ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ރެކޯޑް އަދަދަކަށް ބޭރު ފައިސާ ވިއްކާފައިވާކަން އެ ބޭންކުން ހާމަކޮށްފިއެވެ. ބޭންކުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭންކުން ވަނީ ޖުމްލަ 1.7 ބިލިޔަން ޑޮލަރު ވިއްކާފައެވެ.
މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު 77 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. އެ މުއްދަތުގައި ބޭންކުން ވިއްކާފައިވަނީ 957 މިލިޔަން ޑޮލަރެވެ. ބޭންކުން ވިއްކި ފައިސާގެ ތެރޭގައި ކާޑު މުއާމަލާތްތަކާއި، ޓެލްގްރެފިކް ޓްރާންސްފަރ (ޓީޓީ)، ތައުލީމާއި ބޭސްފަރުވާގެ އިތުރުން ދަތުރުވެރިންނަށް ވިއްކި ފައިސާ ހިމެނެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 870 މިލިޔަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ ކުރީގެ މުއްދަތާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
މީގެ އިތުރުން، 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިޔަން ޑޮލަރު މި ބޭނުމަށް ވިއްކިއިރު، މިއަހަރު އެވްރެޖްކޮށް މަހަކު 37.8 މިލިޔަން ޑޮލަރު ދަނީ ވިއްކަމުންނެވެ. މިއީ ބޭރު ފައިސާގެ ބޭނުން ކަސްޓަމަރުންގެ މެދުގައި ބޮޑުތަނުން އިތުރުވެފައިވާކަން ހާމަކޮށްދޭ ހެއްކެކެވެ.