މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް އައު އިމާރާތެއް އެޅުމަށް އޮގަސްޓްމަހު ބަޔަކާ ހަވާލުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް އައު އިމާރާތެއް އެޅުމަށް އޮގަސްޓްމަހު ބަޔަކާ ހަވާލުކުރަނީ

މާލޭ ވޮކޭޝަނަލް ހައި ސްކޫލުގެ ކިޔެވުން ހަރުދަނާކޮށް، ދަރިވަރުންނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމަށްޓަކައި އެ ސްކޫލަށް މުޅިން އައުއިމާރާތެއް އެޅުމުގެ މަސައްކަތް މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މަތީ ތަޢުލީމާއި،މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ހުޅުމާލޭ ސީއެޗްއެސްސީގައި ބޭއްވި 'މަތީ އަރުތަވެރިންގެ އިނާމު 2025' ދިނުމުގެ ރަސްމިއްޔާތުގެ ހަތަރުވަނަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަޢުލީމީ ދާއިރާއަށް ގެންނަވަމުންދާ ހެޔޮ ބަދަލުތަކުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ސާނަވީއަށް ދަނީ އެންމެ 34 އިންސައްތަ ދަރިވަރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކާއި، ދަރިވަރުންނަށް ދެވުނު ހޭލުންތެރިކަމުގެ ނަތީޖާއެއްގެ ގޮތުން، މިހާރު މަތީ ސާނަވީގައި ކިޔަވާ ދަރިވަރުންގެ ނިސްބަތް 48 އިންސައްތައަށް އިތުރުވެފައިވާކަން ވަޒީރު އުފަލާއެކު ފާހަގަކުރެއްވިއެވެ.

މާލޭ ވޮކޭޝަނަލް ހައި ސްކޫލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، އެ ސްކޫލަކީ މިދިޔަ އަހަރު އުފައްދާފައިވާ ތަނެއް ކަމަށާއި، މިހާރުވެސް އެތަނުގައި ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ އެއްކަމަކީ މި އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް މުޅިން އައު އިމާރާތެއް އެޅުމަށް ބަޔަކާއި ހަވާލުކުރުމަށް ކުރަމުންދާ މަސައްކަތް،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޑަސްޓްރީތަކާ ގުޅިގެން ދަރިވަރުންނަށް މަސައްކަތުގެ މައިދާނުން ތަމްރީނު ލިބޭނެ 'ވޯކް ބޭސް އެޕްރެންޓިޝިޕް ޕާތްވޭ' ފުޅާކުރުމުގެ މަސައްކަތްވެސް އެޑިއުކޭޝަން މިނިސްޓްރީގެ ތެރެއިން ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ދަރިވަރުންނަކީ ކިޔަވައި ނިމޭއިރު ވަޒީފާގެ ބާޒާރަށް ތައްޔާރުވެފައިވާ، ހުނަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ.

މިއަދު އޮންލައިން