެވެ. އޭރު ޤުރްއާން ކިޔަވައިވިދާޅުވާ ބޭކަލަކު އަންފާލު ސޫރަތް ބާރު އަޑުފުޅުން ކިޔަވައިވިދާޅުވަމުން ގެންދެވިއެވެ. ސަޢުދުގެފާނުގެ އަޑުފުޅާއެކު މުޖާހިދުންވެސް ﷲ އަކްބަރު އޭ ގޮވައިލިއެވެ. މި އަޑުގެ ބާރުކަމުން ލަޝްކަރުގެ އަނެއް ފަރާތަށްވެސް އަޑު ގުގުމައިގެން ދިޔައެވެ. ސަޢުދުގެފާނު ފުރަތަމަ ފަހަރަށް ﷲ އަކްބަރު އޭ ގޮވައިލެއްވުމުން ލަޝްކަރު ހަނގުރާމައަށް ތައްޔާރުވެއްޖެއެވެ. ދެވަނަ ފަހަރު ﷲ އަކްބަރު އޭ ގޮވައިލެއްވުމުން ލަޝްކަރުގެ މުޖާހިދުން ހަނގުރާމައިގެ ހަތިޔާރު އަޅައިފިއެވެ. ތިންވަނަ ފަހަރު ﷲ އަކްބަރު އޭ ގޮވައިލެއްވުމުން ލަޝްކަރުގެ އަސްވާރުން ކުރިއަށް ޖެހިވަޑައިގެންފިއެވެ. ސަޢުދުގެފާނު ހަތަރުވަނަ ފަހަރަށް ތަކުބީރު ވިދާޅުވުމާއެކުގައި ހަނގުރާމަ ފެށިއްޖެއެވެ.

އިސްލާމްދީނުގެ ދިފާޢުގައި ފިދާވެވަޑައިގަތުމަށްޓަކައި ތައްޔާރަށް ތިއްބެވި މުޖާހިދުން ކަނޑިއާއި ލޮންސި ހިފައިގެން ކުރިއަށްޖެހި، ދުޝްމަނުންގެ ލަޝްކަރު ހާވިޔާކުރަން ފަށައިފިއެވެ. ހަނގުރާމައިގެ އެންމެ ފުރަތަމަ ބުރުގައި އޮތީ ވަކިވަކިން މުބާރަޒާ ކުރުމެވެ. ޢަމްރޫ ބިން މަޢުދީކަރިބާއި ތުލައިޙާ ބިން ޚުވައިލިދު އެ ބޭކަލުންގެ ފަންވަރާއި ޖޯޝް ހަނގުރާމައިގެ ތެރޭގައި ދައްކައިލެއްވިއެވެ. އީރާނުގެ އެތައް ބަޔަކު ޤަތުލުކޮށްފިއެވެ. އެތައް ބަޔަކު ހައްޔަރުކޮށްގެން ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަ ﷲ ޢަންހުގެ ކުރިފުޅުމައްޗަށް ގެންނެވިއެވެ. ހަނގުރާމައިގެ އެންމެ ފުރަތަމަ ބުރުންވެސް މުސްލިމުންގެ ކޮޅަށް ހަނގުރާމައިގެ ތިލަފަތް ބުރަވިއެވެ.

ޢަމްރޫ ބިން މަޢުދީކަރިބަކީ އިސްކޮޅުފުޅުން ދިގު ބޭކަލެކެވެ. ވަރަށް ވަރުގަދަ ބޭކަލެކެވެ. އެކަހެރިކޮށް މުބާރަޒާ ކުރުމަށް ވަރަށް ކުޅަދާނަފުޅު ބޭކަލެކެވެ. އެ ކަމުގެ ތަޖުރިބާކާރެކެވެ. މިގޮތަށް އެކަހެރިކޮށް ދުޝްމަނުންނާ މުބާރަޒާކޮށްގެން މޮޅުވާ ބަޔަކު އެ ލަޝްކަރެއްގެ ތެރޭގައި ވާނަމަ، އެ ލަޝްކަރުގެ މީހުންނަށް އިތުރު ހިތްވަރެއް ލިބޭކަމަށްވަނީ ޤަބޫލުކުރެވިފައެވެ.

ހަނގުރާމައިގެ ތިލަފަތް މުސްލިމުންނާ ވީކޮޅަށް ބުރަވާތަން ފެނުމުން، ރުސްތުމް އޭނާގެ ސިފައިންނަށް މުސްލިމުންނަށް ޢާއްމު ކުއްލި ހަމަލާއެއް ދިނުމަށް އަންގައިފިއެވެ. ދުޝްމަނުންގެ ލަޝްކަރުގެ އެންމެ ކުރީގައި އޮތީ އެބައިމީހުން ގެނައި 13 އެތެވެ. އެ އެތްތައް ކައިރީގައި ހަނގުރާމަކުރުމަށް ތައްޔާރަށް ތިބި 4,000 ސިފައިން ތިއްބެވެ. އެބައިމީހުން ހަމަލާދިނީ އިސްލާމީ ލަޝްކަރުގެ ތެރެއިން ބަނޫ ބުޖައިލާގެ މީހުން ތިބި ދިމާލަށެވެ. ހަނގުރާމައިގެ މައިދާނުން ދުވަހަކުވެސް މުސްލިމުންނަށް އެތްތަކެއް ފެނިފައެއް ނެތެވެ. މި ކަންތައްވީ އެބައިމީހުންނަށް އާ ކަމަކަށެވެ. ބިރުވެރިކަމަކަށެވެ.

އެތްތަކުގެ ސަބަބުން ބަނޫ ބުޖައިލާގެ މީހުންނަށް އެތައް އުނދަގޫތަކެއް އުފުލަން ޖެހިއްޖެއެވެ. އެތަން ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަ ﷲ ޢަންހުއަށް ފެނިވަޑައިގެން، އެތަނަށް ތުލައިޙާ ބިން ޚުވައިލިދާއި އޭނާއާއެކުގައި ހަނގުރާމަކުރާ މީހުން ފޮނުއްވައިފިއެވެ. އެކަލޭގެފާނު އެތަނަށް ވަޑައިގެން ވަރަށް ވަރުގަދައަށް ހަނގުރާމަކުރައްވަން ފެއްޓެވިއެވެ. އީރާނުގެ އެތައް ބަޔަކު ޒަޚަމްކޮށް، ބަނޫ ބުޖައިލާގެ މީހުންގެ ކައިރިން އެތްތައް ފޮނުވައިލެއްވިއެވެ. އެތަން ދެކެފައި އީރާނުގެ މީހަކު ތުލައިޙާއަށް ގޮންޖަހައިލައިފައި އޭނާއާ މުބާރަޒާ ކުރުމަށް ގޮވައިލައިފިއެވެ. ތުލައިޙާ ބިން ޚުވައިލިދު ވިދުވަރެއް ފަދައިން ވަޑައިގެން އޭނާގެ ކަންތައް ނިންމައިލެއްވިއެވެ.

ހަނގުރާމައިގެ އެންމެ ކުރީގައި ކޮޅުކޮޅަށް ދުވަމުންދިޔަ އެތްތަކުގެ ސަބަބުން މުސްލިމުންނަށް އެތައް މުސީބާތެއް ޖެހެމުންދިޔައެވެ. ކުރިންވެސް ދެންނެވިފައިވާނެ ފަދައިން، އެތްތަކުގެ ބުރަކަށިމަތީގައި ބަހައްޓައިފައިވާ ހައުދަޖުތަކުގެ މަތީގައި ހަނގުރާމަވެރި ސިފައިން ތިއްބެވެ. އެތްތައް ފެނި މުސްލިމް މުޖާހިދުން ސަވާރުވެގެން ތިބި އަސްތައްވެސް ބިރުން ފިލަން އުޅެން ފަށައިފިއެވެ. އެތްތަކުން އަންނަ ހަމަލާތަކުގެ ސަބަބުން މުޅި ލަޝްކަރަށް ބިރުވެރިކަމާއި ސިހުން ގެނުވައެވެ. އެތްތަކަށް ބިރުން އަސްތައް ކިޔަމަންތެރި ނުވެގެން އުޅޭތަން ފެނިވަޑައިގެން، ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަ ﷲ ޢަންހު ބަނީ ތަމީމުގެ ވެރިޔާ ޢާޞިމް ބިން ޢަމްރުއަށް ވިދާޅުވިއެވެ. [ކަލޭގެފާނަކީ ޖަމަލާއި އަހުގެ ވެރިޔަކީމު ނޫންހެއްޔެވެ؟ ކޮންމެވެސް ހީލަތެއް ހައްދަވައިގެން މި އެތްތަކުގެ އުނދަގުލުން ސަލާމަތްކޮށްދެއްވާށެވެ.] ޢާޞިމް ބިން ޢަމްރު ދެންނެވިއެވެ. [އެ ކަމުގެ ޙައްލު ދާދި އަވަހަށް ހޯދައިދޭނަމެވެ. ނިކަން ބައްލަވާށެވެ.] މިހެން ވިދާޅުވެފައި ތަމީމުވަންހައިގެ ތީރުވެރިންނާއި ކަނޑިހެވިކަމަށް މަޝްހޫރު މީހުންކޮޅެއް ހޮވައިލެއްވުމަށްފަހު ވިދާޅުވިއެވެ. [އޭ ތީރުވެރިންނޭވެ! ތިޔަބޭކަލުންގެ ތީރުތަކުން އެތްތަކުގެ މީހުންނަށް ހަމަލާދީ، މުސްލިމް އަސްވާރުން މި މުސީބާތުން ސަލާމަތްކޮށްދެއްވާށެވެ.]

މިއަދު އޮންލައިން