މުސްލިމުންނަށް އޮތީ ދަތިޙާލުގައި، ޚާއްޞަކޮށް ބަނޑުހައި ކަމުގައި ހުރި މީހަކު ފެނިއްޖެނަމަ އެމީހަކަށް އެހީތެރިވުމެވެ. އެމީހަކަށް ކުރެވެން އޮތް މިންވަރަކުން ޞަދަޤާތް ކުރުމެވެ. ޚާއްޞަކޮށް ޢުމުރުން ދުވަސްވީ މީހުންނަށާއި ބަލިކަށި މީހުންނަށާއި މާބަނޑު އަންހެނުންނަށް އެހީތެރިވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
ހިތާމައަކީ އެކަން ނުވިސްނޭ މީހުން އުޅޭކަމެވެ. ސަލާންޖެހުމުން އެއްޗެއް ނުދޭތަނުގައި ދެރަކޮށް ނިކަމެތިކޮށްލުމަކީވެސް ކުރާކަމަކަށްވުމެވެ. ކޮންމެއަކަސް ދަތިޙާލުގައި، ހައިހޫނުކަމުގައިވާ މީހުންނަށް އެހީތެރިވުމަކީ އެކަމުގައި ބަރަކާތް ލައްވަވާ ކަމެކެވެ. ތިރީގައި ބަޔާންމިކުރާ ވާހަކައިންވެސް އެނގިގެންދާނީ އެކަމެވެ.
އޭނާއަކީ މަގުމަތީގައި އުޅެންޖެހިފައިވާ މާބަނޑު އަންހެނެކެވެ. އޭނާ ރެސްޓޯރަންޓަކަށްވަނީ ބަނޑުހައިގަނެގެން ކެތްނުކުރެވޭވަރުވުމުން ކާއެތިކޮޅަކަށް އެދި ސަލާންޖަހާށެވެ. ކުނިވެފައި ނުވަތަ ބާކީވެފައި ހުރި ކާއެތިކޮޅެއް ނަމަވެސް ދޭތޯއެވެ!
އޭނާއަށް ކުރިމަތިވީ ވަރަށް ދެރަ ގޮތެކެވެ. އެއްޗެތި ގޮވައި އޭނާ ލައިގެން ހުރި ފޭރާމަށް ބަލައި އެއްވެސް އެއްޗެއްނުދީ ގަދަކަމުން ބޭރުކޮށްލީއެވެ.
ރެސްޓޯރަންޓަށް ކާންވަދެ ތިބި މީހުންގެ ތެރެއިން މަންޒަރުބަލަން އިން ފިރިހެނެއްގެ ހިތުގައި ހަމްދަރުދީ އުފެދިގެން އޭނާ އަނބުރާ ރެސްޓޯރަންޓަށް ވައްދައި އޭނާ އާއި އެއް މޭޒުގައި ބައިންދައިގެން އޭނާއަށް ކާންދިނެވެ. އަދި އެމީހާ ބުންޏެވެ. "ކަލެއަށް ބެލުމުން ކަލެއަކީ މަގުމަތީގައި އުޅެބޮޑުވި އަންހެނެއް ވައްތަރެއް ނުޖަހައެވެ. ތިއަޙާލު ޖެހުނީ ކީއްވެގެން ހެއްޔެވެ؟"
ޖަވާބުގައި ކިޔައިދިނެވެ. "ބަލިވެއިންކަން އެނގުމުން ފިރިމީހާ ވަރިކޮށްފައި އެއްލައިލީއެވެ. އޭނާ އަހަރެން ހޯދައިގެން ކައިވެނިކުރީ އެކަނިވެރިން ހިލޭ ބައިތިއްބާ ހޮސްޓެލެއްގައި އިންދައެވެ. އެހޮސްޓެލްގައި މިހާރު ޖާގަ ނެތުމުން މަގުމަތީގައި އުޅެން ޖެހުނީއެވެ."
ކައިނިމުމުން ފިރިހެން މީހާ އޭނާ ގެންދިއައީ އޭނާ ދިރިއުޅޭގެއަށެވެ. ދިއަ މަގުމަތީގައި އެކަށީގެންވާ ރީތި ހެދުންވެސް ގަނެދިނެވެ. ރީތިވާނެ އެއްޗެތިވެސް ގަނެދިނެވެ. ގެއަށް ގެންގޮސްފައި ބުނީ ފެންވަރައިގެން ރީތި ހެދުން ލައިގެން ނުކުތުމަށެވެ.
އަންހެން މީހާ ފެންވަރައި ރީތިވެގެން ނުކުތުމުން ފިރިހެން މީހާ ބުންޏެވެ. "ތިއަހާ ރީތި އަންހެނަކު މަގުމައްޗަށް އެއްލައިލި މީހާ ވާނީ ބޮޑު މޮޔައަކަށެވެ. މިއީ އަހަރެންގެ ގެއެވެ. މިގޭގައި އަދި އުޅެނީ އަހަރެންނާއި ނޯކަރުންނެވެ. މީގެފަހުން މިގޭގެ އޮޅިގަނޑަކީ ކަލެއެވެ." އެހެން ބުނުމުން އަންހެން މީހާއަށް އުފަލުން ރޮވުނެވެ.
އޭނާ ބުނީ އަންހެން މީހާއަށް ހެޔޮކޮށްހިތަން އޭނާ ނިންމީ އޭނާގެ ދެ އަންހެންކޮއްކޮވެސް ވިހެއުމުގެތެރޭގައި ނިޔާވެފައިވުމުން ދެކޮއްކޮއަށާއި މަންމައަށް ކުރާ ޞަދަޤާތެއްގެ ގޮތުން ކަމަށެވެ. "އަހަރެންނަކީ މަސައްކަތް ނިމުމުން އަބަދު ގޭގައި އުޅޭ މީހެއް. އެކަނިވީމާ މިހާރު ވަރަށް ފަޅު. މިގޭގައި ހުރެދީފިނަމަ އަހަރެންގެ އެކަނިވެރިކަންވެސް ފިލާނެ. އަދި އަހަރެންނަށާއި އަހަރެންގެ މަންމައަށާއި އަދި އަދި ދެކޮއްކޮއަށްވެސް ޘަވާބު ލިބޭނެ އަޅުކަމަކަށްވެސްވާނެ! އިން ޝާ ﷲ"
އޭނާ އަންހެން މީހާއަށް ހެޔޮކޮށް ހިތިއެވެ. ޑޮކްޓަރަށް ދައްކައިދިނެވެ. ވިހެއުމުގެ ކަންކަންވެސް ބަލައިދިނެވެ. ވިހައި ގަދަވުމުން ދެމައިން ގެއަށް ގެނެސް ހެޔޮކޮށް ހިތިއެވެ. ބަދަލުގައި އެއްވެސް ކަމަކަށްވެސް ނުއެދެއެވެ.
ދެމީހުން ދެ އެކުވެރިންގެ ގޮތުގައި ދިރިއުޅެމުން އައިސް 3 އަހަރުފަހުން ދެމީހުން ކައިވެނިކުރީއެވެ. ގޭގެ ޙަޤީޤީ އޮޅިގަނޑަކަށް އަންހެންމީހާވީއެވެ! އޭނާ ބުނިގޮތުގައި އަންހެން މީހާ ގޭގައި ގެންގުޅެ ހެޔޮކޮށް ހިތަންފެށީންސުރެ އެކި ގޮތްގޮތުން އޭނާއަށް އައީ ކުރިއެރުން ލިބެމުންނެވެ. ވީމާ އެފަދަ އަންހެނަކު ދޫކޮށްލަން ބޭނުންނުވީއެވެ.
މިއީ އަޅުގަނޑު ސޯޝަލްމީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ ކިޔާފައި ހިތަށް އެރި އެއްޗެތި ގިނަކަމުން މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލީއެވެ.
ވިސްނާށެވެ! އެމީހުން ރެސްޓޯރަންޓުން އޭނާ ބޭރުކޮށްލީ ކިހައި ބޮޑަށް ނިކަމެތިކޮށްލާފައި ހެއްޔެވެ؟ ސަލާންޖެހީމާ ކާނެ އެއްޗެއް ނުދިންތަނުގައި އެއްޗެތިގޮވައި ފަޟީޙަތްވެސް ކުރަމުންނެވެ. ނަމަވެސް އެކަން އެވީ އޭނާއަށް ލެއްވެވި ކިހާބޮޑު ރަޙްމަތަކަށް ހެއްޔެވެ؟ ކާނެ އެތިކޮޅެއް ދީފައި ފޮނުވާލިނަމަ އެއްވެސް މީހެއްގެ ސަމާލުކަމަށް އެކަމެއް ނާންނާނެއެވެ. އެފިރިހެން މީހާގެ ސަމާލުކަމަށް އެކަން އެއައީ އޭނާގެ ކުރިމަތީގައި ކަންތައްކުރި ގޮތުންނެވެ.
ބުނެލަން ބޭނުންވަނީ ނިކަމެތިން، ޚާއްޞަކޮށް މާބަނޑު އަންހެނުންނަށް ނިކަމެތި ގޮތްގޮތް ހަދަން ހެޔޮނުވާނެއެވެ. މާބަނޑު އަންހެނުންނަށް ނިކަމެތިކޮށް ކަންކަންކުރާނީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ހިތުގައި ނެތް މީހުންނެވެ! އިތުރަށް އެއްޗެއް ބުނާކަށް ނެތީމެވެ!
- ނަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް