ޕެރޯލަށް އެދިފައިވާ ގިނަ އަދަދެއްގެ ގައިދީންނާ ޕެރޯލް ބޯޑުން އިންޓަވިއުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޕެރޯލަށް އެދިފައިވާ ގިނަ އަދަދެއްގެ ގައިދީންނާ ޕެރޯލް ބޯޑުން އިންޓަވިއުކޮށްފި

ޕެރޯލްގެ ފުރުޞަތަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއުކުރުމުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން މައުލޫމާތު ދެއްވި ގޮތުގައި، ޕެރޯލަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކޮށް، އެ ފަރާތްތަކާމެދު ގޮތެއް ނިންމުމަށްޓަކައި ޕެރޯލް ބޯޑުގެ ޚާއްޞަ ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުންތައް ކުރިއަށް ގޮސްފައިވަނީ 11 ޖުލައި 2026 ގައި މާފުށި ޖަލުގައެވެ.

މި ދަތުރުގެ ތެރެއިން ޕެރޯލް ބޯޑުގެ މެންބަރުން ވަނީ މާފުށި ޖަލުގައި ގައިދީން އިޞްލާޙުކޮށް އަލުން މުޖުތަމައަށް ނެރުމަށްޓަކައި ހިންގޭ ތަފާތު ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ކޯސްތަކުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އެގޮތުން، ޖަލުގައި ކުރިއަށްދާ ވޮކޭޝަނަލް ޓްރޭނިންގ ސައިޓަށް ޒިޔާރަތްކޮށް، އެ ތަނުގައި ކުރިއަށްދާ މަސައްކަތްތަކާއި ތަމްރީނުތައް ހިނގާގޮތް މެންބަރުން ގާތުން ބައްލަވާލެއްވިއެވެ.

ޕެރޯލް ބޯޑުން ގައިދީންނާ އިންޓަވިއުކުރުމުގެ މައިގަނޑު މަޤްޞަދަކީ، އަދަބު ތަންފީޛުކުރަމުންދާ ފަރާތްތަކުގެ ތެރެއިން އަޚުލާޤު ރަނގަޅު، މުޖުތަމައަށް ނުކުތުމަށް ތައްޔާރުވެފައިވާ ފަރާތްތަކަށް ޤާނޫނުގެ ތެރެއިން ދެވެން އޮތް ލުއިތައް ދިނުމެވެ. މިގޮތުން ބޯޑުން ނިންމާ ނިންމުންތަކުގައި ގައިދީންގެ އަޚުލާޤަށާއި، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ މިންވަރަށް ރިއާޔަތްކުރެވޭނެއެވެ.

މިއަދު އޮންލައިން