ލަވައާ މިޔުޒިކް އަޑުއެހުމަކީ ހިތްހަމަޖެހުމާ ޝިފާލިބޭކަމެއް ކަމަށް ބުނާބައަކު އެބައުޅޭ! އެއީ ތެދަކަށްވާނެތޯ؟
ބުނެލަން އޮތީ ބައްޔަކަށްވިޔަސް އަދި ހިތުގައި އަޅާވޭނަކަށް ކަމުގައިވިޔަސް ޝިފާއަށް އެދިގެން ކުރަން އޮތްކަމަކީ ރީތި ރާގުތަކަށް ލަވަކިޔުމާއި މިޔުޒިކް ކުޅުމާއި ޅެމާއި ބަނދި ނުވަތަ ރައިވަރުކިޔުމެއް ނޫނެވެ. އަދި އަޑުއެހުމެއްވެސް ނޫނެވެ. ޝިފާލިބުން ވަނީ ޤުރްޢާން ކިޔެވުމުންނާއި އަޑުއެހުމުންނެވެ. ހިތަށް ހަމަޖެހުން ލިބުންވަނީ ﷲ ތަޢާލާ ހަނދުމަކުރުމުންނެވެ.
މިކަންކަމަކީ މުސްލިމުންނަށް ދެކޮޅުހެދޭނެ ކަންކަމެއް ނޫނެވެ. ކީރިތި ޤުރްއާނުން އެނގި ޔަޤީންވާ ކަންކަމެވެ. ނަމަވެސް މިބޮޑު ޙަޤީޤަތް އޮޅުވާލުމަށް ކުރާ މަސައްކަތް އިތުރުވަމުން އަންނާތީ ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޙަޤީޤަތް އެނގިލައްވާނެއެވެ. އިން ޝާ ﷲ
ދަންނާށެވެ! މިޔުޒިކަކީ ބައްޔެކެވެ! ބައްޔަކުން ބައްޔަކަށް ފަރުވާއެއް ނުހޯދޭނެއެވެ!
މިއުޒިކް ބޭނުންކޮށްގެން ބޭސްފަރުވާކުރުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟ ހަމަކަށަވަރުން ބައެއް މީހުން ދައުވާކުރާގޮތުގައި މިއުޒިކަކީ ނާރުތަކަށް ފައިދާހުރި އަދި އެއަށް ހަމަހިމޭންކަން ގެނެސްދޭ އެއްޗެކެވެ.
ޖަވާބު:
الحمد لله
މިއުޒިކުން ބޭސްފަރުވާކުރުމަކީ އަޞްލެއްއޮތްކަމެއްނޫނެވެ. އެކަމަކީ ތަންދޮރުނުފިލާމީހުން ކުރާ ކަމެކެވެ. މިއުޒިކަކީ ފަރުވާއެއްނޫނެވެ. ނަމަވެސް އެއީ ބައްޔެކެވެ. އެއީ މީހާ މަޝްޣޫލުކުރުވާ އެއްޗެކެވެ. ފަހެ އޭގެ ހުރިހާ އެއްޗަކީވެސް ހިތުގެ ބައްޔެކެވެ. އަދި އަޚްލާޤު ގޯސްވުމުގެ ސަބަބެކެވެ.
ފައިދާކުރަނިވި ފަރުވާއަކީ އަދި ބަލިމީހުންގެ ނަފްސަށް ހަމަޖެހުންގެނެސްދޭނެ އެއްޗަކީ ކީރިތި ޤުރްއާނެވެ. އަދި ފައިދާކުރަނިވި ނަޞޭޙަތެވެ. އަދި ޙަދީޘްއެވެ.
މިއުޒިކާއި މިއުޒިކް ސާމާނުތައް ބޭނުންކޮށްގެން ފަރުވާކުރުމާމެދު ދަންނައެވެ. އެފަދައިން ކަންތައްކުރުމުން އެފަދަ މީހުން އެއަށް ހޭނޭނެއެވެ. އަދި އެބައިމީހުންގެ ބަލީގެ މައްޗަށް ބަލިއިތުރުވާނެއެވެ. އަދި ޤުރްއާނާއި ސުންނަތާއި އަދި ފައިދާކުރަނިވި ނަޞޭޙަތް އަޑުއެހުމަކީ އެބައިމީހުންނަށް ބޮޑުކަމަކަށްވާނެއެވެ.
ولا حول ولا قوة إلا بالله .
ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله
ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ
______________________________________________
كتاب مجموع فتاوى ومقالات متنوعة لسماحة الشيخ العلامة عبد العزيز بن عبد الله بن باز رحمه الله . م/9 ص/417.
- ދިސަލަފިއްޔާ