ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދް ބިން ޚަލީފާ އަލް-ޘާނީ އަވަހާރަވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދް ބިން ޚަލީފާ އަލް-ޘާނީ އަވަހާރަވެއްޖެ

ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދް ބިން ޚަލީފާ އަލް-ޘާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވެއްޖެއެވެ. އެ މަނިކުފާނަކީ 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ޤަޠަރުގެ ވެރިކަން ކުރެއްވި، އެ ޤައުމުގެ ޒަމާނީ ތަރައްޤީގެ ބާނީގެ ގޮތުގައި ބެލެވޭ ޝަޚުޞިއްޔަތެކެވެ.

ޝައިޚް ޙަމަދްގެ ވެރިކަމުގައި ޤަޠަރުގެ އިޤުތިޞާދަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، ޤައުމުގެ އިޤުތިޞާދު 24 ގުނަ ކުރިއަރުއްވާފައިވެއެވެ. ޚާއްޞަކޮށް ތެލާއި ގޭހުގެ ސިނާއަތް ބައިނަލްއަޤުވާމީ ފެންވަރަށް ފުޅާކުރައްވައި، ޤަޠަރަކީ ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމަކަށް ހެއްދެވުމަށް އެ މަނިކުފާނު ވަނީ މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

އިނގިރޭސިވިލާތުން އަސްކަރީ ތަމްރީނު ހޯއްދަވާފައިވާ ޝައިޚް ޙަމަދަކީ ޤަޠަރުގެ އަސްކަރިއްޔާ ޒަމާނީކޮށް ވަރުގަދަކުރެއްވުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން، މީޑިއާގެ މިނިވަންކަމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ދުނިޔޭގެ މަޝްހޫރު އަލްޖަޒީރާ ޗެނަލް އުފެއްދެވުމަކީ އެ މަނިކުފާނުގެ ވެރިކަމުގައި ނިންމެވި ތާރީޚީ ނިންމެވުމެކެވެ.

ޤައުމުގެ ސިޔާސީ ނިޒާމަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި، ޤަޠަރުގެ ފުރަތަމަ ދާއިމީ ޤާނޫނުއަސާސީ އެކުލަވައިލެއްވުމާއި، އަންހެނުންނަށް ވޯޓުލުމުގެ ޙައްޤު ހޯއްދަވައިދެއްވުން ހިމެނެއެވެ. މި އިޞްލާޙުތަކާއެކު ޤަޠަރަކީ ދުނިޔޭގެ ސިޔާސީ މަރުކަޒަކަށް ހެއްދެވުމަށް އެ މަނިކުފާނު ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.

ޝައިޚް ޙަމަދް ބިން ޚަލީފާ އަލް-ޘާނީ ވެރިކަމުން ދުރުވެވަޑައިގަތީ 2013 ވަނަ އަހަރު، އެ މަނިކުފާނުގެ ދަރިކަލުން އަދި މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އަލް-ޘާނީއަށް ވެރިކަން ހަވާލުކުރެއްވުމަށްފަހުގައެވެ.

މިއަދު އޮންލައިން