މިދިޔަމަހު މުދަލު ޒަކާތުގެ ގޮތުގައި 21.2 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
މިދިޔަމަހު މުދަލު ޒަކާތުގެ ގޮތުގައި 21.2 މިލިޔަން ރުފިޔާ ލިބިއްޖެ

ނިމިދިޔަ ޖޫން މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރުވެއްޖެ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން އާންމުކޮށްފައިވާ މިދިޔަ ޖޫން މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން، އެ މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 21.2 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 10.6 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތަ އިތުރު އަދަދެކެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކުމުގެ ފުރުސަތު އޮންނައިރު، ގިނަ ބަޔަކު އަންނަނީ ގަވާއިދުން ޒަކާތް ދައްކަމުންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 79.6 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 61.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު 29 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަދު އޮންލައިން