ޤައުމީ ކުތުބުޚާނާއަށް 81 އަހަރު ފުރުމުގެ މުނާސަބަތާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަސް ފާހަގަކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. ޤައުމީ ކުތުބުޚާނާގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ. މި ރަސްމިއްޔާތުގައި އެ ވުޒާރާގެ އިސްވެރިންނާއި ކުތުބުޚާނާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ކުތުބުޚާނާގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝިހާމް ވިދާޅުވީ، ދިވެހިރާއްޖޭގެ ކުތުބުޚާނާގެ ތާރީޚުގައިވެސް އެންމެ ފުޅާ ދާއިރާއެއްގައި މެނިފެސްޓޯއެއްގެ ދަށުން މަސައްކަތްތަކެއް ރޭވިފައިވަނީ މި ސަރުކާރުގައި ކަމަށެވެ. އެގޮތުން، ސިޓީތަކުގައި ޒަމާނީ ފެންވަރުގެ ކުތުބުޚާނާތައް ޤާއިމުކޮށް، ޒުވާނުންގެ މެދުގައި ދިރާސާކުރުމުގެ ޝައުޤުވެރިކަން އިތުރުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފާތިމަތު ޝިހާމް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ކުތުބުޚާނާގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި އަމާޒަށް ވާޞިލުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ކުތުބުޚާނާގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޚިދުމަތް ދިނުމުގެ އާންމު ޤަވާއިދު އިޞްލާޙުކޮށްފައިވާ ކަމަށެވެ. "މީގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކުރިމަތިވި ގިނަ ގޮންޖެހުންތަކަކަށް ޙައްލު ލިބިފައިވޭ،" ފާތިމަތު ޝިހާމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޤައުމީ ކުތުބުޚާނާގެ އިސްތިރާޖީ ރޭވުން މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި ކަމާގުޅުންހުރި މުއައްސަސާތައް އެއް ވުޒާރާއެއްގެ ދަށަށް ބަދަލުވުމާއެކު، ކުރިއަށް އޮތް ތަނުގައި މަސައްކަތްތައް އިތުރަށް ހަލުވިވެ، ޚިދުމަތްތައް ފުރިހަމަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.