ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ކީވޯލް ކެޕިންގ ކޮންކްރީޓް މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މުޅި މަޝްރޫޢު އެއްކޮށް ނިންމުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މުހިންމު މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ހިމެނެނީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 5 ސެގްމެންޓެއްގެ މަސައްކަތެވެ. މީގެ ތެރެއިން ސެގްމެންޓު 4 އަދި 5 (ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް) އޮތް ސަރަހައްދުގައި ތާރު އަޅާ މިހާރު ވަނީ ނިންމާލާފައެވެ. މި ސަރަހައްދުގައި މިހާރު ކުރިއަށްދަނީ މަގުގެ ނިޝާންތައް ކުރެހުމާއި، މަގު ބައްތި ހަރުކުރުމުގެ އިތުރުން ޓްރެފިކް ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތަކެވެ.

މަޝްރޫޢުގެ ބާކީ ހުރި މަސައްކަތްތަކަށް ބަލާއިރު، ސެގްމެންޓު 2 އަދި 3 ގެ ސަބް-ބޭސް މަސައްކަތްތަކާއި އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތްތައް މިރޭގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ. އަދި މި ސެގްމެންޓުތަކުގައި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލުމަކީ އެ ކުންފުނީގެ އަމާޒެކެވެ.

މި މަޝްރޫޢަކީ މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަޝްރޫޢެކެވެ. މަގުގެ މަސައްކަތް ނިމުމުން މާލޭގެ އުތުރު ފަރާތުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން